ލޭ ހަދިޔާކުރާ އެމްބެސެޑަރުންގެ ގޮތުގައި ކޮލެޖު/ޔުނިވާސިޓީތަކުގެ ދަރިވަރުން ހަމަޖައްސައި ހެލްތު މިނިސްޓަރު ނާޒިމާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ހެލްތު މިނިސްޓްރީ
16 ޖޫން 2025 - 12:25
ލޭ ހަދިޔާކުރާ އެމްބެސެޑަރުންގެ ގޮތުގައި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުން ހަމަޖައްސައި، ކޮލެޖު/ޔުނިވާސިޓީތަކާއެކު އިއްޔެ ސޮއިކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ހަ ކޮލެޖު/ޔުނިވާސިޓީއަކާ އެކު ވަނީ އެއްބަސްވުން ހަދައިފަ އެވެ. ހެލްތު މިނިސްޓްރީން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
އެއީ؛
- ގައުމީ ޔުނިވާސިޓީ
- އިސްލާމިކް ޔުނިވާސިޓީ
- ވިލާ ކޮލެޖު
- ބިޒްނަސް ސްކޫލު
- ޒިކުރާ އިންޓަނޭޝަނަލް ކޮލެޖު
- އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިއުކޭޝަން
އެ އެއްބަސްވުމުގައި މައިގަނޑު ފަސް ކަމެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި އާންމުންގެ އެއްބާރުލުން ހޯދައިގެން ހިލޭ ސާބަހަށް ލޭ ހަދިޔާކުރުމަށް އެހީތެރިވެދިނުމާއި އެކަން ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހެ އެވެ. މީގެއިތުރުން މުޖުތަމައުގެ އެހެން ފަރާތްތައް ގަވާއިދުން ހިލޭސާބަހަށް ލޭ ހަދިޔާކުރާ ބަޔަކަށް ހެދުމަށް ހިތްވަރުދިނުމާއި ލޭ ހަދިޔާކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގައުމީ އިދާރާތަކާއި ކަމާގުޅޭ ޖަމިއްޔާތަކާއެކު މަސައްކަތްކުރުން ހިމެނެ އެވެ.
ލޭ ހަދިޔާކުރާ އެމްބެސެޑަރުންގެ ގޮތުގައި ކޮލެޖު/ޔުނިވާސިޓީތަކުގެ ދަރިވަރުން ހަމަޖެއްސުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މީހަކު ލޭ ހަދިޔާކުރަނީ.-- ފޮޓޯ؛ ހެލްތު މިނިސްޓްރީ
ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި ހިލޭ ސާބަހަށް ލޭ ހަދިޔާކުރާ މީހުންގެ އަގުވަޒަންކުރުމާއި ލޭ ބޭނުންވާ އެންމެންނަށް ރައްކާތެރިކަމާއި އިތުބާރުހުރި އަދި އެކަށީގެންވާ މިންވަރަށް ލޭ ލިބޭކަން ކަށަވަރުކުރުމަށް އެކި ދާއިރާތަކާއި މުއައްސަސާތަކާއެކު މަސައްކަތްކުރުމަށް ވެސް އެއްބަސްވެފައިވެ އެވެ.
އެ ރަސްމިއްޔާތުގައި އިސްލާމިކް ޔުނިވާސިޓީގެ ޑީން، ޝެއިހު ނިމާލު މުހައްމަދު ވިދާޅުވީ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ހަދިޔާ ކުރެވޭ ކޮންމެ ލޭ ތިއްކަކީ ދެމިގެން ދާ މަތިވެރި ސަދަގާތެއް ކަމަށެވެ.
ލޭ ހަދިޔާކުރާ އެމްބެސެޑަރުންގެ ގޮތުގައި ކޮލެޖު/ޔުނިވާސިޓީތަކުގެ ދަރިވަރުން ހަމަޖެއްސުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް އަދި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ޝެހެނާޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްއެންޔޫ
އޭނާ ވަނީ ސަވާބާއި ދަރުމައަށްޓަކައި ލޭ ހަދިޔާކުރުން އިތުރުކުރަން އިލްތިމާސްކުރައްވައިފަ އެވެ.
ރާއްޖޭގައި ލޭ ހަދިޔާ ކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން ދިޔަ ނަމަވެސް ބައެއް ފަރާތްތަކަށް ލޭ ހޯދުމުގައި އަދިވެސް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ނިމާލް ވިދާޅުވި އެވެ. އެހެންވެ، ލޭ ހޯދަން މީހަކު އެދުމުގެ ކުރިން ދަރުމަ އަށް ލޭ ހަދިޔާ ކުރުމުގެ އާދަ ހަރުލެއްވުމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ދުނިޔެ އާއި އާހިރަތަށްޓަކައި ކުރެވޭ ހޭދައެއް،" ނިމާލު ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 14 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
16 June 2025
އަނެއްކާ ލޭ ހަދިޔާ ކުރެވޭ ހާލަތެއްގައިބާ އެމްބެސެޑަރުން ތިބީ.
ކަރީމ
16 June 2025
އެމްބެސެޑަރުންނަށް ވީމާ ވާގޮތެއް ކޮންމެސް މީހަކު އޮޅުންފިލުވާދީބަލަ.