އައިޖީއެމްއެޗް: ކުއްޖާގެ ހާލަތު ބަލައި އެވަގުތަށް ދެވޭނެ ފަރުވާދިޔައީ ދެމުން ކަމަށް އެ ހޮސްޕިޓަލުން ބުނޭ.
29 ޖޫން 2025 - 23:33
އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް އަށް މަހުގެ ތުއްތު ކުއްޖާ ނިޔާވުމުގެ ކުރިން އެ ކުއްޖާގެ ބަލީގެ ހާލަތު ހުރި ގޮތް ޑޮކްޓަރުން ދިޔައީ ގާތުން ބަލަމުން ކަމަށާއި އެވަގުތަށް ދެވޭނެ ފަރުވާ ވެސް ދިން ކަމަށް އެ ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.
ގދ. ތިނަދުއަށް ނިސްބަތްވާ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އަށް މަހުގެ ޔޫނުސް ހުސެއިން އަބްދުﷲ ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުންނެވެ.
އެ މައްސަލާގައި ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ ސިއްހީ ފަރުވާއާ ގުޅޭ ގޮތުން ހޮސްޕިޓަލަށް ހުށަހެޅޭ ކޮންމެ ޝަކުވާއަކީ އަދި ބަލި މީހުންގެ ފަރާތުން ކަންބޮޑުވުމެއް އޮތްކަން އެނގޭ ނަމަ، އެކަންކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އެ މައްސަލާގައި މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ނިޔާވި ކުއްޖާގެ ބަލީގެ ހާލަތު ހުރި ގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން ގާތުން މޮނިޓާކޮށް، އެވަގުތު ދެވެން އޮތް ފަރުވާދީ، ގުޅުން ހުރި ލެ އާއި އެހެނިހެން ތަހުލީލުތައްކޮށް ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައް ދިޔައީ ގެންނަމުން ކަމަށެވެ.
"ރެކޯޑުތަކުން ދައްކާ ގޮތުން އެ ޑިޕާޓްމަންޓްގެ މެޑިކަލް އޮފިސަރުންގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ވޯޑުތަކަށް ޒިޔާރާތްކޮށް ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކުވެސް ކުއްޖާ ބަލާފައިވޭ،" ބަޔާނުގައި ބުންޏެވެ.
ފަރުވާދިނުމުގައި ހޮސްޕިޓަލުން އަމަލުކުރާ ގޮތުގެ ތަފްސީލު ދެމުން އައިޖީއެމްއެޗުން ބުނީ އައިސީޔޫގައި ފަރުވާދެން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާދޭނަމަ، އެކަން ހަމަޖެއްސުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތްކުރާ ކަމަށެވެ. އެ ހޮސްޕިޓަލުގެ އައިސީޔޫ ފުރިފައިވާ ނަމަ، އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ޓްރާންސްފާކުރުމުގެ އިންތިޒާމު ވެސް ހަމަޖައްސާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ ތުއްތު ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް ޖެހޭ ހުމެއް ނުވަތަ އިންފެކްޝަނަކާ ގުޅިގެން ދިމާވާ އިތުރު ނުރައްކާތެރި ބައެއް ކަންކަމަކީ ފުރާނައަށް ވެސް ގެއްލުން ވެދާނެ ފަދަ ސިއްހީ ފަރުވާގައި ދުރާލާ ދެނެގަންނަން އުނދަގޫ ކަމެއް ކަމަށެވެ. އެފަދަ ބައެއް ހާލަތްތަކުގައި ކުއްލިއަކަށް ހާލަތު ނުރައްކާ ވެސް ވެދާނެ ކަމަށެވެ.
އެފަދަ ކޮންމެ މައްސަލައެއްގައި ވެސް ހޮސްޕިޓަލުގެ އެތެރޭގެ ތަހުގީގެއް ކުރާ ކަމަށާއި ހިދުމަތް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ބަލާ ކަމަށް ބުންޏެވެެ.
"މި މައްސަލަ ވެސް މި ހޮސްޕިޓަލުން މިގެންދަނީ އިތުރަށް ބަލަމުންނެވެ. އަދި މައްސަލައެއް ބެލުމުގައި ހޮސްޕިޓަލުގައި ބަލި މީހުންނާއި އާއިލާގެ ފަރާތުން ކުރާ ތަޖުރިބާ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވި އެ ކަންކަން އިސްލާހު ކުރާ ކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި އަރުވަމެވެ." ހޮސްޕިޓަލުގެ ބަޔާނުގައިވެ އެވެ.
ތުއްތު ކުއްޖާ ނިޔާވި މައްސަލާގައި އޭނާގެ ދައްތަ، ޔުނާލް ހުސެއިން ބުނީ ކެއްސުމާ އެކު ހޮޑުލައި މާގަދައަށް ރޯތީ ހޮސްޕިޓަލަށް ދިޔަ ކަމަށާއި ފުރަތަމަ ދެ ފަހަރަށް ވެސް ބޭސް ދިނުމަށް ފަހު ހޮސްޕިޓަލުން ފޮނުވާލީ އެވެ.
އެ ބޭސްތަކުން ކުރިއެރުމެއް ނުލިބޭތީ މި މަހުގެ 20 ވަނަ ދުވަހު އެޑްމިޓުކުރަން ނިންމީ، ޔުނާލް ބުނިގޮތުގައި، ކޮއްކޮ ގޮވައިގެން ތިން ވަނަ ފަހަރަށް އައިޖީއެމްއެޗަށް ދިއުމުންނެވެ. އެ ފަހަރު ލޭގެ ޓެސްޓެއް ހަދައި ނަތީޖާ ލިބެންދެން އީއާރުގައި ބޭތިއްބުމަށް ފަހު ކުޑަކުދިންގެ ވޯޑަށް ބަދަލުކުރީ އެވެ.
އައިވީ ގުޅައި އެޑްމިޓްކުރި ފަހުން އެ ކުއްޖާގެ ސިފަ ގެއްލޭ ވަރަށް ފުފެން ފެށި އެވެ. އެ ހާލަތު ރަނގަޅުވާން ފެށީ އިންޖެކްޝަނެއް ޖެހުމުންނެވެ. އެކަމަކު، އޭރު ވެސް ކުއްޖާގެ ބަނޑު އޮތީ ފުއްޕާފައި ކަމަށާއި ވާގޮތް ސާފުކޮށްދީފައި ނުވާ ކަމަށް އާއިލާ އިން ބުންޏެެވެ.
އިންޖެކްޝަނަށް ފަހު ވެސް ބަނޑުގެ ފުފުން ރަނގަޅު ނުވާތީ، ޔުނާލްގެ މަންމަ ވަނީ އެއީ ގޭހުގެ މައްސަލައެއްތޯ ބަލައި ދިނުމަށް ޑޮކްޓަރު ކައިރީގައި އެދިފަ އެވެ. އެކަމަކު، އިތުރަށް އެއްވެސް ކަމެއް ޔަގީން ނުކޮށް އިންޖެކްޝަން ޖެހި ކަމަށް އޭނާ ބުންޏެވެ.
ކުއްޖާގެ ޓެސްޓުތައް ހަދައި ފަރުވާ ދެމުން ދިޔައީ މެޑިކަލް އޮފިސަރުންނެވެ. އާއިލާ އިން ބުނި ގޮތުގައި ކުޑަކުދިންގެ ޑޮކްޓަރަކު އެތަނަށް ދިޔައީ ބުރާސްފަތި ދުވަހުގެ ރޭ އެކުއްޖާގެ ބައްޕަ އަޑުގަދަ ކުރަން ފެށުމުންނެެވެ.
އެ ކުއްޖާގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދަނިކޮށް ހުކުރު ދުވަހު ނިޔާވިއިރު ބޭރަށް ފޮނުވުމުގެ ހުރިހާ ކަމެއް ހަމަޖެހެންދެން އާއިލާއިން ވަނީ ކުއްޖާއަށް އައިސީޔޫގައި ފަރުވާ ދިނުމަށް އެދިފައި ކަމަށާއި އެކަމަކު، އެ ތަނުގެ ޖާގަ ފުލްވެފައި ހުރުމުން އެ ފުރުސަތެއް ވެސް ނުލިބުނު ކަމަށް ބުނެ އާއިލާ އިން ކަންބޮޑުވުން ފާޅުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިހާން ހުސައިން
30 June 2025
ކަމެއްވީމަ އެއްޗިހިގޮވާމީހުން ވަރަށް ގިނަވާނެ. އެއީ އިންސާނީ ތަބީޢަތް. 8 މަހުގެ ކުއްޖަކު ނިޔާވީމަ އެކަމާ ޢާއިލާއާއި ރަޙްމަތްތެރިންކުރާނެހިތާމަ އެނގޭނީ އެކަން ތަހައްމަލްކޮށްފައިވާ ބަޔަކަށް. އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑިޕާޓްމެންޓަކީ ތަނުގައި އޮތް އެންމެ ރަނގަޅު އެއް ޑިޕާޓްމެންޓް. ޚިދުމަތްތައް ފުރިހަމަ، ޑޮކްޓަރުން ރަނގަޅު. ކަމެއް ގޯސްކޮށް ނުހިނގާނެއެކޭނޫން. ގޯސްކޮށް ހިނގާފައިވާކަން ބަލައި ރަނގަޅުކުރުމަކީ މިހާރު ކުރަންވީ ކަންތައް.
ނިލް
30 June 2025
ޔަގީން ނުދޭނެކަން.. ހަމަ ހިތަށް އެރިގޮތަކަށް އެތާ އުޅޭމީހުން ކަންތައް ކުރަނީ.. ބަލާނެ މީހަކު އެޅޭނެ ފިޔަވަޅެއް ނޯންނަކަން އެމީހުންނަށް އެނގޭ.. ކުށްވެރިވާނީ އަބަދުވެސް ބަލިމީހާ ނުވަތަ އެހީތެރިން
ހީހީ ސުލީހް
30 June 2025
ހެޔޮނުވާނެ ތިހާވަރަށް ދޮގުހަދާކަށް
ހުސައިން ފުޅުބެ
30 June 2025
ދާދި މިފަހަކުންނެއް ނު ތި ހޮސްޕިޓަލުގައި ކުޑަކުދިންތަކަކަށް ނުރައްކާތެރި ވައިރަސްއެއް ޖެހި އެކަންވެސް ސިއްރުކޮށްގެން ތިބީ.މިހަރު ސީނިއަރު ޑޮކްޓަރުންނޭ ކިޔާފަ ތިބެނީ ހުސް އަލަށް ފަށާ ޑޮކްޓަރުންނަށް ކަންކަން ދޫކޮށްލައިގެން.ރޭގަނޑު އޯޕީޑީ ހަދަނީއޭ ކިޔައިގެންވެސް އެތަނަށް މިދަނީ ކްލިނިކަށްދާގޮތަކަށް ގަޑިޔަކަށް އެތައް ސަތޭކަ ރުފިޔާ ދީގެން.މީ ދިވެހިންގެ ޓެކްސް ފައިސާއިން ދައުލަތުން ކިޔަވާދިނީމަ ހަދާގޮތް.ބައެއް މީހުން ރާއްޖެއިން ބޭރަށް ގޮސްފަ އެބުރިނާދޭ
ހަހަ
30 June 2025
ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ރަނގަޅު ނުވާނެ ކިބުރުވެރި ޑޮކްޓަރުން ތިބިހާ ހިދަކު! އެމީހުންނަށް ބަލި މީހުންނަކީ ފައިސާ ނޫޓުތަކެއްހެން!
ހުސްދޮގު
30 June 2025
ވަރަށް ވާހަަކަ ރީތިވާނެ. ތިތަނުން މައްސަލައަކާ ދިމާނުވާ އެކަކާވެސް އަދި ދިމާނުވޭ. ދެން ހުރިހާކަމެއް ސަޅިކޮށްދަނީ ތިތަނުގަ ކޮންމެވެސް ތިމާގެ މީހެއް އާއިލާ މީހެއް ހުންނަ މަދު ބަޔަކަށް
ސުހާނާ
30 June 2025
ކަލޭ ނުވަތަ ކަލޭގެ އާއިލާގެ ބަޔަކު ޑޮކްޓަރުކަން ކިޔަވައިގެން އަމިއްލަ ހޮސްޕިޓަލެއް ހުޅުވައިގެން، މީހުން މަރުވިޔަނުދީ ހިފަހައްޓަންވީނު.
އައިޝަތު55
30 June 2025
"ރެކޯޑުތަކުން ދައްކާ ގޮތުން އެ ޑިޕާޓްމަންޓްގެ މެޑިކަލް އޮފިސަރުންގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ވޯޑުތަކަށް ޒިޔާރާތްކޮށް ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކުވެސް ކުއްޖާ ބަލާފައިވޭ،" ބަޔާނުގައި ބުންޏެވެ. ދިސް އިޒް ނޮޓް އިނަފް. ހަޤީގަތް އޮތް ގޮތަށް ވާހަކަ ދައްކައިގެން ނޫނީ ކަންކަން ރަނގަޅެއް ނުކުރެވޭނެ. އެއް ހޮސްޕިޓަލުގައި މަސައްކަތް ކުރިއަށް މީހުން އެކައުންޓަބަލް ކުރުވަންޖެހޭ. ކޮލިޓީ ސަރވިސްއެއް ދޭން މީހުން ބިލްޑްނުކުރެވެނީ މިހެންވެ.
ދިވެހިންގެ ރާއްޖެ
30 June 2025
ޑައިބެޓިކް މީހެއް. އަޅުގަނޑު އައިޖީއެމްއެޗް ގައި އޮވެ ހޭނައްތައިގެން ސާޖަރީއެއް ހަދާފައި އޮވެ 3 ދުވަސްވީއިރު ހަކުރު ހުރި ވަރެއް ނުބަލާ. ބޭސް ބޭނުން ކުރުން ހުއްޓާލައި އިހުތިޖާޖު ކުރާތާ އެއްދުވަސް ފަހުން ސާޖަރީގެ 4 ދުވަސް ފަހުން ފުރަތަމަވެސް ހަކުރު ޓެސްޓް ކުރީ. ކޮންމެ މީހަކު ވެސް އުޅެންވާނީ މިހާލުގައި ތޯ.
ތެފައާސާ.
30 June 2025
އައިޖީއެމްއެޗްގެ އިހުމާލެއްގެ ތުހުމަތު އައިޖީއެމްއެޗްއިން ތަހުގީގުކޮށް އައިޖީއެމްއެޗްއިން އައިޖީއެމްއެޗްގެ އިހުމާލެއް ނެތްކަމަށް ނިންމުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބި އައިޖީއެމްއެޗްއާއިމެދު އޮތް އިތުބާރު އެތައްތަނަކުން އިތުރުވެއްޖެ. މަރުހަބާ އައިޖީއެމްއެޗް.
ގާފް
30 June 2025
ދިވެހި ރާއްޖޭގެ ސިއްހީ ހިދުމަތް ހުރީ އިންޑިއާ އާ އަޅާ ބަލާއިރު 1970 ގެ އަހަރު ތަކުގައި...ރަގަޅު ޑޮކްޓަރުންނެއް ނުތިބޭ...ބަލި މީސް ޑައިގްނޯސް ކުރަނީ... މުއްސަދިން ދާނީ ޔޫކޭ, ސިންގަޕޫރު ނޫނީ ޔޫރަޕަަށް ވީމާ, ސިއްހީ ހިދުމަތް ރަގަޅު ކުރާނެ ކަމެއް ނެތް