މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް ނިންމައި 2028 ގެ އޯގަސްޓް މަހުގެ ތެރޭގައި އެތަންތަން ލިބުނު މީހުންނަށް ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ މީޑިއާގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ ޝަރުތު ހަމަވާ މީހުންގެ ލިސްޓް އެކުލަވާލަން އުޅޭތީ، ފްލެޓްތައް ކޮބައިތޯ ސުވާލުކުރާ ކަމަށާއި އެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފްލެޓް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސޮއި ކުރުމަށް ފަހު އޭގެ ފަހުން ވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. އޭގެ ތެރޭގައި އީއައިއޭ ހެދުމާއި ހުއްދަތައް ނެގުން ފަދަ ކަންކަން ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ހުޅުމާލޭ ފޭސް އެކެއްްގައި އަޅާ ފްލެޓުތަކުގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ފޭސް ދޭއްގައި އިމާރާތްކުރާ ފްލެޓު މަޝްރޫއުއެއްގެ ޑިޒައިން އެޕްރޫވަލަށް ފަހު، މިހާރު އޮތީ އަމަލީ މަސައްކަތް ފެށޭ ހިސާބުގައި ކަމަށް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ 2028 ގެ އޯގަސްޓް މަހުގެ ތެރޭގައި އެ ޔުނިޓްތައް ނިންމައި، ރައްޔިތުންނާ ހަވާލުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން އެ ޝެޑިއުލާ އެއްގޮތަށް އެކަން ހާސިލުވާނެ ކަމަށެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މި ޔުނިޓްތައް ރައްޔިތުންނާ ހަވާލުކުރުން. އިރާދަކުރެއްވިއްޔާ އެ ޝެޑިއުލަށް އަޅުގަނޑުމެންނަށް އަދިވެސް އެޗީވްކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ. 

ނާޒިމް ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅިފަޅުގައި 4000 ފްލެޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިވަގުތު ކުރިއަށް ދަނީ އެގްޒިމް ބޭންކާ އެކު ފައިނޭންޝަލް ޓާމްސްގެ އެންމެ ފަހުގެ މަރުހަލާ ކަމަށާއި އެ މަޝްރޫއު ވެސް މިއަހަރު ފެށޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. 

އެ މަޝްރޫއުގެ އިތުރުން މާލޭ ސަރަހައްދުގައި 5000 ފްލެޓު އެޅުމުގެ މަޝްރޫއުއެއް ހިންގާނެ ކަމަށާއި އެ މަޝްރޫއުގެ އެންމެ ފަހުގެ އިދާރީ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން އަމާޒު ހިފާފައި ހުރީ އެ މަޝްރޫއު ވެސް މިއަހަރުގެ ތެރޭގައި ފެށުމަށެވެ. 

އެ މަޝްރޫއުތަކާ އެކު މާލޭ ސަރަހައްދުގައި 13،000 ޔުނިޓްގެ މަޝްރޫއު މިއަހަރު ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި މުއްދަތު ހަމަވީ މިދިޔަ ޖޫން މަހުގެ 15 ގަ އެވެ. އެ މުއްދަތު ހަމަވިއިރު "ބޯހިޔާވަހިކަން ޕޯޓަލް" އަށް 58،505 ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މިހާރު ކުރިއަށްދާއިރު ހުށަހަޅާފައިވާ މައުލޫމާތުތަކާއި އެ އެ މިނިސްޓްރީ އަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން ފޮނުވާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި ފުށުއެރުމެއްވާ ނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގާނެ އެވެ. އެކަންކަން އިސްލާހުކުރުމަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރާނީ އަންނަ ޑިސެމްބަރު މަހުގެ މެދުުތެރޭގަ އެވެ.