ބިޑިއަޅުވަން އުޅުމުން ގަދަ ދެއްކި މީހަކަށް އަނިޔާވެއްޖެ

ފުލުހުންގެ ބެލުމުގެ ދަށުން ޑްރަގް ކޯޓަށް ގެންދަން ޖެހޭ މީހަކު ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން ބިޑި އަޅުވަން އުޅުމުގެ ތެރޭގައި އަތުގެ ކަށިގަނޑުގައި ރެނދެއް ލައިފި އެވެ.


ފުލުހުން ބުނީ ބަންދުގައި ބަހައްޓައިގެން އަންނަ އާދީއްތަ ދުވަހު ޑްރަގް ކޯޓަށް ހާޒިރުކުރަން ޖެހޭ އުމުރުން 31 އަހަރުގެ އެ މީހާ އަތުގައި ބިޑިއަޅުވަން އުޅުނީ ނުކިޔަމަންތެރިކަން ދެއްކުމުން ކަމަށެވެ. ފުލުހުން ބުނިގޮތުގައި ހައްޔަރުކުރި މީހާ އަތަށް ތަދުވާ ވާހަކަ ބުމުން ފުލުހުންގެ ބެލުމުގެ ދަށުން ޑޮކްޓަރަށް ދެއްކި އެވެ. އަދި އޭނާގެ އަތުގައި ރެނދެއްލާފައިވާ ކަމަށް ޑޮކްޓަރު ބުނުމުން މިހާރު ވަނީ އޭނާ އަށް ފަރުވާދީ ގޭބަންދަށް ބަދަލުކޮށްފައި ކަމަށް ވެސް ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބާރުގެ ބޭނުންކުރާ ކޮންމެ ހާލަތެއްގައި ފުލުހުންގެ "ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީ" އިން އެކަން ދިރާސާކޮށް، ފިޔަވަޅު އަޅަން ޖެހޭ ހާލަތްތަކުގައި ފިޔަވަޅު އަޅާނެ ކަމަށެވެ.