މާމިގިލި: ފީނަން ފޭބި ކުއްޖާ ގެއްލިގެން ހޯދަނިކޮށް ފެނުނީ މޫދު އަޑިން.
14 ޖުލައި 2025 - 21:04
އދ. މާމިގިލި ކައިރިއަށް މިއަދު ފީނަން ފޭބި 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަނިކޮށް، މަރުވެފައި އޮއްވާ މިރޭ ފެނިއްޖެ އެވެ.
ރައްޓެހިންނާ އެކު ފީނަން ގޮސް އުޅެނިކޮށް މަރުވީ މާމިިގިލީ ރޯޅި، ލޫތު އަހްމަދެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު "މިހާރު"އަށް ބުނީ ލޫތު ފެނުނީ ފީނަން ފޭބި ސަރަހައްދާ ކައިރި މޫދު އަޑިން ކަމަށެވެ. އޭނާ މިހާރު ވަނީ ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ ފީނަން ފޭބި ހަތަރު ކުދިންގެ ތެރެއިން 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ރިޕޯޓްކުރީ މިރޭ 7:00 ހާއިރު ކަމަށެވެ.
އެ ވަގުތުން ފެށިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ރަށުގެ އާއްމުން އައީ ކުރަމުންނެވެ.
މާމިގިލިން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި، އެ ކުދިން ފީނަން ފޭބީ ހަވީރު ކަމަށް ވެ އެވެ. އޭނާ ގެއްލުނު ކަން ރިޕޯޓްކުރީ އަނެއް ތިން ކުދިންނެވެ.
"އެންމެން އެކުގައި އުޅެފައި ލޫތު އެހެން ސަރަހައްދެއް ބަލާލަން ދިޔައީ ކަމަށް ވަނީ. މި ކުދިން ދެ ބުރަކަށް ހޯދަން އުޅެ ނުފެނުނީމަ އައިސް ރިޕޯޓްކުރީ،" އޭނާ ބުންޏެވެ.
"މޫދު އަޑީގައި އޮއްވާ ފެނުނީ ހޯދަން އުޅުނު ޑައިވަރުންތަކަކަށް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
15 July 2025
ވަރަށް ހިތާމަވެރި ދެވަނަ ހާދިސާ ، މިގޮތަށް ފުރާވަރުގެ ކުދިން މަރުވާތީ ވަރަށް އަސަރުކުރޭ ، މިކުއްޖާގެ އާއިލާގެ ހިތާމައިގައި ބައިވެރިވަން ، ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަން ،
އެކޮއި
15 July 2025
ސުބުޙާނަﷲ! އަނެއްކާ އަނެއް މަންމައަކާ ބައްޕައެއްގެ ހިތުގެ ވިންދުކަމުގައިވި ލޯބިލޯބި ދަރިފުޅު ވަކިވެގެން އެދިޔައީ. އަހަރެމެންނަށް އޮތީ ކެތްތެރިވުން. އިންޝާﷲ އެކަމުގެ ފޮނިމީރުކަން ޤިޔާމަތްދުވަހުން ލިބިގެންދާނެ. އެކުއްޖާފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި. އާމީން
ދުއާ
14 July 2025
އިންނާލިއްލާހި ވައިންނާއިލައިހި ރާޖިއޫން. އާއިލާއަށް ކެއްތެރިކަން ދެއްވާށި. އަދި މައްޔިތާގެ ފާފަފުއްސަވައި ސުވަރުގެ މިންވަރުކޮއްދެއްވާށި. އާމީން