ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، ސްޕެއިނަށް ފުރާވަޑައިގަތުމަށް މަތިންދާބޯޓަށް އަރަނީ.-- ފޮޓޯ: ރައީސް އޮފީސް
27 ޖޫން 2025 - 12:48
ސްޕެއިންގެ ސެވިލްގައި ބާއްވާ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް މިއަދު ހެނދުނު ސްޕެއިނަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
އެ ކޮންފަރަންސްގެ އިފްތިތާހީ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށް ތާވަލު ކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން؛
- މަސްލަހަތުވެރިންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާނެ.
- ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށާއި މާލީ ނިޒާމުގައި ޝާމިލުކަން ކަށަވަރުކުރުމުގެ މައްޗަށް ވެސް މަޝްވަރާކުރައްވާނެ.
- ރާއްޖޭގެ އިސްނެގުމުގެ މަތިން ކޮންފަރެންސްގެ ހަވާސާގައި ބާއްވާ ހަރަކާތްތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، ސްޕެއިނަށް ފުރާވަޑައިގަތުމުގެ ކުރިން ސަރުކާރުގެ ބައެއް އިސްބޭފުޅުންނާ ވެލާނާ އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނި ގޮތުގައި، މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އެފްއެފްޑީ4 އަކީ، މާލީ އިސްލާހާ މެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް ސަރުކާރުތަކާއި ބައިނަލްއަގުވާމީ އާއި ސަރަހައްދީ ޖަމިއްޔާތަކާއި މާލީ އާއި ވިޔަފާރީގެ މުއައްސަސާތަކާއި ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތަކާއި އދ. ގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު ބައްދަލުވުމެކެވެ.
އެ ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުން ބޭއްވީ އިތިއޯޕިއާގެ އަޑިސް އަބަބާގައި 2015 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށސ11
28 June 2025
ފައިން ވެލިނުހިކެނީސް އަނެއްކާ އަނެއްތާކަށް ރައްޔިތުންގެ ޓެކްސް ފައިސާ ތަޅާހުސްކުރަމުން!
ކޮސް
27 June 2025
ދެން ފުޓުބޯޅަ މެޗެއް ބައްލަވާލާފަ މާލެވަޑައިގެން , ރާއްޖެއާއި ސުޕޭނާއި ކުޅިވަރުގާ އެއްބާރުލުން ލިބޭފަދަ އެއްބަސްވުމަކަށް އާދެވުނު ވާހަކަ ވިދާޅުވީމަ , ރައްޔިތުން ތިބޭނެ އަތްޖަހަން......ހެއްހެއް. ބޭކާރު ދަތުރެއް.
ސަސި
27 June 2025
ކިތަންމެ މޮޅު ދިގުނަމެއް ކިޔާ ސަމިޓަކަށްވެސް ދެވިދާނެ، އެކަމު އެކަމުން ހާސިލްވާ އެއްވެސް މަންފާއެއް ނެތިއްޔާ ބޭކާރު ކަމެއް ދޯ
ހަލާލް
27 June 2025
ނޫނޭވާ ސަރުކާރުގެ ވެރިންނަށް ކޭރޭ ދަތުރުކުރަން. ތީހުސް ދިވެހިރައްޔަތުންގެ ފައިސާ އިސްރާފުކުރުން. ހެޔޮނުވާނެ.
ބަބްސް
27 June 2025
މަޖްލިސް ރައީސް އަކީ ނައިބް ކަމުގައި ހަދާ މިމަޤާމު އުވާލަން ފެނޭ. ވަރަށް ބޮޑު ޙަރަދެއް ސަލާމަތްވާނެ. މިކުރާދަތުރުތަކުން ވާފައިދާއެއް ނެތް.
ރަގަޅު ވާހަކަ އެއް
27 June 2025
އެއް ކަމެއް ވާ މީހެއްނޫން . ދައުލަތުން ބޭކާރު ޙަރަދު ކުރަން ޖެހޭ އެއްވެސް ފައިދާ އެއް ނުކުރާ މަގާ މެއް
ަސށޑޑށޑ
29 June 2025
ރައީސް ނަޝީދު އިސްތިއުފާ ދިން ދުވަހު ނާއިބު ރައީސެއް ހުރީމަ ނޫންތަ ގައުމުގެ ވެރިއަކަށް އެހާ ފަސޭހައިން މީހަކު އައްޔަން ކުރެވުނީ؟