އެންމެފަހުން ހުޅުމާލޭގެ ބޭއްވި މޯލްޑިވްސް އެކްސްޕޯގައި ހުރި އަންހެނެއްގެ ކުރެހުމެއް: އަންހެނުން ހާއްސަ "ފަށާ މަދަދު ލޯނު"ގެ ދެވަނަ ފިޔަވަހި މި މަހު ފަށަން ވަނީ ނިންމައިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 ޖޫން 2025 - 15:35
އަންހެނުންނަށް އަމާޒުކޮށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ "ފަށާ މަދަދު ލޯނު" ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަންތައް މި މަހު 15 ގައި ބަލައިގަންނަން ފަށަން ނިންމައިފި އެވެ.
އެސްޑީއެފްސީ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަންހެނުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ ސްޓާޓް-އަޕް ލޯން ސްކީމް "ފަށާ މަދަދު ލޯނު"ގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުން މި މަހު 15 ގައި ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެޕްލިކޭޝަން ބަލައިގަންނާނީ އެސްޑީއެފްސީގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް އިން ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުންޏެވެ.
އެސްޑީއެފްސީން ބުނީ، މި ލޯނުގެ ފުރަތަމަ ފިޔަވައްސަށް މިދިޔަ އަހަރު ހުޅުވާލައި، އެ ފިޔަވަހީގެ ދަށުން 63 މީހަކަށް ލޯނު އެޕްރޫވްކޮށް، ލޯނުގެ ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ހަތަރު މީހަކު ވެސް ހިމެނޭ ކަމަށް ބުންޏެވެ.
ފުރަތަމަ ފިޔަވަހީގައި މާލެ ސަރަހައްދު ހިމެނޭ ގޮތަށް 16 އަތޮޅަކަށް ލޯނު ދޫކޮށްފައި ވަނީ ތަފާތު 13 ބާވަތުގެ ވިޔަފާރި ހަރަކާތްތަކަށެވެ. އޭގެ ތެރޭގައި ހޯލްސޭލް އާއި ރީޓެއިލް އާއި ކާބޯތަކެތި ޓޭކްއަވޭ ހިދުމަތާއި ފުޑް ފެކްޓަރީ އާއި ފެހުމާއި ސެލޫން ކަހަލަ ވިޔަފާރިތައް ހިމެނެ އެވެ.
"ފަށާ މަދަދު" ލޯނަށް ކުރިމަތިލެވެނީ، އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން އެހެން ބޭންކުތަކުން ލޯނު ހޯދުމަށް ދަތިތައް ކުރިމަތިވެފައިވާ މީހުންނަށެވެ. އެ މީހުންނަށް "ފަށާ މަދަދު"ގެ ދަށުން އެއް ލައްކަ ރުފިޔާ އާއި ފަސް ލައްކަ ރުފިޔާއާ ދެެމެދުގެ އަދަދަކަށް ލޯނު ލިބޭނެ އެވެ.
އެ ލޯނަށް 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދޭއިރު، އަނބުރާ ދައްކަން ޖެހޭނީ ހަތް އަހަރު ދުވަހުގެ ތެރޭގަ އެވެ. ލޯނުގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ.
މި ލޯނު ޕްރޮގްރާމް ހާއްސަ ކޮށްފައި ވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އަމިއްލަ މަސައްކަތް ކުރާ މީހުންނާއި ފްރީލާންސްކޮށް އަދި ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންނަށެވެ. އެ މީހުންނަށް ބޭނުންވާ ހަރުމުދާ ގަތުމަށް މި ލޯނު ސްކީމުގެ ދަށުން ފައިސާ ހޯދޭނެ ކަމަށް އެސްޑީއެފްސީން ބުނެފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދުމަށް ފެށި "ފަށާ މަދަދު" ލޯން ސްކީމަކީ ފަސް ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ޖުމްލަ މިލިއަން ރުފިޔާގެ ލޯނު ޕްރޮގްރާމެކެވެ. އެއީ ކޮންމެ ފިޔަވައްސެއްގައި 20 މިލިއަން ރުފިޔާ ދޫކުރާ ގޮތަށެވެ. މި ސްކީމްގެ 25 ޕަސެންޓް ހާއްސަކޮށްފައި ވަނީ އަންހެނުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
03 June 2025
ހުރިހާ ރަޢިއްޔަތުން ދަރުވާ ފޯމިއުލާއަކީ އާމްދަނީގެ ހުރިހާ ވަސީލަތެއް ބޭރުމީހުނަށް އޮތުމެވެ!
ކޮރަލް
02 June 2025
ފިރިހެނުން ނަށް ހާއްސަ ލޯން ދޫކުރަން ފަށަނީ ކޮން އިރަކުން ތޯ އެވެ؟
ސަލީމު އިދުރީސް
02 June 2025
އަންހެނުންގެ ތަރައްގީ ކިއައިގެން ތިކުރަނީ އެއްވެސް މާނައެއް ހުރި ކަމެއް ކަމުގަ ނުދެކެން ސަބަބަކީ ގައުމިގެ އުފެއްދުންތެރިކަން90% ބޮޑުބައި ޓުއަރިޒަމް ހިސްވާއިރު އެމަސައްކަތުގަ ދިވެހި އަންހެނުން އެއްޕަސެންޓުވެސް ހިއްސާނުވާތި
މެން
02 June 2025
ތީ ނޫންތޯ ތަފަތުކުރުމަކީ ހަމަހަމަ ކުރާވާހަކަ އަބަދު އަބަދު ދައްކަނީ ތަފާތު ކުރާވާހަކަ ދައްކީ އެކަމަކު އަންހެނުން ނަށް ކަންކަން ނަކިޔާފަ ކުރުމަކީ ތަފާތެއްނޫންދޯ ދެންއޮތީ ލޯނު ސައްތައިން ސައްތަ މުސްލިމުގައިމެގައި އެންމެންހެން ރިބާކާ ގައިމަކަށްވާނެ މިރާއްޖެ
ޒުހުދާއަލީ
02 June 2025
ތިޔަ ލޯނު ލިބޭނީ ޕާރޓީގެ މީހުންނަށް. މިހާރުވެސް ލިސްޓް އެބައޮތޯ!
ދަލޭކަ ދައިތަ
02 June 2025
ލޯނު މަޅީގައި ދިވެހިންޖެހި ހަފުސްވަނީ. ކިޔަވަން ލޯނު، ކައިވެންޏަށް ލޯނު، ބޯހިޔާވަހިކަމަށްލޯނު. މިއިން އެއްލޯނެއް ނުނިމެނީސް އަނެއްކާ އަނެއްކަމަށް މީސްމީހުންއަތުން ލޯނު. މުސާރަ ލޯނަށްކަނޑާފަ ދެން ކުރަންޖެހޭ ޒަރޫރީ ބޭނުންތަކާ ޖެހުނީމަ އެޚަރަދު އާއިލާމީހުން ޖީބުން. ކިހާ ތާހިރު އުޅުމެއް ދިވެހިން މި ދަސްކުރީ!!. މިވަބާގައި ނުޖެހި ލިބޭވަރުން ފައިސާ ޚަރަދުކޮށްގެން އުޅެވެނީ މަދުބަޔަކަށް.
ގޯހެއްނޫންދޯ!
02 June 2025
ތީ ސަޅިކަމެއް. 7 އަހަރުން ލޯނުދައްކާ ނިމޭއިރު 6 ޕަސެންޓްގެ އިންޓަރެސްޓް، ލޯނުގެ އެމައުންޓާ ދާދި އެއްވަރެއްގައި ހިފެހެއްޓޭ.