މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ތެރެއިން މައުލޫމާތު ފުށުއަރާ ކަމަށް ވެރިފިކޭޝަނުން މިހާތަނަށް ފާހަގަވި އެޕްލިކޭޝަންތައް ރަނގަޅު ކުރަން އަންގަން ފަށައިފި އެވެ.
މިގޮތަށް އަންގާ މީހުންނަށް، މައުލޫމާތު ރަނގަޅުކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި މުއްދަތު މިދިޔަ ޖޫން މަހުގެ 15 ގައި ހަމަވިއިރު، ފޯމު ހުށަހަޅަން ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" އަށް 58،505 ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ފަށައި، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅީ ސައްހަ މައުލޫމާތުތޯ ކަމާބެހޭ އިދާރާތަކުން އަންނަނީ ކަށަވަރުކުރަމުންނެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު މިއަދު ވިދާޅުވީ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، ހުށަހަޅާފައިވާ މައުލޫމާތުތަކާއި އެ މިނިސްޓްރީ އަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން ފޮނުވާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި ފުށުއެރުމެއްވާ ނަމަ އެކަން ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް މިހާރު އަންގަމުން ގެންދާ ކަމަށެވެ.
އެ މައުލޫމާތުތައް ޕޯޓަލްގެ ތެރެއިން އިސްލާހުކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. މިގޮތަށް ހުރި އެޕްލިކޭޝަންތައް ރަނގަޅުކުރަން ހަތް ދުވަހުގެ މުއްދަތެއް ލިބޭނެކަން ހައުސިން މިނިސްޓްރީން ކުރިން ވަނީ އިއުލާންކޮށްފަ އެވެ.
އެ އިއުލާނުގައިވާ ގޮތުން ފޯމުގައި މައްސަލަ ހުރެގެން އެކަމަށް ޖަވާބުދާރީވުމަށް ނުވަތަ އިއުތިރާޒެއް ވާ ނަމަ، އެކަން ބަޔާންކުރަން ނުވަތަ ޖަވާބުދާރީވާން ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
އެހެންވެ، އެ މުއްދަތުގެ ތެރޭގައި ޖަވާބުދާރީވާން ލިބޭނީ ޕޯޓަލް މެދުވެރިކޮށް އެކަންޏެވެ. ހައުސިން މިނިސްޓްރީއަށް އީމެއިލް، ސިޓީ ނުވަތަ އެހެން ވަސީލަތެއްގެ ބޭނުންކޮށްގެން ހުށަހަޅާ ޖަވާބުތައް މި މަރުހަލާގައި ބަލައިނުގަންނާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
ޕޯޓަލް މެދުވެރިކޮށް ދީފައިވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫން ކަމުގައިވާ ނަމަ އެކަމުގެ ތަފްސީލާއި ކަމާގުޅުން ހުރި ލިޔެކިޔުންތައް ވެސް ހުށަހެޅޭނެ އެވެ. އަދި ޕޯޓަލްގައި އެޕްލިކޭޝަނާ ގުޅިގެން އަންނަ ބަދަލުތަކާ ބެހޭ މައުލޫމާތު، އެޕްލިކަންޓު ފޯމު ފުރިހަމަކުރިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަމްބަރަށް އެސްއެމްއެސް މެދުވެރިކޮށް ވެސް ދަނީ އަންގަމުންނެވެ.
މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅާ ނަމަ އެ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބަލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
އެކަމަކު ޝަރުތު ހަމަނުވާ ކެޓަގަރީއަކަށް ފޯމު ހުށަހަޅާފައިވާ ނަމަ، މި ދިން ފުރުސަތުގައި އެހެން ކެޓަގަރީއަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ކުރެވޭނެ ކަމަކީ ހުށަހަޅާފައިވާ އެޕްލިކޭޝަންގައި ދީފައިވާ މައުލޫމާތުގައި މައްސަލައެއް އުޅޭ ނަމަ އެކަން ރަނގަޅުކުރުމެވެ.
ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ.
ފްލެޓު މަޝްރޫއުތައް ވެސް އެކި ކުންފުނިތަކާ ހަވާލުކޮށް، ބައެއް މަޝްރޫއުތައް މިހާރު ފަށާފައިވާއިރު ސަރުކާރުން ބުނެފައިވާ ގޮތުގައި 2028 ގެ އޮގަސްޓް މަހުގެ ނިޔަލަށް ފްލެޓުތައް ނިންމާ ހަވާލުކުރެވޭނެ އެވެ.
ބޯހިޔާވަހިކަމަށް ހައްލެއް ހޯދަން މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އެރަށުގެ ބޮޑު ބައެއް މިހާރު ހިއްކާފައިވާއިރު ފުރަތަމަ ބުރުގައި އެތަނުން ދޫކުރަނީ 15،000 ގޯއްޗެވެ.