ސިފައިންނާއި ފުލުހުން ރަސްމީ ފާލަން ސަރަހައްދުގައި .-- ފޮޓޯ: ނިޝާން އަލީ | މިހާރު
08 ޖުލައި 2025 - 18:52
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ، މޯލްޑިވްސް ނޭޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް) ޕްރޮގްރާމްގައި ބައިވެރިވާން މިހާތަނަށް 1،200 އަށްވުރެ ގިނަ ޒުވާނުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލި ފުރަތަމަ ބުރުގައި ބައިވެރިވާން އެދި 1،244 މީހަކު ހުށަހަޅާފައިވާ ކަމަށެވެ.
މިހާރު ކުރިމަތިލާފައިވާ ޒުވާނުން ޕްރޮގްރާމަށް ނަގާނީ ފޯމު ހުށަހަޅާފައިވާ ތަރުތީބުން ކަމަށާއި ފުރަތަމަ ބުރުގެ ހުރިހާ ބައިވެރިންގެ ތަމްރީނުތައް ނިމުނުހާ އަވަހަކަށް ދެވަނަ ބުރު އިއުލާންކުރަން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ އެ ޕްރޮގްރާމުގެ ތަމްރީނުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ބައިވެރިވާން އެދިފައިވާ ޒުވާނުންގެ ތެރެއިން އެ މީހަކަށް ފަސޭހަ ސްޓޭޝަނަކަށް ގޮސް "ސިލެކްޝަން ޕްރޮސެސް" ފުރިހަމަ ކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ރައީސް މުއިއްޒު ވަނީ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގެ ދަށުން، އަހުލާގު ރަނގަޅު އަދި މަސައްކަތްތެރި ކުދިންތަކެއް މުޖުތަމައުއަށް ނެރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. މި ޕްރޮގުރާމް ފުރިހަމަކުރާ މީހުންނަށް ސިފައިންގެއިން ނުވަތަ ފުލުހުންގެ ހިދުމަތުން ފުރުސަތު ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. ގާނޫނު އެކުލަވާލާއިރު، އިތުރު ތަފްސީލްތައް ކަނޑައަޅާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެލަވަންސެއް ވެސް ހަމަޖައްސާނެ ކަަމަށެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މިހާރުގެ ވިސްނުމަކީ ޕްރޮގްރާމް ފަށާއިރު 6،000ރ. ގެ އެލަވަންސެއް ދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
09 July 2025
މަހަކު 15 ހާސް ލިބޭ ގޮތަށް ސެކިއުރިޓީ ގާޑް އެއްގެ ވަޒީފާ އަށް ހުޅުވާލިއަސް ހާހުން މަތީން ކުރިމަތިލާނެ އެވެ. އޭލެވެލް އޯލެވެލް ޑިޕްލޮމާ މީޙުންވެސް ކުރިމަތި ލާނެ އެވެ. ގާވާއިދާ ހިލާފަށް ކުދި މެދު ފަންތީގެ ވިޔަފާރި ކުރާ ބިދޭސީން އެއްވެސް ދިވެއްސަކަށް ވަޒީފާ އެއް ނުދެ އެވެ. ދިވެއްސަކަށް 5 ހާސް ދީފަ ވިޔަފާރި ކުރަނީ އެވެ. މިކަން ހައްލުވާނީ ދިވެއްސަކު ފިހާރަ އަށް ނުވަދެ 24 ގަޑި އިރު ކޭޝިއަރަކަށް ހުންނަ ބިދޭސީ ކޭޝިއަރުން ތައް ޑިޕޯޓް ކޮށްގެންނެވެ.
ދިވެހިރާއްޖޭގެ ވަޒީފާތައް ދިވެހިންނަށް
09 July 2025
މިނޫނިއްޔާ އަމިއްލަ ނަސްލުގެ މީހުންނައް ވަޒީފާ ދިނުމުގަ ރޭސިސްޓް ބައެއް ނޫޅޭނެ މިދުނިޔޭގަ. ގިނަވަޒީފާތަކުގަ ރަސްކަން ކުރަނީ ބޭރުމީހުން.
ޝަމްހޫދު
09 July 2025
ޒުވާން ރަނގަޅު މުޖުތަމުއެއް މުޖުތަމުއެއް ބިނާކުރަން އެޅޭ ރަނގަޅު ފިޔަވަޅެއް.
އަސްލަމް ވަހީދު
09 July 2025
މިހެންވެ ބުނަނީ މިކަމަކީ ޒުވާނުން ހަގީގަތުގައި މަގުމަތިވިޔަނުދީ ޒުވާނުންނަށް ފުރުސަތު ލިބޭނެ ކަމެކޭ. މަގުމަތި ވިޔަކަ ނުދީ
އަހްނަފް ރަށީދު
09 July 2025
މިޔަކީ މިސަރުކާރުން ފެށި ނުލާހިކު މިހިއްމު ޕްރޮޖެކްޓެއް.
މީވާ ގައުމެއް
08 July 2025
ވިޔާނުދާ، މަގުން ކަސިޔާރުވެފަ އަތަކަށް ފަޔަކަށް އޮބިނޯވެގެން އުޅޭ ދަރިން ތިބިއްޔާ އެ ބަޔަކަށް ފުރަތަމަ ބުރުން ޖާގަ ދިނުން ރަނގަޅުކަންނޭގެ. ފިސާރި ރަނގަޅަށްވާނެ ސީދާމަގު ދަށްކަން.