ޝައިހް ފަރީދު: އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރަން ވަނީ ނިންމާފައި
11 ޖޫން 2025 - 13:35
މެލޭޝިއާގައި އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އަޅަން ބޭނުންވާ ފައިސާ ހަމަވެއްޖެ ކަމަށް ހިދުމަތް ޖަމިއްޔާ އިން މިއަދު ބުނެފި އެވެ.
ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް މިދިޔަ ހޯމަ ދުވަހު ވަޑައިގަންނަވަނިކޮށް އެ ގައުމުގެ އެއާޕޯޓުގަ އެވެ. ފްލައިޓުން ފޭބިތަނާ ފަރީދު ވެއްޓި ވަޑައިގަތުމުން އަވަސް ފަރުވާ ދިނެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ އަވަހާރަވެފަ އެވެ.
ދަރުސް ދެއްވުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ފަރީދު ކުރެއްވި ހިދުމަތް ޖަމިއްޔާ އިން އިއްޔެ ވަނީ ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ނިންމައި އެކަމަށް ބޭނުންވާ ފައިސާ ހޯދަން އިއްޔެ އިއުލާންކޮށްފަ އެވެ.
އެ ޖަމިއްޔާއިން މިއަދު މެންދުރެއްހާ އިރު ބުނީ އެކަމަށް ބޭނުންވާ 7 ލައްކަ ދިވެހި ރުފިޔާ މިހާރު ހަމަވެފައިވާ ކަމަށެވެ.
ޝެއިހްގެ އާއިލާއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޖަނާޒާ ރާއްޖޭގައި ބާއްވަން ހަށިގަނޑު މާލެ ގެނައުމަށެވެ. އެކަމަކު ހަށިގަނޑު މެލޭޝިއާ އިން ގެންނަނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ، އާއިލާއިން އެކަން ކުރަން ބޭނުން ނުވީއެވެ. އެހެންވެ، އުމުރުން 53 އަހަރުގެ ފަރީދުގެ ޖަނާޒާ އެ ގައުމުގައި ބާއްވައި މިއަދު މެންދުރު ނަމާދަށް ފަހު ވަނީ ވަޅުލައިފަ އެވެ.
ޝެއިހް ފަރީދު މެލޭޝިއާގައި ވަޅުލިޔަސް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެފައި ވަނީ ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި އަންނަ ހުކުރުދުވަހު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމާފައިވާ ކަމަށެވެ.
ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝެއިހެކެވެ. އޭނާ ބޭއްވެވި ދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ. އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ބަންދުކުރި މީހުންގެ ތެރޭގައި ޝެއިހް ހިމެނިވަޑައިގަންނަވަ އެވެ.
ޝެއިހް ފަރީދު މިނިވަން ބަހުސްގައި ވެސް ބައިވެރިވެވަޑައިގަތެވެ. ޝެއިހް ވަނީ އިސްލާމް ދީނުގައި މަޝްވަރާ ކުރުމާއި ހިޔާލު ފާޅުކުރުމަށް އޮތް މިނިވަންކަމާ ގުޅޭ ގޮތުން ވަކާލާތު ކުރައްވައިފަ އެވެ. އެމްޑީޕީގެ ފުރަތަމަ ދުވަސްވަރު އެ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި ވެސް ފަރީދު ހަރަކާތްތެރިވެ ވަޑައިގަތެވެ. އަދި އެމްޑީޕީގެ އިސްލާމީ ގޮފި، އިސްލާމީ މަޝްވަރާ މަޖިލީހުގައި އިސް ދައުރެއް އަދާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުލުނުވެރި
12 June 2025
ޙިދްމަތް ޖަމްއިއްޔާއިން ދީފައި މި އޮންނަނީ އެއް އަކުންޓް ނަމްބަރެއް، އަދި ސްލިޕް ފޮނުވަާނެ ނަމްބަރެއްވެސް ހާމަކޮށްފައި ނޯވޭ. ވީއިރު އެގަހުކޭލެއް މިގަހުކޭލެއް ވަކިކުރަނީ މިކޮހިނެއްތޯ؟
ޖޯކް
12 June 2025
ފަރީދުގެ ނަމުގަ މިސްކިތެއްއަޅަން ހަމަޖެހޭތަ؟ އެވެސްއަދި ބަންގާޅުގަ. ބަންގާޅުގެ “ޝޭހެއް” މަރުވެގެން އެގައުމުގެ މީހުން މާލޭގަ މިސްކިތެއް އަޅަންލާރިދޭނެބާ؟ ކިތައް މިގައުމުގަ އުޅޭ ބަންގާޅުންބާ މިޔަށް ކޮންޓްރިބިއުޓް ކުރީ؟ ދިވެހިންނަކީ އަސްލަށްވެސް ވަރަށް ގަމާރުބައެއް. ދީނުގެ ނަމުގެ މިވެރިންލައްވާ ކޮންމެފަދަ ކަމެއްވެސްކޮށްލެވޭނެ. ސްކޭމުތަކުގަ އެވަރަށް ޖެހެނީވެސް އެހެންވެ.
ފިނރުޓޭ
12 June 2025
ހަމަ މިހިތަށް އަރަނީ ކީއްވެ ބާވެއޭ ބަންގްލަދޭޝް ގަ މިސްކިތް މި އަޅަނީ؟
ކިމކި
12 June 2025
ތިޔަ ޖަމުއިއްޔާ ތަކުން އޯޑިޓް ރިޕޯރޓް ނެރޭބާ؟؟
ސަމާލު
11 June 2025
ޢަހަރުމެން އަތުން ދީނީ ކަންތަށް ކުރުމަށް ތިޔަ ފަރާތާ ހަވާލު ކުރެވިފައިވާ ފައިސާއިންތޯ ތިހާ އަވަހަށް އަދަދު ތިޔަ ހަމަ ކުރެއްވީ؟؟
raajje
11 June 2025
ތިޔަފަދަ މަރުތަކަކީ އާއިލާއިން ބޭނުންވިޔަސްނުވިޔަސް ޕޯސްޓުމޯޓަމްހަދާ ތަހުގީގުކުރަންޖެހޭ ކަންކަން، އަދި ވަޅުލުމުގެކުރިން ބޭނުންވާ ޑާޓާތައްއެއްކޮށް ރައްކާކުރަންޖެހޭ ދީނީޢިލްމުވެރިޔަކަސް އަދި ރަސްކަލަކަސް ކޮންމެމީހެއްގެވެސް އިންސާނެތްނަމަ އާއިލީމައްސަލަތަކާ އެހެނިހެން ކަންކަންވެސްހުރޭ ތަހުގީގުކުރަންޖެހެނީ މިސަބަބުތައްމިހެންހުންނާތީ
ލާމަސީލު
11 June 2025
ރާއްޖޭގަ ތިމިސްކިތް ނާޅަނީ ކީއްވެ؟ ޚިދުމަތް ޖަމިއްޔާއިން އެއްވެސް މިސްކިތެއް ރާއްޖޭގަ އެޅިކަން އެނގޭމީހަކު އެބަހުރިބާ؟ ބަންގްލަދޭޝްގަ މިސްކިތް އަޅާތީ ސުވާލު އުފެދޭ. ތިން ހަތަރު މިސްކިތް އެޅޭނެހާ ފައިސާ އެއް މިސްކިތަށް ނަހަދައިފިއްޔާ ކިތަންމެހާވެސް ރަނގަޅު.
ފެކްޓްް
11 June 2025
ކީއްކުރަން ބަންގްލަދޭޝްގައި. މޮޔަވީތަ؟
އައްލާ ބެއްޔާ
11 June 2025
ކީއްކުރަން ރާއްޖޭގައި އަޅަން ވީ؟ މުޅި ދުނިޔޭގައިވެސް އާބާދީގެ ނިސްބަތުން މިސްކިތް އެންމެ ގިނަވާނީ ރާއްޖޭގައި. ޢެކަމަކު ނަމާދުގަޑީގައި މިސްކިތުގެ އެންމެ ސަފެއް ނުފުރޭ. ބަނގުލަދޭޝް ގެ ރަށްފުށު ފަގީރު ހިސާބެއްގައި މިސްކިތެއް ބިނާކުރުން މާ ބޮޑަށް ވެސް ރަގަޅު.
ފުރޭތަ1
11 June 2025
ރާއްޖޭގަ ފެންވަރު ރަނގަޅު މިސްކިތެއް ބިނާ ކުރާވަރަށް ފައިސާ ނުލިބިދާނެ ކަމަށް ހެން ހީވަނީ އެގޮތަށް އެ ބަލަނީ. އެގައުމުގަ އިމާރާތް ކުރާ ސާމާނާ މަސައްކަތުގެ އަގު ހެޔޮވާނެ ތާ.
ޓަކުރު
11 June 2025
ފުރަތަމަ ޖުމުލަ ނޫނީ ސުރުހީއާ ގުޅޭ އެންމެ ޖުމުލައެއްވެސް މި ލިޔުމަކު ނެތް. އެއަކުން ވެސް އެބުނާ ކާފުތަކެއް ފުރިހަމައެއް ނުވޭ.
ފާތިނ
11 June 2025
ޢަޅުގަޑަށް އަލަށް ޝެއިޚްގެ ދަރުސެއް އިވުނީ ޕާޓީ ފެށި ދުވަސްވަރު، ވެލިދޫ ބަދަރު ސަރަހައްދުގައި ދެއްވި ދަރުސަކުން. ޢެފަހުން އަޅުގަޑު ދީނީމައުލޫމާތު ހޯދަން ވީ ޝައުގުގަ ޝެއިޚްގެ ދަރުސެއްވިއްޔާ ވަރަށްއަހާހިތުން އަހަނީ ޤުރުއާންގެ އާޔަތްތައް ވިދާޅުވާލެއްވެސް ރީތިކަމުން. ޢެންމެދެރަވީ ޝެއިޚާއެކު އެގްރޫޕުން އުމްރާވާންރެޑީވަނިކޮށް އެފުރުސަތު ގެއްލުމުން. ޝެއިޚަށް ޖަންނަތުލްފިރުދައުސް މިންވަރު ކުރައްވާ ޖަންނަތުގައި ބައްދަލުވުމުގެ ތައުފީޤު މިންވަރުކޮށްދެއްވާށި