ސްކޮލަޝިޕް ހިންގުމުގެ މާލީ އެހީ ދިނުމުގެ އެގްރިމެންޓުގައި ޖަޕާނުގެ ސަފީރު އިޝިގާމީ އަދި ސްޓޭޓް މިނިސްޓަރު ޝެރީނާ ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ފޮރިން މިނިސްޓްރީ
03 ޖޫން 2025 - 18:21
ޖަޕާނުގެ ޕްރޮޖެކްޓު ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) ގެ ދަށުން ރާއްޖެއަށް ދޭ ހަ ސްކޮލަޝިޕަށް 194 މިލިއަން ޔެން (1.3 މިލިއަން ޑޮލަރު)ގެ އެހީ ދިނުމުގެ މިއަދު އެއްބަސްވެއްޖެ އެވެ.
އެކްސްޗޭންޖު އޮފް ނޯޓްސްގައި ފޮރިންގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު އަދި އެ ގައުމުން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގާމީ ރުމީކޯ ވަނީ ސޮއިކުރައްވައިފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޖޭޑީއެސްއަކީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް އިތުރަށް ހަރުދަނާކުރަން އޮގަސްޓް، 2020 އިން ފެށިގެން ދެމުން އަންނަ ސްކޮލަޝިޕެއް ކަމަށެވެ.
ޖޭޑީއެސްގެ ފުރުސަތު ދެނީ ދިވެހި ސަރުކާރުން ބަލައިގަންނަ ބެޗްލާސް ޑިގްރީއެއް އޮންނަ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކުގެ ދާއިމީ މުވައްޒަފުންނާއި ކޯޓުތަކާއި އެ ދާއިރާއާ ގުޅުން ހުރި އިދާރާތަކުގެ ދާއިމީ މުވައްޒަފުންނަށެވެ. އަދި މި މުވައްޒަފުންނަކީ މަދުވެގެން ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފުލް ޓައިމްކޮށް މިހާރު މަސައްކަތްކުރާ މުވައްޒަފުންނަށް ވާން ޖެހެ އެވެ.
އެ ސްކޮލާޝިޕުގައި ކޮންމެ ޔުނިވާސިޓީއަކުން ޖާގަ ދޭނީ ދެ މީހަކަށެވެ. އެ ފުރުސަތުގައި ކިޔެވުމުގެ ހުރިހާ ހަރަދަކާއި ދަތުރުގެ ހަރަދުތަކުގެ އިތުރުން ޖަޕާނުގައި ދިރިއުޅުމާއި އެނބުރި ރާއްޖެ އައުމުގެ ހުރިހާ ހަރަދެއް ވެސް ދޭނީ އެ ގައުމުގެ ސަރުކާރުންނެވެ.
ޖަޕާނުގެ އެހީގައ މިހާތަނަށް 21 މީހަކު ވަނީ މަތީ ތައުލީމް ހާސިލްކޮށްފަ އެވެ. އޭގެ ތެރެއިން 12 ދަރިވަރުން ވަނީ މާސްޓާސް ޑިގްރީ ފުރިހަމަކޮށް އެނބުރި ރާއްޖެ އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy