"އީދު ބޯމަތިވަނީ" ލަވައިގެ މަންޒަރެއް: މި ލަވަ ދެއްކީ ހުއްދަ ނުހޯދައި ކަމަށް ބުނެ "ހިޔަލަ" ގްރޫޕުން ވަނީ މައްސަލަ ފެންމަތިކޮށްފައި. -- ފޮޓޯ: ހިޔަލަ
09 ޖޫން 2025 - 11:33
އަމިއްލަ ނަށާ ގްރޫޕެއް ކަމަށްވާ "ހިޔަލަ" އިން އީދު ދުވަހަށް ހާއްސަކޮށް ނެރުނު ލަވައެއް ހުއްދަ ނުހޯދައި ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ބްރޯޑްކާސްޓްކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
"އީދު ބޯމަތިވަނީ" ގެ ނަން ދީފައިވާ ލަވަ އެ ގްރޫޕުން ޔޫޓިއުބްގައި ރިލީޒްކޮށްފައިވާއިރު، މިހާތަނަށް އެ ލަވަ 85،000 މީހުން ޔޫޓިއުބްގައި ބަލާފައިވެ އެވެ.
ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި ވެސް ޓްރެންޑްވެފައިވާ ލަވަ ޕީއެސްއެމްގެ ޓީވީއެމް އިން އިއްޔެ ގެނެސްދިން އީދު ކަވަރޭޖް ތެރޭ ދެއްކި އެވެ. ޓީވީއެމް އިން އެ ލަވަ ދެއްކީ ލިބިފައިވާ ހަދިޔާއެއް ކަމަށް ބުނެ އެވެ.
އެކަމަކު ހިޔަލަ ގްރޫޕުން ވަނީ ޕީއެސްއެމް އިން ލަވަ ދެއްކި މައްސަލައިގައި ހިތްހަމަނުޖެހުންފާޅުކޮށްފަ އެވެ.
ހިޔަލަ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ގްރޫޕްގެ ހުއްދަ ނުހޯދައި ލަވަ ދެއްކުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. ޕީއެސްއެމާއި އިތުރު އެހެން އެއްވެސް ބަޔަކަށް ލަވަ ދެއްކުމުގެ ހުއްދަ ނުދޭ ކަމަށް އެ ގުރޫޕުން ބުންޏެވެ.
"މި ގުރޫޕްގެ އުފެއްދުމެއް ހުއްދަ ނުލައި ބޭނުން ކުރުމުން އަޅުގަނޑުމެންގެ ހައްގަށް އަރައިގަތުމުގެ އިތުރުން މިއީ ވަރަށް އަން ޕްރޮފެޝަނަލް ކަމެއް،" ހިޔަލަ އިން ބުންޏެވެ.
އެ ގްރޫޕުން ބުނީ މި މައްސަލަ އެ ގުރޫޕުން ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށާއި މިކަމުގައި ގާނޫނީ ފިޔަވަޅު އަޅަން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.
ޕީއެސްއެމް އިން މިކަމާ ގުޅިގެން އަދި އެއްޗެއް ނުބުނެ އެވެ.
ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގައިވާ ގޮތުން އުފެއްދުމެއް ބްރޯޑްކާސްޓް ކުރުމަކީ އެ އުފެއްދުމެއް އުފެއްދި މީހާއަށް ނޫނީ އޭގެ ވެރިފަރާތުގެ އިގުތިސޯދީ ހައްގެކެވެ. ތިންވަނަ ފަރާތަކަށް އެ ބޭނުން ކުރެވޭނީ ވެރިފަރާތުގެ ހުއްދަ އޮވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔަލަ ނަން ހަރާބު
11 June 2025
ޔޫޓިޔުބުގައިހުންނަ އެއްޗެހި ރީބްރޯޑްކާސްޓް ނުކުރެވޭނެ އެއްވެސް ޤާނޫނެއް އަދި މިހާތަނަށް ދުނިޔޭގެ އެއްވެސް ޤައުމެއްގައި ހަދާފައިނުވެ
ދސވފފދ
10 June 2025
ދެން ބަލަން ޖެހޭނީ ޔޫޓިއުބުން ޑައުންލޯޑު ކޮށްގެން ބޭނުން ކުރުމަކީ ހުއްދަކަމެއްހޭ؟
އަބްޑޫޅް +
10 June 2025
ޙޫމް. އަހުރެން ގެ ގޭގަ ދައްކަން ހުއްދަ އެބަ އޮތްތަ؟
ޒިމްރު
10 June 2025
ޕީ.އެސް.އެމް އަށް ހަދިޔާކުރި ލަވައެއް ދިވެހި ރައްޔިތުންނަށް ދެއްކީމާ، މަސްއަލައަކީ ކޮބައިތޯ؟ ތިޔަ ވާހަކަ ޙައިރާން ވަންޖެހޭ ސަބަބެއް ނޭނގެއެވެ.
ސޯރު
10 June 2025
ސަރުކާރު ފެލާލަން މޮޅުގޮތެއް ހޯދީ
ރާއްޖެތެރެ ސޮރު
10 June 2025
އަޅާނެ ފިޔަވަޅެއް ބަލަން މި ތިބީ
ދޮންހުސޭނު
10 June 2025
ޕީއެސްއެމް އިން ލާރިގަނޑެއް ހޯދުމުގެ ނިޔަތެއް މެނުވީ ތިޔަ ދައުވާގެ ފަހަތުގައި އޮތްކަމަކަށް މަށެއް ނުދެން. އުފެއްދުމަށް އޭގެ ހައްގު އަދާކުރަންޖެހޭނެކަން މަވެސް ހިތާއި ފުންނާބުން ވެސް އެއްބަސް.
ކަންނަން
10 June 2025
ޔޫޓިއުބަށްލީމަ އެއޮތީ ފީސަބީލިއްލާހި ވެފަ. ޔޫޓިއުބަށްލީ ހިޔަލައިން
ފިޔަލަ
10 June 2025
، ގުރޫޕް ފޯރިއެއް އެބަހުއްޓޭ ހައްގުގެއްލިގެން...
ވަގުރާގު
10 June 2025
ރާގު ވަގަށްނެގީ ކޮންތާކުން؟؟؟ ކާކުގެ ހުއްދައެއް ލިބިގެން.؟؟؟ ހަމަ ފަހަތުން ރާގު ވަގަށް ނެގި ދައުވާ ވައްޓާލަންވީ.