މި ސަރުކާރުން ހުޅުވާލި ފްލެޓާއި ގޯތި މަޝްރޫއަށް އެދި ކުރިމަތިލީ މީހުންގެ ތެެރެއިން މައުލޫމާތު ފުށުއަރާ ކަމަށް ވެރިފިކޭޝަން މަރުހަލާގައި ފާހަގަވި މީހުންނަށް، އެކަންކަން ރަނގަޅުކުރުމަށް ދިން މުއްދަތު 21 ދުވަހަށް އިތުރުކޮށްދީފި އެވެ. 

މިގޮތަށް އަންގައި، މައުލޫމާތު ރަނގަޅުކުރުމަށް އެންމެ ފުރަތަމަ ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ. 

ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ހަވީރު ކުރި އިއުލާނެއްގައި ބުނީ އެޕްލިކަންޓުންނަށް އިތުރު ލުއިފަސޭހަކަން ދިނުމުގެ ގޮތުން އެ މުއްދަތު 21 ދުވަހަށް އިތުރުކުރަން ނިންމީ ކަމަށެވެ. 

އެހެންވެ، އެ މުއްދަތުގެ ތެރޭގައި ބޯހިޔާވަހިކަން ޕޯޓަލު މެދުވެރިކޮށް މައުލޫމާތު ސާފުކޮށްދިނުމަށާއި އެކަމާ ގުޅުން ހުރި ލިޔުންތައް ހުށަހެޅުމުގެ ފުރުސަތު އެޕްލިކަންޓަށް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އެއީ ފޯމުގައި މައްސަލަ ހުރެގެން އެކަމަށް ޖަވާބުދާރީވުމަށް ނުވަތަ އިއުތިރާޒެއް ވާ ނަމަ، އެކަން ބަޔާންކުރަން ނުވަތަ ޖަވާބުދާރީވާން ލިބޭ މުއްދަތެކެވެ. 

މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި މުއްދަތު މިދިޔަ ޖޫން މަހުގެ 15 ގައި ހަމަވިއިރު، ފޯމު ހުށަހަޅަން ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" އަށް 58،505 ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.

އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ފަށައި، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅީ ސައްހަ މައުލޫމާތުތޯ ކަމާބެހޭ އިދާރާތަކުން އަންނަނީ ކަށަވަރުކުރަމުންނެވެ. 

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު މިއަދު "މިހާރު" އަށް ވިދާޅުވީ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، ހުށަހަޅާފައިވާ މައުލޫމާތުތަކާއި އެ މިނިސްޓްރީ އަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން ފޮނުވާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި ފުށުއެރުމެއްވާ ނަމަ އެކަން ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް މިހާރު އަންގަމުން ގެންދާ ކަމަށެވެ.

ޕޯޓަލްގައި އެޕްލިކޭޝަނާ ގުޅިގެން އަންނަ ބަދަލުތަކާ ބެހޭ މައުލޫމާތު، އެޕްލިކަންޓު ފޯމު ފުރިހަމަކުރިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަމްބަރަށް އެސްއެމްއެސް މެދުވެރިކޮށް ވެސް ދަނީ އަންގަމުންނެވެ.

މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅާ ނަމަ އެ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބަލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.