ޑްރަގް ކޯޓް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
26 ޖޫން 2025 - 18:41
ޑްރަގަށް ފަރުވާ ހޯދި މީހުންގެ ތެރެއިން 18 ޕަސެންޓް މީހުން އަލުން ޑްރަގް ބޭނުންކުރާ މައްސަލަތައް ހުށަހެޅޭ ކަމަށް ޑްރަގް ކޯޓުން ބުނެފި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން ޑްރަގު ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން 2011 ވަނަ އަހަރު ތަސްދީގުކުރި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑްރަގް ކޯޓު އުފެދުނު ފަހުން މިހާތަނަށް 11،700 އަށް ވުރެ ގިނަ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވެ އެވެ.
ކޯޓުން ބުނިގޮތުގައި އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 94 ޕަސެންޓް މައްސަލަތަކުގައި ހިމެނެނީ ފިރިހެނުންނެވެ. އަދި ތިން ޕަސެންޓް މައްސަލަތަކުގައި އަންހެނުން އަދި ދެ ޕަސެންޓް މައްސަލަތަކުގައި ކުޑަކުދިން ހިމެނޭ ކަމަށް އެ ކޯޓުން ބުންޏެވެ.
ކޯޓުން ބުނިގޮތުގައި މިހާތަނަށް 5،148 މައްސަލައެއްގައި ފަރުވާ ނިމުމުން ފަހުގެ ހުކުމް ކޮށްފައިވެ އެެވެ. އަދި ފަހުގެ ހުކުމްކުރި ފަހުން އޭގެ ތެރެއިން 946 މީހެއްގެ މައްސަލަ އަލުން ކޯޓަށް ހުށަހެޅުނު ކަމަށް އެ ކޯޓުން ބުންޏެވެ. އެކަމަކު 4،202 މީހުން ނުވަތަ 82 ޕަސެންޓް މީހުންގެ މައްސަލާގައި ފަހުގެ ހުކުމްކުރި ފަހުން އެ މީހުންގެ މައްސަލަ ކޯޓަށް ހުށަނޭޅޭ ކަމަށް އެ ކޯޓުން ބުންޏެވެ.
ކޯޓުން ވަނީ 2،389 މީހެއްގެ މައްސަލާގައި އެ މީހުން ފަރުވާ އިން ވަކިކޮށް ޖަލު ހުކުމް ތަންފީޒު ކުރުމަށް ވެސް އަމުުރުކޮށްފަ އެވެ. އަދި ފަރުވާއިން ވަކިކޮށް، ޖަލަށް ހުކުމްކުރި 498 މީހުންގެ މައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅި ކަމަށް އެ ކޯޓުން ބުންޏެވެ. އެ އެންމެންނަކީ ވެސް އެ ކޯޓުން ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ފަހުން މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އަނެއްކާވެސް ދައުވާ ކުރެވިފައިވާ މީހުން ކަމަށް އެ ކޯޓުން ބުންޏެވެ.
ކޯޓުގެ ޕެންޑިން މަސައްކަތްތަކާ ގުޅޭގޮތުން އެ ކޯޓުން ބުނީ މިއަހަރުގެ މެއި މަހުގެ ނިޔަލަށް 1،376 މައްސަލައެއް ނުނިމި އެބަ އޮތް ކަމަށެވެ. އޭގެ ތެރެއިން 1،192 މައްސަލާގައި ހިމެނޭ މީހުންނަކީ ފަރުވާގެ މަރުހަލާގައި ހިމެނޭ މީހުން ކަމަށާއި އަދި ރީހެބިލިޓޭޝަން އަމުރު ކުރުމުގެ ކުރީގެ މަރުހަލާގައި 184 މައްސަލައެއް އެބައޮތް ކަމަށް އެ ކޯޓުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
27 June 2025
ތިއީ ކަނޑައެޅިގެން ނުބައި ޕަސެންޓެއް. ޑްރަގް ފަރުވާ ދީގެން ރަގަޅުވި މީހަކާއި ދިމާވީ ވަރަށް މަދުން. އޭނާ ބަސްޓް ނުވީމާ އެއީ ފަރުވާ ކާމިޔާބު ވީ އެއް ނޫން.
ތަހުމީން
26 June 2025
މަސްތުވާތަކެތި ބޭނުންކުރުން ޒުވާނުންނަށް ވަނީ ކޫލް ކަމަކަށް. ދީނީ ގޮތުން މިކަމަށް އެޑްރެސް ކުރުން މުހިންމު ކަމަށް ދެކެން. ޑްރަގަށް ވަކިން ކޯޓެއް ހުންނައިރު ޑްރަގް ހުރިހާ މައްސަލައެއް އެކޯޓުން ނުބަލަނީ ކީއްވެބާ؟ މާ މައްސަލަ ގިނަވީމަތަ އަހަރެން ރަށު ކޯޓުންވެސް ޑްރަގް މައްސަލަ ބަލާ. ގާޒީގޮތް އެނގޭ އެންމެނަށް. މީހާ ސަލާމަތްވޭ
ވަރުދާ
26 June 2025
ޑްރަގް މައްސަލަ ހައްލު ނުވަނީ ޑްރަގް ވިއްކާ މީހުންނަށް އެކަށޭނެ ފިޔަވަޅު ނޭޅޭތީ. ފަރުވާ ނިންމިޔަސް ބޭނުން ވަރަކަށް އެވެއިލަބްލް ވަންޏާ މީގެ ފައިދާއެއް ނުނިކުންނާނެ. ފަރުވާގެ ނިޒާމަކީ އެއްބައި. މީހުން ހޭލުންތެރި ކުރަންޖެހޭ. ވިޔަފާރި ހުއްޓުވެންޖެހޭ. ޒުވާން ޖީލު ހަލާކުވެ ނިމިއްޖެ.
ގުދުގުދާބެއްޔާ
26 June 2025
ތިމީހުން ނުވާނެ ރަގަޅެއް ޑުރަގް ނަމުގަ ފަޅުރަށެއް ހަދާފަ ކުރިހާ ޑުރަގް ބޯ ގޮލައިން އެރަށައް ލާން ވީ! ރަގަޅު ޕޮލިސް ފޯސް އެއް ގެ ބެލުމުގެ ދަށުން! ރަށުން ބޭރަށް ފުރައިފެން ނުދެވޭގޮތައް! ތިބޭނެ ތަން ހަދާ ފަ ޚިދުމަތްދޭ ތަން ބޮޑުފާރެއްގެ ބިއްދަށުގައި ނޭރޭނެން ނުވަދެވޭނެހެން ހަދާފަ! އެމީހުންނަށް ބޭނުންވާ ޑުރަގް ވެސް ދީ! އޭރުން އޯވަރ ޑޯސްވެގެން މަރުވެގެން ހިގައިދާނެ! މިއީ ތިމީހުން މަދުކުރެވޭނެ ހަމައެކަނި ގޮތަކީ!
ެއލށފތ
27 June 2025
ކަލޭ ތީ އެވިއްކާ ވިޔަފާރި ކުރާ މީހުން އައް ސަނާކިޔާފަ އެވެރިންގެ ކިންގް ލައިފްސުޓައިލައް ހަރަދު ކުރާ އަޅުންއައް ހަޖޫ ޖަހަނީތަ؟ ވިއްކާމީހުން އެތެރެކުރާމީހުންނައް ވަކިން ރަށެއް ހަދާބަލަ.
ގުދުގުދޯ
27 June 2025
ޒުލްގަރުނައިނި ރަސްގެފާނު ކަންފަތްބާގައިގެ މީހުން ކިބައިން ރަށް ސަލާމަތް ކުރަން ފާރުލީހެން ދީ. ވަރަށް ތާއީދު ތިޔަ ޚިޔާލަށް
ރިއަލިޓީ..
26 June 2025
އަމިއްލަމީހާ އެކަމުން މިންޖްވާން ހިތްވަރު ނުކުރަންޔާ ކާމިޔާބެއްނުލިބޭނެ.. ބަޔަކު ގެންދިޔައީމަ ޗުއްޓީ ހޭދަކޮއްލަން ދިއުންކަހަލަ ކަމަކަށްވާނީ.. އަންނަތަނުން ކުރީގެ ރަޙުމަތްތެރިންތައް އައިސްމީހާ އަނެއްކާ ބަދަލްކޮއްލަނީ.. އެޗާންސް ނުދެންވީ.. އެމީހުންނާއި ދުރުވެގެން ކާމިޔާބުލިބޭނީ..
މަލީޝާ
26 June 2025
ޑްރަގް ކޯޓަކީ ހަގީގަތުގައި ރާއްޖެއަށް ގެނެވުނު ވަރަށް ފުރިހަމަ ޒަމާނީ ނިޒާމެއް. އެކަމަކު ދެރައަކީ މީގައި ރަނގަޅަށް ހަމައެކަނީ ކޯޓުގެ ބައިކަން. ފަރުވާ ދިނުން ވަނީ ވަރަށް ބޮޑަށް ބޮއްސުންލާފައި. އެންޑީއޭގައި އެކަށީގެންވާ މީހުނެއް ނެތް. ފަރުވާއަށް އަމުރުކުރާތާ އެތައް ދުވަހެއް ފަހުން ފަރުވާ ކުރިއަށް ދަނީ. ރައީސް މުޢިއްޒު މިކަން ރަނގަޅަށް ބައްލަވައިދެއްވުން އެދެން. މަނިކުފާނަކީ ދުރުވިސްނޭ ހަރުދަނާ ލީޑަރެއް.
ސިޔުނީ
26 June 2025
އެމެރިކާގެ ރޮކަރފެލަރ ސެންޓަރުން ނެރެފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން، އެމެރިކާގެ ޑްރަގް ކޯޓު ސިސްޓަމުގެ ސަކްސެސް ރޭޓު އުޅެނީ 69 އިންސައްތައިގައި. އެކަމަކު، މި ނިޒާމުގެ ބަދަލުގައި ކޮންވެންޝަނަލް ކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުން ޖަލަށް ލާ ނަމަ، އެމީހުން ދެވަނަ ފަހަރަށް ކުށްތަކަށް އަރައިނުގަނެ އުޅޭ ރޭޓަކީ އެންމެ 28 އިންސައްތަ! އެހެންވީމަ، ރާއްޖޭގެ ޑްރަގް ކޯޓު ސިސްޓަމު ކާމިޔާބުކަމަށް ދެކެން.
ަފަހުދު
26 June 2025
އަހަރެންނަކީ ޑްރަގް ކޯޓުން ކޮމިއުނިޓީ 3 މަހަށް ފަރުވާއަށް ފުރުސަތު ދީފައިވާ ކުއްޖެއް. އެންޑީއޭއިން އަދިވެސް ފަރުވާއަށް ކައުންސިލަރަކު ހަމަނުޖެހޭ އަހަރެންނަށް. ޑްރަގް ކޯޓުން ހުކުމު ކުރާ ދުވަހު ފަރުވާ ވެސް އެންޑީއޭއިން ފަށްޓައިދޭ ނަމަ މިހާ ދުވަހު އަހަރެން ފަރުވާ ނުލިބި ހުންނާކަށް ނުޖެހޭނެ. އަހަރެން ކަހަލަ އެތައް ކުދިންނެއް އަދިވެސް އެބަ ތިބި ފަރުވާ ނުފެށި.
ޔައިލީން
26 June 2025
ފަރުވާ ހޯދި މީހުންގެ ތެރެއިން 18 އިންސައްތަ ރިލެޕްސްވުމަކީ ހަގީގަތުގައި ކާމިޔާބެއް. ޑްރަގް ބޭނުން ކުރުމަކީ އެހާ ފަސޭހައިން ހުއްޓާލެވޭ ކަމެއް ނޫން. އެހެންވެ، ބައެއް ފަހަރު އަނެއްކާ ވެސް އޭގެ ތެރެއަށް މީހުންނަށް ވަދެވޭ ގޮތްވޭ. ތަފާސްހިސާބުން އަންގައިދެނީ ޑްރަގް ކޯޓުގެ ނިޒާމުގެ ކާމިޔާބުކަން. އެންޑީއޭގެ ފަރުވާދިނުމުގެ ކަންކަން މިހާރަށް ވުރެ އަވަސްވެ ހަރުދަނާ ވެއްޖެ ނަމަ އަދިވެސް ވަރަށް ރަނގަޅު ކުރެވޭނެ. ޑްރަގް ކޯޓުގެ މަސައްކަތަށް ޝުކުރިއްޔާ.
ޙިކްނާ
26 June 2025
ހުޅުމީދޫ އަކީ ޑުރަގުގެ ބަވާ އެންމެ ބޮޑު ރަށް.