މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުވާލާފައިވާ ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ލިސްޓު މިއަހަރުގެ ޑިސެމްބަރަށް ނެރޭނެ ކަމަށާއި މިހާރު ކުރިއަށް ދަނީ އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.  

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި މުއްދަތު މިދިޔަ ޖޫން މަހުގެ 15 ގައި ހަމަވިއިރު، ފޯމު ހުށަހަޅަން ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" އަށް 58،505 ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މިހާރު ކުރިއަށްދާއިރު ހުށަހަޅާފައިވާ މައުލޫމާތުތަކާއި އެ އެ މިނިސްޓްރީ އަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން ފޮނުވާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި ފުށުއެރުމެއްވާ ނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގާނެ އެވެ. އެކަންކަން އިސްލާހުކުރުމަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ. 

ދައުލަތުގެ މީޑިއާ އިން ގެނެސްދޭ "ރާއްޖެމިއަދު" ޕްރޮގްރާމުގައި އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޑިސެމްބަރު މަހުގައި ފްލެޓު ލިސްޓު އާންމުކުރުމަށް އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. 

އެެހެންވެ، އެއްވެސް މައުލޫމާތެއްގައި ފުށުއެރުމެއްވާ ނަމަ އަވަަހަށް އެކަން ޕޯޓަލް މެދުވެރިކޮށް އަންގައި އެކަން އިސްލާހުކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަތެވެ. 

ނާޒިމް ވިދާޅުވީ ފްލެޓާއި ގޯއްޗަށް ހުށަހެޅުމުގެ މުއްދަތުގައި ވެސް އެންމެ ފަހު ވަގުތާ ހަމައަށް ގިނަ ބަޔަކު މަޑުކޮށްގެން ތިބި ކަމަށާއި އޭގެ ބަދަލުގައި ދުރާލައި އެކަން އިސްލާހުކުރުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެވަޑައިތެވެ. 

"އަޅުގަނޑުމެންނަށް ފާހަގަވީ ކަމަކީ އެއީ އެޕްލިކޭޝަން ހުށަހެޅުމުގެ ތެރޭގައި ވެސް ވަރަށް ފަހު ވަގުތާ ހަމައަށް އެޕްލައިނުކޮށް މަޑުކޮށްފައި އެންމެ ފަހު ތިން ދުވަހެއްގައި އެޕްލައިކުރަން މަސައްކަތްކުރުން. އަޅުގަނޑުމެންގެ ކޯލް ސެންޓަރާއި ހޮޓްލައިނަށް ވެސް ވަރަށް ބާރުބޮޑުވެގެން ދިޔަ އެ ތިން ދުވަހުގެ ތެރޭގައި ހާއްސަކޮށް އެންމެ ފަހު ދުވަހު، ކުރިއާލައި މިނިސްޓްރީއާ އެކު މަސައްކަތްކޮށްފި ނަމަ މި ހަތް ދުވަސް ތެރޭގައި އެކަށިގެންވާ މަސައްކަތްތަކެއް ކުރެވި އެޕްލިކަންޓްގެ ހައްގުތައް ވެސް ދެމެހެއްޓި މާބޮޑު މައްސަލަަތަކެއް ދިމާނުވެ އެކަން ވާނެ،" ނާޒިމް ވިދާޅުވި އެވެ. 

ނާޒިމް ވިދާޅުވި ގޮތުގައި މިހާރު ކްރޮސް ވެރިފިކޭޝަންގެ މަސައްކަތްތައް ކުރިއަށްދާއިރު ހުރިހާ ކަމެއް ވެސް އަންގާނީ ޕޯޓަލް މެދުވެރިކޮށެވެ. އެހެންވެ، ގަވާއިދުން ބޯހިޔާވަހިކަން ޕޯޓަލް ބެލުމަށް އެދިވަޑައިގަތެވެ. 

"ކޮމިއުނިކޭޓް ކުރާނީ ހަމައެކަނި ޕޯޓަލް މެދުވެރިކޮށް. އެހެންވީމަ ހުރިހާ ބޭފުޅުން ވެސް ބޯހިޔާވަހިކަން ޕޯޓަލް އިން ބައްލަވައި ޗެކްކުރެއްވުމަކީ ވަރަށް މުހިއްމު ކަމެއް. އެ ޕޯޓަލް މެދުވެރިކޮށް ޖަވާބު ވެސް ހުށަހަޅުއްވަން ޖެހޭނީ،" 

ނާޒިމް ވިދާޅުވީ ހުރިހާ މުއާމަލާތެއް ޕޯޓަލް މެދުވެރިކޮށް ކުރުމުން މައުލޫމާތުތައް ޓްރެކްކުރުމުގެ މަސައްކަތްތަށް ވެސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. 

"އީމެއިލް އާއި ސިޓީގެ ޒަރިއްޔާ އިން ހުށަހެޅީމާ މިވާ ގޮތަކީ އޭތި މި ދަނީ ނޯމަލް ރޫޓްގެ ތެރެއިން ޖަވާބުދިނުމުގައި މި އޮންނަ މިންގަނޑުގެ ތެރެއިން. އެހެންނަމަވެސް އަޅުގަނޑުމެންގެ ޕޯޓަލުގެ ތެރެއިން ހުށަހެޅިމަ އިމީޑިއެޓްކޮށް އެއަށް އެޓެންޑްކުރެވި އެއާ ގުޅިގެން ގޮތް ނިންމިގެންދާނެ ކަންކަން." 

ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ. 

ފްލެޓު މަޝްރޫއުތައް ވެސް އެކި ކުންފުނިތަކާ ހަވާލުކޮށް، ބައެއް މަޝްރޫއުތައް މިހާރު ފަށާފައިވާއިރު ސަރުކާރުން ބުނާ ގޮތުގައި 2028 ގެ މެދު ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރާނެ އެވެ. 

ބޯހިޔާވަހިކަމަށް ހައްލެއް ހޯދަން މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އެރަށުގެ ބޮޑު ބައެއް މިހާރު ހިއްކާފައިވާއިރު ފުރަތަމަ ބުރުގައި އެތަނުން ދޫކުރަނީ 15،000 ގޯއްޗެވެ.