ޚަބަރު / އަބްދުއްރަހްމާންގެ މަރު

އަބްދުއްރަހްމާންގެ މަރު: "މިއީ މި ރަށު މީހުން ކުރާ ޒާތުގެ ކަމެއް ނޫން،"

އއ. މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާ ދިނުމުން މަރުވި އަބްދުއްރަހްމާން އާދަމް

13 ޖުލައި 2025 - 20:21

18 comments

މި ރަށުގެ ކޮންމެ މީހަކާ ވާހަކަ ދެއްްކިޔަސް ކުއްލި ސިހުމަކާ އެކު ދެނީ އެއް ޖަވާބެކެވެ. ރަށުގެ ތާރީހުގައި ދުވަހަކު ވެސް މިފަދަ ބޮޑު ކަމެއް ދިމާވެފައެއް ނެތެވެ. ކުށުގެ ވެއްޓާ މިހާ ދުރު ރަށެއްގައި މީހަކު ނިދާފައި އޮއްވައި ވަރުގަދަ ހަމަލައެއް ދީ، މީހެއްގެ ފުރާނަ ދުއްވާލާނެ ކަމަށް ގަބޫލު ކުރާ އެކަކު ވެސް ނެތެވެ. އެއީ އއ. މާޅޮހު މީހުން ކުރާނެ ޒާތުގެ ކަމެއް ނޫން ކަމަށް މުޅި ރަށް އިއްތިފާގުވެ އެވެ.

މި ރަށު އޯކިޑްމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ ބޮލުގައި އެއްޗަކުން ޖަހައި ނުވަތަ ވަޅިން ވެސް ހަމަލަދީގެން މަރާލި މައްސަލާގައި އެންމެން ވެސް ތިބީ ހައިރާންކަންމަތީގަ އެވެ.

"އަޅުގަނޑުމެންގެ ހަޔާތުގައި ދުވަހަކު ވެސް މި ރަށުގައި މި ވަރުގެ ކަމެއް ހިނގާފައެއް ނެތް. މިއީ ޒަމާނުއްސުރެ ވަރަށް އަމާން އެކުވެރި ބަޔަކު އުޅޭ ރަށެއް. ވައްކަން ކުރުމާއި މީހުންނަށް އުނދަގޫ ކުރުން ކަހަކަ ކަން ވެސް ނުކުރާނެ،" މާޅޮހުގެ ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ނިޒާރު ވިދާޅުވި އެވެ.

ތުހުމަތު މާޅޮހުން ބޭރަށް، އެކަމަކު ހެއްކެއް ނެތް!

އަބްދުއްރަހުމާން މަރާލުމާ ގުޅުވައި ނިޒާރު ވިދާޅުވީ "އެއީ މި ރަށުގެ މީހުން ކުރާ ޒާތުގެ ކަމެއް" ނޫން ކަމަށެވެ.

"އަޅުގަނޑު ދުވަހަކު ވެސް ގަބޫލު ކުރާނެ ކަމެއް ނޫން. އެއީ މި ރަށުގެ ތާރީހަށް ބަލާފައި ބުނާ އެއްޗެއް،" ޔަގީންކަމާ އެކު ކުރީގެ އިސް މެޖިސްޓްރޭޓް ވިދާޅުވި އެވެ.

އެ އަށް ބާރު ދީ، "މިހާރު" އިން ވާހަކަ ދެއްކި ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އަބްދުއްރަހުމާން މަރާލުމުގެ ފަހަތުގައި ތިބޭނީ އެހެން ރަށެއްގެ ބައެކެވެ. އެކަމަކު މާޅޮހަށް އެހެން ރަށެއްގެ ބަޔަކު ރޭ އެރި ކަމުގެ ވެސް މާ ބޮޑު ހެއްކެއް ނެތެވެ. އެހެން ދެ ރަށެއްގެ މަސްވެރި ދެ ދޯންޏެއް ރޭ ފަތިހު ފުރައިގެން ދިއުން ފިޔަވައި އިތުރު ކަމެއް އެނގޭކަށް ނެތެވެ.

އަބްދުއްރަހުމާން ދިރިއުޅޭ މާހިޔަގެ ހުންނަ ސަރަހައްދު ބަންދުކޮށްފައިވާއިރު ފޮރެންސިކް ޓީމުގެ މީހުން މިއަދުގެ އިރުއޮއްސުނު ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާޅޮހުގެ މީހުން މި ރަށް "މޮޅުކޮށްފައި" ދައްކާ އެއް ވާހަކައަކީ ކުށްކުރުމާ ދުރު މީހުން އުޅޭ ރަށެއް ކަމެވެ.

"މިސްކިތަށް ވެސް ބައެއް މީހުން އަރާނެ ފާރުމަތީގައި ފޯނުތައް ބަހައްޓާފައި. ނަމާދުން ފައިބައިގެން އަންނައިރު ވެސް އެހެން މީހަކު އަތެއް ނުލާނެ. މި ރަށުގައި ގޭގެ ތަޅުނުލައި ހުންނަނީ ވެސް އެހެންވެ. އަބްދުއްރަހުމާންގެ ވެސް އެއީ ތަޅުލާ ގެއެއް ނޫން،" އެހެން މީހަކު ބުންޏެވެ.

"ވަރަށް ދަންވަންދެން ރަށުގައި މީހުން ހޭލާ އުޅޭނެ. އެކަމަކު ވައްކަން ކުރުމާއި ޑްރަގް ނެގުމާއި މީހުންނަށް އުނދަގޫކުރުމެއް ނޯންނާނެ."

އެއް ބަޔަކު ބުނާގޮތުގައި މާޅޮހުގެ މީހަކު ކުށެއް ކޮށްފި ނަމަ އެ ކަން ވަރަށް ފަސޭހައިން ފަޅާ އަރާނެ އެވެ. އެހެން ބަޔަކަށް އެ ކުރި ކަން ފޮރުވައިގެން ތިބެން މާ ގިނަ ދުވަސް ނުނަގާނެ ކަމަށް އެ މީހުން ބުނެ އެވެ.

އަބްދުއްރަހުމާންގެ މަރާ ގުޅިގެން މާޅޮހަށް އައިސް އުޅޭ ފުލުހުންގެ ޓީމުގެ ތެރެއިން މީހަކާ ސުވާލެއް ކޮށްލުމުން ވެސް ބުނީ، އއ. އަތޮޅުގެ އެހެން ރަށްތަކާ ބަލާއިރު މާޅޮހަށް އެކި މައްސަލަތަކުގައި އަންނަން ޖެހޭ ވަރު ވެސް މަދުކަމަށެވެ. ކުށުގެ ވެށި އެހާ ވެސް މި ރަށުގައި ފަޅެވެ.

އެކަމަކު، ރަށުގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މާޅޮހުގެ ބައެއްގެ އަތެއް ނެތި އެ ވަރުގެ ކަމެއް ކޮށްލަން އެހެން ރަށެއްގެ ބަޔަކަށް ނުކެރޭނެ އެވެ. އަބްުދުއްރަހުމާން ދިރިއުޅޭ ގޭގެ ކައިރީގައި ރޭގަނޑު ވަރަށް ދަންވަންދެން މީހުން އާންމުކޮށް ވެސް ހޭލާ އުޅެ އެވެ. އެ ސަރަހައްދުގައި ކެފޭއެއް ހުންނާތީއާ އެކު ވެސް އާންމުކޮށް ރޭގަނޑު ދަންވަރު ވެސް މީހުން މަދެއް ނުވާނެ ކަމަށް އެކަކު ބުންޏެވެ.

"އެހެންވީމާ ރަށުން ބޭރުގެ ބަޔަކު ކަމެއް ކުރިޔަސް ވަރަށް ބަލާފައި އެކަން އެ ކުރީ. ވަރަށް ބޮޑަށް ރާވައިގެން، ދުރަށް ވިސްނާފައި އޮތް ކަމަށް ފެންނަނީ،" އޭނާ ބުންޏެވެ.

އަބްދުއްރަހްމާން އެކަކާ ވެސް ރުޅިވެރިކަމެއް ނުބާއްވާ

މި ރަށުގެ އެންމެން ވެސް ބުނަނީ އަބްދުއްރަހުމާނަކީ އެންމެންނާ ގުޅޭ ވަރަށް އެކުވެރި މީހެއް ކަމަށެވެ. އިއްޔެ ހަވީރު ވެސް އުޅުނީ ކ. ގުރައިދޫގެ ބަޔަކާ އެކުގަ އެވެ. އެ މީހުންނަށް ސައިދީ، މަޖާކޮށް ހެދި އެވެ.

"ގުރައިދޫގެ ގާތް ބައެއް ގޮވައިގެން އުޅުނީ. މި ޒަމާނުގެ މީހުންނަށް ގާތް މީހުން ވެސް ނޭނގޭނެއޭ ކިޔައި އެ ކަހަލަ ވާހަކަތަކެއް ދެއްކީ. މަރަކީ އެ ކަހަލަ އެއްޗެއް. އިއްޔެ އެހާ މަޖާކޮށް އުޅުނު މީހާ އެ މަރުވީ ރޭ،" މާޅޮހުގެ އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

އަބްދުއްރަހުމާން މާޅޮހުގައި އުޅޭ ނަމަ އާންމުކޮށް ކުރާ ކަމަކީ ތާސް ކުޅުމެވެ. ރަށުގެ އެކި އުމުރުފުރައިގެ މީހުންނާ އެކު އެ ކަމުގައި މަޖާ ނަގަ އެވެ. ނަމަވެސް މީހުން ރުޅި އަންނަ އެއްވެސް ކަމެއް އޭނާގެ ފަރާތުން ނުފެންނަ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހުން ބުންޏެވެ.

"އެއީ ހަށިގަނޑު ވަރަށް ބިޔަކޮށް ހުންނަ ޖާނުން ވަރުގަދަ މީހެއް. މި އުޅޭ އާދައިގެ މީހަކު އޭނާއާ ކައިރިވާކަށް ވެސް ނުކެރޭނެ. އެހާ ވެސް ބިޔަކޮށް ހުންނާނީ،" ޒުވާނަކު ބުންޏެވެ.

އަބްދުއްރަހުމާންގެ ތިން ކުދިންގެ ތެރެއިން ދެވަނަ ދަރިފުޅު ނިމާލް ބުނީ، ބައްޕަ އަށް މީހަކު ދުވަހަކު ވެސް އިންޒާރުދީ، ކަމެއް ގޯސްވިކަން އެނގެން ނެތް ކަމަށެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑުގެ ތަހުލީލުތައް ހަދަން މާލެ ގެންދަން މިއަދު ހަވީރު ފުލުހުންގެ ލޯންޗަށް އަރުވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އެހެން ނޫން ނަމަ އެކަނި ނިންދަވަން ވެސް ނުބާއްވާނެ ނު. މީހެއްގެ ފަރާތުން ދުވަހަކު ވެސް ބައްޕަ އަށް އިންޒާރެއް އައިސްފައެއް ނެތް. މަޖަލަކަށް ވެސް އެ ކަހަލަ ކަމެއް ކުރި އަޑެއް ނާހަން،" ބައްޕަގެ މަރާ އެކު މިއަދު ރަށަށް އައި ނިމާލް ބުންޏެވެ.

"ބައްޕައަކީ މީހުން ދެކެ ރުޅި އައިސްގެން އުޅޭ މީހެއް ނޫން. އެންމެންނާ އެކު ވެސް އުޅެވޭތޯ ބަލާނެ."

އަބްދުއްރަހުމާނަށް ބައެއް މީހުން ސިހުރުގެ އިނގިލި ދިއްކުރިޔަސް އެ އަށް ބާރު ލިބޭ މާ ބޮޑު ކަމެއް ރަށުގެ މީހުން ނުދައްކަ އެވެ. ބައެއް މީހުންނަށް އެ ވާހަކަ އިވުނީ އަލަށެވެ. އެކަމަކު ތުންތުންމަތިން ކޮންމެވެސް ބަޔަކު އެ ވާހަކަތައް ދައްކަ އެވެ.

"ކުޅިވަރުތަކުގައި މޮޅުވުން ކަހަލަ ކަމެއްގައި ވެސް ދުވަހަކު މި ރަށު ބަޔަކު ދުވަހަކު އަބްދުއްރަހުމާން ކައިރިއަށް ދިޔަ ކަމެއް އެނގޭކަށް ނެތް. އެކަމަކު، އާންމުކޮށް މި ހަދާ އާދައިގެ ފަންޑިތަ އަބްދުއްރަހުމާނަށް ވެސް އެނގޭނެ. އެއީ މި ރަށު އެންމެންނަށް ވެސް އެނގޭ އެއްޗެއް. އެކަމަކު މީހުންނަށް ސިހުރު ހެދުމެއް އޭނާގެ ފަރާތުން އަޑެއް ނާހަން،" ރަށުގެ އިސް މީހަކު ބުންޏެވެ.

އަބްދުއްރަހުމާންގެ ބައްޕައަކީ ބޭސްވެރިކަމުގައި އުޅުނު މީހަކަށް ވާތީ އެކަން ކޮންމެވެސް ވަރަކަށް އެނގިފައި އޮންނަ ކަމަށް ވެ އެވެ. އެހެންވެ، އާދައިގެ ބޭސްވެރިކަމުގައި އަބްދުއްރަހުމާން ހަރަކާތްތެރިވެ އެވެ. އެއީ، ތެޔޮދެމުން އަދި ރުއްގަލު ބޭސްވެރިކަމުގަ އެވެ.

"ގާތް މީހަކު ބުނެފިއްޔާ އެކަން ކޮށްދީފާނެ. އެހެން ނޫނީ މާ ބޮޑު ބޭސްވެރިކަމަކު ވެސް ނޫޅޭނެ."

އަބްދުއްރަހުމާންގެ އާދައިގެ ދިރިއުޅުމުގެ ތެރެއިން އޭނާ އެންމެ އާންމުކޮށް ދާ ރަށަކީ އުކުޅަހެވެ. އެއީ ހިބަރުގެ މަސްވެރިކަމުގެ މަސައްކަތަށެވެ. އަަދި ދުރު ބައެއް އެހެން ރަށްރަށަށް ވެސް ގޮސް އުޅެ އެވެ. އެކަމަކު، ކުރީގައި އުޅުނު ވަރަކަށް މަސްވެރިކަމުގައި ވެސް އަބްދުއްރަހުމާން މިހާރު ނޫޅޭ ކަމަށް އަންހެނުން ނާޒިމާ ބުންޏެވެ.

މީގެ 2-3 ދުވަސް ކުރިން ވެސް އުކުޅަކަށް ދިޔަ އެވެ.

އަބްދުއްރަހުމާން ދިރިއުޅެނީ އަންހެނުން ނާޒިމާގެ ގޭގަ އެވެ. ފިރިމީހާ އަށް ކަމެއް ވެގެން އުޅޭކަން ނާޒިމާ އަށް އެނގުނީ އާދައިގެ މަތިން އެ ކޮޓަރި އަށް ފާހާނައަކަށް ރޭ ދަންވަރު 1:30 ހާއިރު ވަން ގަޑީގަ އެވެ. ދެ މީހުން ދެ ކޮޓަރީގައި ނިދާތާ ދުވަސްތަކެއް ވެއްޖެ އެވެ.

އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ (ކ) އަބްދުއްރަހުމާންގެ ހަށިގަނޑުގެ ތަހުލީލުތައް ކުރަން މާލެ ގެންދިއުމަށް ފަހު ރަށުގެ ބަނދަރުމަތީގައި އެހެން މީހަކާ އެކު މަޑުކޮށްލައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ނާޒިމާ އެ ކޮޓަރި އަށް ވަން އިރު އަބްދުއްރަހުމާން "މަރަށް ތެޅެނީ" އެވެ. ފިރިމީހާގެ މޫނުމަތީގައި އޮތީ ހުސް ލޭ ކަމަށް ނާޒިމާ ބުންޏެވެ. ކޮޓަރީގެ ފާރުތަކަށް ވެސް ގިނަ އަދަދަކަށް ލޭ ބުރައިގެން ގޮސްފައި ހުއްޓެވެ. އޭރު އަބްދުއްރަހުމާން އޮތީ އުއްޑުންކޮށެވެ.

އަބްދުއްރަހުމާންގެ ޒަހަމްތައް ފެނުނު މީހުން ކިޔައިދިން ގޮތުގައި، ބޮލުގެ ފަހަތުން ފުއްކިބައިގައި ވަރަށް ބާރަށް އެއްޗަކުން ޖަހާފައި ހުއްޓެވެ. އެހެންވެ، ސިކުނޑީގެ ނާށިގަނޑު ވެސް ފެންނަން ހުރި ކަމަށް އެ މީހުން ބުންޏެވެ.

"ބޮޑަށް ބެލެވެނީ އެއްފަހަރާ އެއްޗަކުން ބޮލުގައި ބާރަށް ޖަހައިފައި ފުރަތަމަ ހޭ ނައްތާލީ ކަމަށް. އޭގެ ފަހުން ވެސް ބޮލަށް ހަމަލަދީފައި އޮތީ. އަބްދުއްރަހުމާންގެ އެއް ލޮލުން ރަނގަޅަކަށް ނުފެންނާނެ. ރަނގަޅަށް ފެންނަން ހުންނަ ލޮލުގައި ވަރަށް ބާރަށް އެއްޗަކުން ޖަހާފައި ހުރީ،" އަބްދުއްރަހުމާންގެ ހަށިގަނޑު ފުރަތަމަ ފެނުނު މީހުންގެ ތެރެއިން އެކަކު ކިޔައިދިނެވެ.

ބޮލުގެ ފަހަތުން ވެސް ވަޅީގެ ނިޝާން ހުރި."

ގާތިލް ހޯދިދާނެ ކަމާ މެދު ސުވާލުތަކެއް!

މި އަނިޔާވެރި މަރާ ގުޅިގެން ފުލުހުން އަދި ތިބީ ހިމޭނުންނެވެ. މާލެ އިން ފޮރެންސިކް ޓީމެއް އައިސް މިއަދު އިރުއޮއްސެންދެން ފޮޓޯ ނަގައި މައުލޫމާތުތައް އެއްކުރި އެވެ. އަބްދުއްރަހުމާން ދިރިއުޅޭ ގޭގެ ވަށައިގެން ބޮޑު ސަރަހައްދެއް ވަނީ ބަންދުކޮށްފަ އެވެ. އެކަމަކު، މިއީ ސީސީޓީވީ ކެމެރާ ވަރަށް މަދުން ހުންނަ ރަށަކަށް ވާތީއާ އެކު ގާތިލުން ހޯދުމުގެ ފުރުސަތާ މެދު އަދި އޮތީ ސުވާލު ތަކެކެވެ. އަބްދުއްރަަހުމާން ދިރިއުޅޭ މާހިޔާ ގެ ހިމެނޭ ސަހައްދު ފެންނަ ގޮތަށް އެންމެ ކެމެރާއެއް ވެސް ނެތެވެ.

"މި ރަށުގައި ހުންނާނީ އާންމު ދެ ތަނެއްގައި ކެމެރާ. އަމުދުން އަބްދުއްރަހުމާން އުޅޭ ގެ އެ ކެމެރާތަކަށް ނާރާނެ. އެއީ ވަރަށް ދުރު،" ރަށުގެ މީހަކު އިތުރަށް ތަފުސީލް ކޮށްދިނެވެ.

މިރެއާ ހަމައަށް މި މައްސަލާގައި ފުލުހުން ބަޔަކާ އަދި ސުވާލެއް ނުކުރެ އެވެ. ހަމަލަދޭން އުޅުނު މީހުން ގެންގުޅުނު ތަކެތި ވެސް ނުފެނެ އެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން މިއަދު ހަވީރު މާލެ އަށް ފޮނުވާލާފައިވާ އިރު އޭނާގެ އަންހެނުން ނާޒިމާ އަށް ވެސް މާ ބޮޑު އުންމީދެއް ނެތެވެ. އެއްވެސް ހިލަމެއް އަދި އިންޒާރެއްގެ އެއްވެސް ކަމެއް ވެސް ނެތި ކުއްލި ގޮތަކަށް އައި އަނިޔާވެރި ހަމަލައާ އެކު ފިރިމީހާ ނިޔާވުމުން ހުރީ ހަނދާނެ ގޮތް ހުސްވެފަ އެވެ.

"މީހެއްގެ ފަރާތުން ދުވަހަކު ވެސް ޝައްކުވާ ކަހަލަ ކަމެއް ކުރިމައްޗެއް ނުވޭ،" ފިރިމީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މާލެ ފޮނުވައިލި ވަގުތު ރަށުގެ ބަނދަރުމަތީގައި ހުއްޓުން އަރާފައި ހުރި ނާޒިމާއާ ސުވާލު ކުރުމުގެ ބުނެވުނީ އެ ހިސާބަށެވެ. ދެން ފެށީ ގިސްލާފައި ރޯށެވެ.

18 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 86%
icon angry icon angry 0%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަނެއްމަންޒަރު

14 July 2025

ތިހާ ކުޑަ އާބާދީއެއްގަ ވައްކަން މަދުވާ ސަބަބަކަށްވެދާނެ ވައްކަންކުރީމަ ފަސޭހައިން ދެނެގަނެވޭނެ ރަށަކަށްވެދާނެތީ. އަގުބޮޑު އެއްޗެއް ވަގަށް ނަގައިގެން އެ ވިއްކަން އެހެން ރަށަކަށް ދާން އަރަންޖެހޭނީވެސް ކޮންމެވެސް ދަންނަ މީހެއްގެ ދޯންޏަކަށް ކަންނޭނގެ. ބޮޑު އެއްޗެއް ހިފައިގެން ދާނަމަ ޝައްކު އުފެދޭނެ ފަސޭހައިން. ޑްރަގް ކަހަލަ ކަންކަމުގަ އެނގުނަސް އެކަން ފާޅުނުކޮށް ތިބެދާނެ އެކަކު އަނެކަކު ދަންނަ މީހުންވީމަ އެވާހަކަ ބިރުން ދައްކަން ނުކެރިފަ

The name is already taken The name is available. Register?

އަސްތާ

14 July 2025

ތިޔަ ލިއުމުން އެކަނިވެސް ފުލުުހުން ތަހުގީގު ގެންދަންވީ އެތައް ދިމާއެއް ފާހަގަވޭ. ފަތިހު ފުރައިގެން ދިއަ މަސްދޯނިތައް، ގޭކައިރީ ކެފޭއަށް ވަތް މީހުން، ކުރީ ދުވަހު އެކު އުޅުނު ގުރައިދޫ މީހުން، ގާތިލު ލައިގެން ހުރި އެއްޗަކަށް ބުރާފަ ހުންނާނެ ލޭ. ކުރީ ލިއުމެއްގަ އޮތް ދޮންވެލީގަ ހުރި ފިޔަވަޅު. މަރާލަން ހަމަލާދީފަ ހުރި ގޮތުން ބެލެވެނީ ޖަޒްބާތާއެކު ޒާތީވެފަވާ ކަމަށް. ރަށުގެ ކިތަންމެ ދުރުދުރުގަ ކެމެރާ ހުއްޓަސް އެއަށް އެގަޑީ އެރި މީހުން ބެލުންވެސް މުހިއްމު

The name is already taken The name is available. Register?

ހައްޖަ.

14 July 2025

ދެން މަތި އޮމާން ކުޜާނެކަމެއް ނެތް.ދިވެހި ރަާއްޖެ އަކީ މާ ފުރިހަމަ މަޒީ އެއް އޮތް ގައުމެއްނޫން.

The name is already taken The name is available. Register?

ޕާޕާ

14 July 2025

ތިރަށުމީހުން ކުރާޒާތުގެ ކަމެއް

The name is already taken The name is available. Register?

ބިނާ

14 July 2025

ރާއްޖެތެރޭ މީހުންގެ ވިސްނުން ހުންނަގޮތެއްދޯ، އަދިވެސް ރަށް ދިފާއުކުރަން. މަތިއޮމާންކޮށް އޮޅުވާލަން. ރަށްފުށުގަ ހިގާ ގިނަ ކުށްތަކަކީ މިގޮތަށް މާ މާތްބަޔެއްކަމަށް ދައްކަންވެގެން ކަންކަން ފޮރުވާތީ ހިގާ ކަންކަން. ޙާއްސަކޮށް ކުޑަކުދިންނަށް ކުރާ ޖިންސީގޯނާއި އަންހެނުންނަށް ކުރާ އަނިޔާ.

The name is already taken The name is available. Register?

ކަންޒަހު

14 July 2025

ތީ ހަމަ މިފަހަކުން މަރުތައް ހިނގި ހުރިހާ ރަށަކުންވެސް ބުނާބަސް އެކަމަކު ހަޤީޤަތަކީ ޑުރަގުބޭނުންކުރުމާ ވައްކަންކޮށް މާރާމާރީ ހިންގުމަކީ މިއަދު ދިވެހި ކޮންމެ ރަށެއްގެވެސް ސަޤާފަތް. މިހާރު މިޤަޢުމުގަ ހިނގަމުންދާ އެންމެ ނުބައިކަމަކީ ފިތުނަވެރިކަމާ އަދި ސިހުރުހާހޫރަ ޤަބޫލުކުރުން...

The name is already taken The name is available. Register?

ޗޫޤީ

14 July 2025

ރަށް ބަދުނާމުވެދާނެތީވެސް ދެން ހަވާލެއްނުވާނެ.

The name is already taken The name is available. Register?

މަނަދޫ

14 July 2025

މި ރަށު ކައުންސިލް ރައީސް ވެސް ބުނި މިރަށުގަ ނޫޅެޔޭ ތިކަހަލަ ކަމެއް ކުރާނެ މީހެއް..ނައީމާއް ތަ ކޭސް ގަ..އެކަމަކު ފަހު ވަގުތު ހުސް ރަށުގެ ޖެންޒީ ގުރޫޕެއް ގެ ކަމަކަށް ވީ

The name is already taken The name is available. Register?

ޕިސްޕިސް

14 July 2025

އާދައިގެ ފަންޑިތައޭ؟ ސިހުރެއް ނޫނޭ؟ ބަލަ އެވެސް ސިހުރު! ޝިރުކުގެ ކަންކަން ނޯމަލައިޒް ނުކުރައްވާ. ތިރަށުގައި ނުބައި އަމަލު ކަމަށް ތި ގަބޫލުކުރަނީ ވައްކަން ކުރުމާ ޑުރަގު ބުއިން އެކަނިތަ؟ ތާސް ކުޅުމާ ފަންޑިތަ ސިހުރު ހާހޫރަ އޯކޭ؟ މަ ހަމަ ކޮސް ވެއްޖެ. އިސްލާމީ ކަންތަކާ ބެހޭ ވުޒާރާ އަދި އެޑިއުކޭޝަން މިނިސްޓަރީއިން މިކަންކަން ރަނގަޅަށް އޮޅުންފިލުވަދީބަލަ މީހުނަށް.

The name is already taken The name is available. Register?

އައްޓަމަސް

14 July 2025

ދެން އެހެންވިއްޔާ ކޮންރަށަކު ބައެއް ކުރިކަމެއް! ތިހެންބުނި ކުތަންމެ ރަށެއްގެ ބަޔަކުވެސް ދެން ދޮރުވެސް ލާނެކަމެއް ނެތެެއްނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454