ހާއްސަ އެހީއަށް ބޭނުންވާ 356 މީހުންނަށް ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުން ޝާމިލްކުރުމުގެ ގައުމީ މަގުޗާޓު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށް، ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދާ މަސައްކަތްތައް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

އެގޮތުން މިހާތަނަށް މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 356 މީހަކަށް ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައި ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ވެސް މި ސަރުކާރުން ހިންގާފައިވާކަން ފާހަގަ ކުރައްވައި، ނައިބު ރައީސް ވިދާޅުވީ މިއަދު އިފުތިތާހުކުރި މަގުޗާޓަކީ ސަރުކާރުން އިސްނަގައިގެން ކުރި އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ.

އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކުރުމުގައި ކުރިއަށް އެޅުނު ވަރުގަދަ ތާރީހީ ފިޔަވަޅެއް ކަމަށް ވެސް އެމަނިކުފާނުގެ ވިދާޅުވި އެވެ.