މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ބަންގްލަދޭޝް މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ތަހުގީގަށް ފަހު މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ ބަންގުލަދޭޝް މީހެއް ކަމަށްވާ އެމްޑީ ސޮހަބް މިއަ، 36، ގެ މައްޗަށެވެ.
ފުލުހުން ބުނީ އޭނާގެ މައްޗަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ އުފުލީ ޖޫން 28، 2024 ގައި، ޔޫއެސް ބަންގްލާ އެއާލައިންސްގެ BS337 ފްލައިޓުން ރާއްޖެ އައިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތައް ސްކޭން ކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން، އިތުރަށް ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ލެޕްޓޮޕް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓެއް ފެނިފައިވާ މައްސަލައިގައި ކަމަށެވެ.
އޭނާގެ އަތުން ފެނުނު ތަކެތި ތަހުލީލުކުރި އިރު، އެއީ 536 ގްރާމްގެ މެތައެމްފަޓަމިން ކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހިންގި ތަހުގީގުގައި، ހެކި އެއްކުރުމާއި ފެނުނު ތަކެތި ތަހުލީލުކުރުމުގެ އިތުރުން މައްސަލައިގައި ބައިވެރިވި ފުލުހުންގެ ބަޔާންތައް ނަގައި، ކޯޓަށް ބޭނުންވާ ހުރިހާ ހެކިތަކެއް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކުރީގެ މަރުހަލާތަކުގައި ބަންދުގައި ހުރި މުއްދަތު ކެނޑުމަށް ފަހު، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އޭނާ 23 އަހަރާއި 3 މަހާއި 25 ދުވަހަށް ޖަލަށް ލުމުގެ އިތުރުން 100,000ރ. ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އެ އިދާރާ އާއި ގާނޫނު ތަންފީޒުކުރާ އެހެނިހެން މުއައްސަސާތަކުން ގުޅިގެން ކުރަމުން އަންނަ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.