ދިވެހިންގެ މެދުގައި މަގްބޫލުވި މިއުޒިކް ޝޯއެއް ކަމަށްވާ "ވޮއިސް އޮފް މޯލްޑިވްސް" އަނެއްކާ ވެސް ގެނެސްދޭން ދައުލަތުގެ މީޑިއާ އިން ނިންމައިފި އެވެ.
އެ ޕްރޮގްރާމް ގެނެސްދިނީ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނުގެ ނަމުގައި ޕީއެސްއެމް ހިންގި ދުވަސްވަރެވެ.
ވޮއިސް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަވަކިޔުމުގައި ފާހަގަކޮށްލެވޭ ފަރާތްތައް ހޮވާލައިގެން ކުރިއަށް ގެންދިޔަ ޝޯއެކެވެ. އެކަމަކު ދެތިން ސީޒަން ގެނެސްދިނުމަށް ފަހު ހުއްޓާލި ގޮތަށް ފަހުން މި ޕްރޮގްރާމު ގެނެސްދީފައެއް ނުވެ އެވެ.
އެ ޕްރޮގްރާމުން އުފެދުނު ބައެއް ލަވަކިޔުންތެރިން އަދިވެސް މިއުޒިކީ ދާއިރާއިން ފެނިގެންދެ އެވެ.
ޕީއެސްއެމުން ކުރިއަށް ގެނެސްދިނުމަށް ނިންމާފައިވާ ޕްރޮގްރާމުތަކާއި ހިދުމަތްތައް އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވޮއިސް އޮފް މޯލްޑިވްސް ޕްރޮގްރާމު ލޯންޗުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
އެ ޕްރޮގްރާމު އަލުން ލޯންޗްކުރަން ދެއްކި ވީޑިއޯގައި ބުނީ މިއީ، މުނިފޫހިފިލުވުމާއި ހުނަރުވެރިން އިތުރުކުރުމާއި ދިވެހިންގެ މެދުގައި އޮތް ފޯރި އަނބުރާ ގެނައުމުގެ އިތުރުން ފަންނުވެރިންނަށް އާ ޕްލެޓްފޯމެއް ގެނެސްދޭނެ ޕްރޮގްރާމެއް ކަމަށެވެ.
ޕީއެސްއެމް އިން ނިންމާފައި ވަނީ ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ބައެއް ޕްރޮގްރާމުތައް އަލުން ސްކްރީނަށް ގެނައުމަށެވެ. އޭގެ ތެރޭގައި ކުރިން ގެނެސްދިން "ބޮޑުބެރު ޗެލެންޖް" އާއި "މޯލްޑިވިއަން އައިޑަލް" ވެސް ހިމެނެ އެވެ.
ދައުލަތުގެ މީޑިއާ އިން ވަނީ އިޖުތިމާއީ ހިދުމަތްތެރިންނާއި ދަރުމަވެރިންގެ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން "ޕީއެސްއެމް ލެންސް" ގެ ނަމުގައި އެވޯޑެއް ވެސް ތައާރަފުކޮށްފަ އެވެ.