"ކައުންސިލްގެ ރައީސް ވިދާޅުވަނީ އޮޅުމަތި ސަރަހައްދުން ރަށަށް އެރުމުގެ ފުރުސަތު އޮތް ކަމަށް. ފުލުހުންގެ ފޯކަސް ވެސް މިހާރު ހުރީ ރަށުގެ ހުރަސް މަގު އަތިރިފަރާތް އަދި އޮޅުމަތި ސަރަހައްދަށް"
އަބްދުއްރަހްމާންގެ ގާތިލް ހޯދަން ފުލުހުންގެ ތަހުގީގު ޓީމުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
14 ޖުލައި 2025 - 15:07
މި ރަށު ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު އެ މަގާމުގައި މިހާރު ގުނަމުން ދަނީ ތިން ވަނަ ދައުރެވެ. އެކަމަކު، އޭނާ ހުންނެވީ މާޅޮހު އޯކިޑްމާގޭ، އަބްދުއްރަހުމާން އާދަމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދިން އަނިޔާވެރި ހަމަލައާ ގުޅިގެން އަދިވެސް ބޮޑު ހައިރާންކަމެއްގެ ތެރޭގަ އެވެ. ކިތަންމެ ދުރަށް ވިސްނެވިޔަސް އެ ރަށުން އެ ކަން ކުރާނެ ފަދަ ބަޔަކު އިސްމާއިލްގެ ސިކުނޑިއަކަށް ނާދެ އެވެ.
އޭނާ ވިދާޅުވި ގޮތުން ނަމަ 450 އެއްހާ މީހުން އުޅޭ އއ. މާޅޮހުގައި މަސްތުުވާތަކެތީގެ މައްސަލައެއް ވެސް ނެތެވެ. ވައްކަމާއި މާރާމާރީއެއް ނެތެވެ.
"ހަމަ ރެކޯޑެކޭ ވެސް ބުނެވިދާނެ، ވައްކަމުގެ އެއްވެސް ކަހަލަ މައްސަލައެއް މި ރަށުން ފާހަގައެއް ނުވޭ. މިތާނގެ ކައިރީގެ ރަށްރަށުގައި ސިމެންތި ގަށަން ބޭނުންކުރާ އެއްޗެހި ވެސް ތަޅުލައިގެން ގެންގުޅެން ޖެހޭނީ. މި ރަށުގައި ވެއްޖިއްޔާ މަގުމަތީގައި ކިތަންމެ އަގު ބޮޑު އެއްޗެއް ހުއްޓަސް އަޅައެއް ނުލާނެ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ ތަހުގީގު ޓީމުގެ މެމްބަރަކު މާޅޮހުގެ ހުރަސް މަގު އަތިރިފަރާތުގެ ވާ ބޮޑު ސަރަހައްދެއް ބަލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެހެންވެ މިއީ ތަންތަން ތަޅުލައިގެން އުޅޭ ރަށެއް ނޫނެވެ. ކިތަންމެ އަގުބޮޑު އެއްޗެއް ވިޔަސް ހުންނަނީ ހާމައަށް ދޫކޮށްލާފައި ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
އަޅުގަނޑަށް ވަރަށް ޔަގީން މި ރަށުގައި އެހެން ރަށެއްގެ ގިނަ ބަޔަކު ނެތް. ދެން އެ ގެއަކީ ރަށުގެ ވަރަށް ބިއްދޮށުގައި ހުންނަ ގެއެއް. އެ ގެއާ ދިމާލުން ޑިންގީއެއް ކައިރި ކޮށްފައި އެރުމުގެ ފުރުސަތު އެބައޮތޭ. އެކަމަކު އެ ކަހަލަ އިންޒާރެއް އައިސްފައި ނެތިއްޔާ ނުވެސް ބެލޭނެތާ.
މާޅޮހުގެ ބަޔަކު މި ކަމުގައި ޝާމިލް ނުވާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާއިރު ދެން އޮތީ ރަށުން ބޭރު ބަޔަކަށް ކުރާ ޝައްކެވެ. އެކަމަކު، ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި އަބްދުއްރަހުމާނަށް ހަމަލަ ދިން ދުވަހާއި އެ ދުވަހުގެ ރޭ ރަށުން ބޭރު ބަޔަކު މާޅޮހުގައި އުޅުނު ކަމެއް އެހާ ވަރަށް ފާހަގައެއް ނުވެ އެވެ.
އަބްދުއްރަހުމާން މަރުވުމުގެ ކުރިން ޅ. ނައިފަރާއި ކ. ގުރައިދޫގެ މަސްދޯންޏެއް މާޅޮހުގެ ބަނދަރުގައި އޮތެވެ.
"އެކަމަކު މި ހާދިސާ ހިނގުމުގެ މާ ކުރިން އެ ދެ ދޯނި ވެސް ފުރައިފި،" އިސްމާއިލް ވިދާޅުވި އެވެ.
މާޅޮހުގައި މަސްތުވާތަކެތީގެ މައްސަލަތައް މީގެ އަހަރުތަކެއް ކުރިން ބޮޑު ދުވަސްވަރު ފެރިދު އާއި ހިމަންދޫ ފަދަ ރަށްރަށުން ޑިންގީތައް ކައިރިކޮށް "އޮޕަރޭޝަން" ހިންގަނީ އިރު ދެކުނު ފަރާތުގައި އޮންނަ އޮޅުމަތި ސަރަހައްދަށެވެ. މާޅޮހަށް މަސްތުވާތަކެތި އެތެރެކުރަން ހިންގާ އެ "އޮޕަރޭޝަން" ތަކުގައި ޑިންގީތައް ބަންޑުން ޖަހާލުން ފަދަ ކަންކަން ވެސް އޭރު ހިނގާފައިވާ ކަމަށް މާޅޮހުގެ ބައެއް މީހުން ބުންޏެވެ.
އަބްދުއްރަހްމާން އާދަމްގެ ހުންނަ ހިސާބު
"އަޅުގަނޑަށް ވަރަށް ޔަގީން މި ރަށުގައި އެހެން ރަށެއްގެ ގިނަ ބަޔަކު ނެތް. ދެން އެ ގެއަކީ [އަބްދުއްރަހުމާން ދިރިއުޅުނު ގެ] ރަށުގެ ވަރަށް ބިއްދޮށުގައި ހުންނަ ގެއެއް. އެ ގެއާ ދިމާލުން ޑިންގީއެއް ކައިރި ކޮށްފައި އެރުމުގެ ފުރުސަތު އެބައޮތޭ. އެކަމަކު އެ ކަހަކަ އިންޒާރެއް އައިސްފައި ނެތިއްޔާ ނުވެސް ބެލޭނެތާ. ބަނދަރަށް އާންމުކޮށް ލަފާ އުސޫލުން ހިއެއް ނުވޭ ރަށަށް އަރައިގެން އެކަން ކުރެވޭނެހެން،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"ވަރަށް ބޮޑު ހައިރާންކަމެއްގައި މި ހުރީ."
ފުލުހުންގެ ތަހުގީގު ޓީމުން މާޅޮހުގައި ހަރަކާތްތެރިވަނީ. -- ފޮޓޯ: ފަޔާޒް މުސާ | މިހާރު
އަބްދުއްރަހުމާން މަރާލި މައްސަލަ ތަހުގީގު ކުރަން މި ރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ ފޯކަސް ވެސް މިހާރު ހުރީ ރަށުގެ ހުރަސް މަގު އަތިރިފަރާތް އަދި އޮޅުމަތި ސަރަހައްދަށެވެ. މިއަދު މެންދުރު ވަނީ އަބްދުއްރަހުމާން ގެއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ހުރަސް މަގު އަތިރި ފަރާތް ފާސްކުރަން ފަށައިފަ އެވެ. ޑިންގީއެއް ކައިރި ކޮށްފައި ރަށަށް ބަޔަކު އަރައިގެން ކަމެއް ކުރާ ނަމަ އެންމެ ފަސޭހައިން ކުރާނީ އެ ދިމާލުން ކަމަށް ގަބޫލު ކުރެވެ އެވެ. އެހެންވެ، ތަހުގީގު ޓީމުން ވަނީ އެ ސަރަހައްދަށް ސްނޯކަލްކޮށް ސާޗު ވެސް ކޮށްފަ އެވެ.
މާޅޮހުގެ ހުރަސް މަގު އަތިރިފަރާތް: މި ސަރަހައްދު ވެސް ފުލުހުން މިއަދު ސާޗުކުރި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އެކަމަކު، ރާޅު ބޮޑު ރެއެއް ނަމަ ވަރަށް އުނދަގޫ ވާނެ ކައިރި ކުރަން،" މާޅޮހުގެ މީހަކު ބުންޏެވެ.
އަބްދުއްރަހުމާނަށް އަނިޔާވެރި ބޮޑެތި ހަމަލާތަކެއް ދިން ކަމުގެ މައުލޫމާތު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 1:10 ހާއިރު ލިބިވަޑައިގަތުމާ އެކު، އަބްދުއްރަހުމާން ދިރިއުޅޭ މާހިޔާ އަށް އެންމެ ފުރަތަމަ ވަޑައިގަތް އެއް ބޭފުޅަކީ ކައުންސިލްގެ ރައީސް އިސްމާއިލް އެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އޭރު އޮތީ ކޮޓަރީގައި މަރަށް ތެޅިތެޅި އެވެ. އަބްދުއްރަހުމާންގެ ބޮލަށް ދީފައިވަ ހަމަލާތައް ފެނިވަޑައިގަތުމުން ކައުންސިލްގެ ރައީސް އެންމެ ފުރަތަމަ ވެސް ގަބޫލު ކުރެއްވި އެއް ކަމަކީ އެއީ ފުރަތަމަ ފަހަރަށް ދިމާވެގެން ބަޔަކު ހިންގައިގެން އުޅޭ ކަމެއް ނޫން ކަމެވެ.
މާޅޮހު ކައުންސިލްގެ ރައީސް އިސްމާއިލް މިއަދު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ވަރަށް ބޮޑަށް ޕްލޭން ކޮށްގެން ހިންގި ކަމަކާ ވައްތަރީ އެ ހަމަލާތަކަށް ބަލާއިރު. އެކަމަކު މި ރަށުގައި ދުވަހަކު ވެސް ހިނގި ކަމެއް ނޫން ވީމާ އަދިވެސް މި ހުންނަނީ ބުނަން ނޭނގިފައި ކޮން ކަމަކާއޭ އެ ހާދިސާ ގުޅުވާނީ. ކިހިނެއް ވެގެން ބާވައޭ މިކަން ދިމާވީ،" އިސްމާއިލް ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ، އަބްދުއްރަހުމާންގެ ބޮލުގެ ފުއްކިބައިގައި އެއްޗަކުން ވަރަށް ބާރަށް ޖަހާފައި ހުރި ކަން އެނގެން ހުރި ކަމަށެވެ. އަދި އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ލޭ ފޭބި ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑު ބްލޭންކެޓެއް އަޅާފައި އަދި ބެޑްޝީޓެއް އަޅާފައި 8 އިންޗި ބޯ ގޮދަޑިއެއް އަޅާފައި އޮތް އިރު ވެސް އަބްދުއްރަހުމާންގެ ބޮލާ ދިމާލަށް އޮތް ބައިގައި އޮބާލިޔަސް އެހާ ވަރަށް ލޭ ފައިބާ. އަޅުގަނޑަށް ބޮޑަށް ބެލެވެނީ ލޭ ހުސްވެގެން ގޮސްގެންނޭ މަރުވީ،" އިސްމާއިލް ވިދާޅުވި އެވެ.
އެންމެ ގިނަ ބަޔަކު އަޅައިގަތް އެއް ކަމަކީ އަބްދުއްރަހުމާނާއި އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމް ދެ ކޮޓަރީގައި ނިދުމެވެ. ނާޒިމާ "މިހާރު" އަށް ކުރިން ކިޔައިދިން ގޮތުގައި ފިރިމީހާ އަށް ބަޔަކު އަނިޔާކޮށްފައި އޮތް ކަން އެނގުނީ އާދައިގެން މަތިން އެ ކޮޓަރީގެ ފާހާނާ ބޭނުންކޮށްލަން ދިޔަ ވަގުތުގަ އެވެ.
އެ ދެމަފިރިންގެ ދެވަނަ ދަރިފުޅު އަދި ސިއްހީ މަރުކަޒުގެ އެމްބިއުލާންސްގެ ޑްރައިވަރު ނިމާލްގެ އަންހެނުން ވެސް އުޅެނީ އެއް ގެއެއްގައި ކަމަށް ވިޔަސް، މިދިޔަ ހަފުތާގައި ނިމާލް ރާއްޖެ އިން ބޭރަށް ދާން ޖެހުމުން އަންހެނުންގެ ރަށް އުކުޅަހަށް ބަދަލުކުރި ކަމަށް ރަށުގެ ބައެއް މީހުން ކިޔައިދިނެވެ.
"ނިމާލް ފުރައިގެން ދަމުން އަބްދުއްރަހުމާން ކައިރީގައި ބުނީ ބައްޕާއޭ ކޮޓަރީގައި ވަރަށް އަގު ބޮޑު ސާމާނުތައް ހުންނާނެއޭ. އެ ކޮޓަރީގައި ނިދާށޭ ތިމަންނަ އަންނަންދެން. އެކަމަކު ނިމާލްގެ ކޮޓަރީގައި ނިދަން ފެށީ ނާޒިމާ. އަބްދުއްރަހުމާން ނިދީ އެ ދެމަފިރިންގެ ކޮޓަރީގައި،" އަބްދުއްރަހުމާންގެ ގާތް އެކުވެރިއަކު ކިޔައިދިނެވެ.
ފުލުހުންގެ ތަހުގީގު ޓީމު މާޅޮހުގެ ހުރަސް މަގު އަތިރިފަރާތުގައި މިއަދު މެންދުރު ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އޭނާ ބުނީ، އަބްދުއްރަހީމް މަރުވުމުގެ ކުރީ ދުވަހު ވެސް އެ ދެމަފިރިން މަސް ކައްކައިގެން އުޅުނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ. އެހެންވެ، ދެމަފިރިންގެ ދެމެދުގައި އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ނެތް ކަމަށް ބުންޏެވެ.
މިހާރު އުފެދޭ ސުވާލަކީ އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގެ ތަހުގީގު ކާމިޔާބު ވެދާނެ ހެއްޔެވެ؟ ފުލުހުންގެ ބޮޑު ޓީމެއް މި ރަށުގައި ހަރަކާތްތެރިވަމުން އަންނައިރު އަދި އެއްވެސް ތަފުސީލެއް ނުދެ އެވެ. ޝައްކުވާ މީހަކު ހުރި ކަމަކަށް ވެސް ނުބުނެ އެވެ. ސާޗު ކުރުމާއި ކެމެރާ ފުޓޭޖުތައް ނެގުން ފަދަ ކަންކަން މިއަދު ވަނީ ފަށައިފަ އެވެ. އެކަމަކު، އަބްދުއްރަހުމާން ދިރިއުޅުނު ގެއާ ކައިރީގައި ކެމެރާއެއް ނެތެވެ.
ކައުންސިލްގެ ރައީސް އިސްމާއިލް ވިދާޅުވީ، ހޮޅުދޫ ޒަކިއްޔާގެ މަރުގެ މައްސަލައިގެ "ހިތި ތަޖުރިބާ" ގެ އަލީގައި ފުލުހުން ކަންކަން ރަނގަޅުކޮށް، ހުރިހާ ވަސީލަތެއް ބޭނުންކޮށްފި ނަމަ ކޮޅެއްގައި ޖެހޭނެ އެވެ.
"އެއީ ޔަގީންކަމެއް. މިއީ 450 އެއްހާ މީހުން ދިރިއުޅޭ ރަށެއް. މިހާ ކުޑަ އާބާދީއެއް އުޅޭ ރަށެއްގައި ހިނގައިގެން އުޅޭ މިވަރުގެ ބޮޑު ކަމެއް ފުލުހުންނަށް ހޯދޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެ ގާބިލްކަން ފުލުހުންގެ ހުންނާނެ،" އިސްމާއިލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅު ހިޔަލަ
16 July 2025
ފުލުހުން މި ކޮމެންޓްތައް ކިޔާނެ ކަމަށް އުންމީދު ކުރަން. ތަހްގީގު ކުރިއަށް ގެންދެވޭނެ ގޮތް ގޮތް އަދި ވަރަށް ރަނގަޅު ޓިޕްސް ދީފަ އެބަހުރި ގިނަ ކޮމެންޓް ތަކުގަ.
އައިމިނާ
16 July 2025
ކޮބާތޯ ޚަބަރަކީ. މިހާރު ނުލިބޭ އެއްވެސް ޚަބަރެއް.
ދަގަނޑުއާދަނު
16 July 2025
މުޖުތަމައުގެ ސަލާމަތައް ތިޔަ އަމަލު ހިންގި ބަޔަކު ހޯދައި އަދަބު ދޭންޖެހެއެވެ. އެކަމު ސުވާލަކީ ހޯދޭނެ ހެއްޔެވެ؟ އަދި އިތުރު ސުވާލަކީ ހޯދިއްޖެނަމަ އެއިން ނުކުންނަ ނަތީޖާއެއް ކޮބައިހެއްޔެވެ؟ ރޯމާ ދުވާލު އަލިކަމުގައި ކެމެރާއަށް ވެސް ފެންނަހެން ހިންގާފައިވާ މަރުތައް ހިންގި ގާތިލުން ހޯދުނެވެ، އެތިބީ ފެންނާށެވެ. ހިނގިގޮތް ކިޔައިދީ އެއްބަސްވެއެވެ. ތަހުގީގު ޓީމުތަކަށް އެތައް ހަރަދެކެވެ. ހައްދު ގާއިމް ނުކުރެވޭ، އެންމެފަހުން ކުއްވެރިޔާ މިނިވަނަކަށެވެ.
އިންސައިޑް
15 July 2025
ބޮޑައް ވައްތަރީ އިންސައިޑްޖޮބެއް ކަމައް. ދިވެހި ފުލުހުންގެނެތް ސޯލްވް ކުރުމުގެ ހުނަރެއް. ނިމޭއިރު އަމިއްލަޔައް މަރުވީކަމައް ނިންމާނީ.
ފޯކަސް
15 July 2025
ފޯކަސް އަނބުރާލަން އުޅުމާ މިހާރު ވައްތަރީ
ހދހޗދހދހ
15 July 2025
ޒަކިއްޔާގެ މަރަށްވީހެން ތިމަރުގެ ހަގީގަތްވެސް ހިއެއްނުވޭ ހޯދޭނެ ހެނެއް. ދިވެހި ފުލުހުންނަކަށް ނޭނގޭ ތަހުގީގު ކުރާކަށް. އެހާ ސްމާޓް މީހުންވެސް ފުލުހުންތެރޭ ނޫޅޭތީ ކަމަށް ފެންނަނީ މިހާ ކުޑަތަނެއްގަ ތަހުގީގުކޮށް ގާތިލު ހޯދަން ވަގުތު ނަގަނީ. ނޫސްތަކުގަ ހުރި ވާހަކަތައް އެއްކޮށްލީމަ ތިރަށު ޏިހުން ދެއްކި ވާހަކަތްކާ އާއިލާ މިހުންދެއްކި ވާހަކަތަކުގަވެސް އެބަހުރި ރަނގަޅަށް ތަހުގީގު ހިންގާބަޔަކު ބަލަންޖެހޭނެ ވ ގިނަ ލޯވަޅުތައް
އެކްިސް
14 July 2025
މިއީ ވެދާނު ގާތިލުން ފީޑު ކުރާ ސްޓޯރީ އަކަށް
ހަސަންބެގޯތީ އިދުރީސް
14 July 2025
ފުލުހުން ވަރަށް ހޯދާނެ. އެކަމަކު ވާނުވާގަ ޒަމާންތަކެއްގޮސް އެވާހަކަ ހަދާނުން ފިލައިހިގައިދާނެ. މީރަކު ޑރ އަފުރާޝީމޭ ކިޔާއަޑެއް އެހަދާނެއްވެސް ބަޔަކު ނެތް.
މާސްޓަރު
14 July 2025
މަގުމަތީގަ އަގުބޮޑެތި އެއްޗެހި އުކާފަ ހުއްޓަސް އަތްލާރަށެއް ނޫނޯ އެކަމަކު ގޭގެ ކޮޓަރީގަ ހުރިއަގުބޮޑެތި އެއްޗެހި ވަގައް ނަގާފާނެ ކަމުގެ ބިރަައް ކޮޓަރީގަ ނިދަން ބުނީމަ ހައިރާން ވާންޖެހޭ ޗޯއްޗެ ކައުންސިލްގެ ރައިސްވެސް ހީވަނީ ހުދުކާފުރުކޮޅެއްކަހަލަ ރަށެއްގޮތައް ސިފަކޮއްލަދޭން އުޅޭހެން ވާހަކަތަކުން ކުޗުތޯ ގަޑްބަޑްހޭ
ވިސްނާ މީހާ
15 July 2025
މަގޭވެސް ހިތަށް އެރީ ހަމަތިހެން. ވަގުން ނޫޅޭ ތަޅެއްނުލާ، އެކަމަކު ކޮޓަރީގަ ނިންދެވީ އަގުބޮޑު އެއްޗިސް ހުރީމަ. އަނެއްކާ މަސްތުގެކަމެއް ނޫޅޭ ބުނިއިރު، އެބުނީ ކުރިންވެސް ހަކުރުގެނެސް ހެދީ ފުއްޓަރުފަރާތުންނޭ. ކިޔޭނުކިޔޭ ނޭނގޭ ރަށު މީހުންނަށްވެސް. އެންމެނަށްވެސް އެނގޭ ތިރަށަކީ ވަކި ސާފު ފޮތިކޮޅެއްނޫންކަން.
ޒަރީރ
14 July 2025
މިފަދަ ހައްސާސީ ބޮޑެތި މައްސަލަކުގައި ރައްޔިތުންގެ ވިސްނުން ހުންނަނީ ތަހުގީގު ކުރާމީހެއްގެ ވިސްނުމާ ވަރަށް ތަފާތުކޮށެވެ. އެ ރަށުބަޔަކު އެފަދަ ކަމެއް ނުކުރާނެކަމަށް ޔަގީންކަމާއެކު އެބުނަނީ އެއީ ކޮންފޮތެއްގަ ލިޔެފަ އޮތް ވާހަކައަކަށް ވީމަތޯ؟ އެއީ މާ މާތްބަޔަކު ދިރިއުޅޭ ރަށެއްތޯ.