ހައި ކޯޓުގެ ކުރިމަތިން މީހަކު ހިނގާފައި ދަނީ: ވަރިވެ ތިން ފަށްވެފައިވާ އަންހެނަކު ފިރިހެން މީހާގެ ގެއިން ނުނިކުތް މައްސަލައެއްގެ އިސްތިއުނާފު ވަނީ އެ ކޯޓަށް ހިސާބަށް ގޮސްފައި. -- ފޮޓޯ: މިހާރު
21 ޖުލައި 2025 - 10:36
ވަރިކޮށް ތިން ފަށްވިތާ ފަސް އަހަރުވެގެން ދިޔައިރު ވެސް ފިރިހެން މީހާގެ ގެއިން އަންހެން މީހާ ނުނިކުމެގެން ހުށަހެޅި މައްސަލައެއް ހައި ކޯޓާ ހިސާބަށް ދިޔަތާ ވެސް ފަސް ވަރަކަށް އަހަރު ފަހުން ހުކުމްކޮށްފި އެވެ.
ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން އެންމެ ފުރަތަމަ ހުކުމްކުރި މި މައްސަލައިގައި ބުނެފައިވަނީ އޮކްޓޫބަރު 22، 2019 ގައި ވަރިކޮށް ތިން ފަށް ވެފައިވާ ކަމަށާއި އެހެންވެ އަންހެން މީހާ ގެއިން ނުކުމެގެން ދާން ތަކުރާރުކޮށް ބުނެގެން ވެސް ނުނިކުތް ކަމަށެވެ. ރަށު ކޯޓަށް މައްސަލަ ހުށަހެޅުމުން ހުކުމްކުރީ ފިރިހެން މީހާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެ ގޭގައި އަންހެން މީހާ ބައިންދަންޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތަތީ 48 ގަޑިއިރު ތެރޭ ގެއިން ނުކުތުމަށެވެ.
އުމުރުން ދުވަސްވީ ދެ މީހެއްގެ މި މައްސަލަ މެޖިސްޓްރޭޓް ކޯޓަށް ޖެނުއަރީ 27، 2020 ގައި ހުށަހެޅުމުން އެ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު ވަނީ ފިރިހެން މީހާއާ އެއްކޮޅަށް ހުކުމްކޮށްފަ އެވެ. އެ ނިންމުން އަންހެން މީހާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައި ހުކުމްކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެހެންވެ ހައި ކޯޓުގައި ވެސް މި މައްސަލައަށް ވަނީ ފަސް ވަރަކަށް އަހަރު ވެފަ އެވެ.
އަންހެން މީހާ ކޯޓުގައި ބުނެފައިވަނީ ފިރިހެން މީހާއާ ތިން ވަނަ ފަހަރަށް ކައިވެނިކުރީ "ދެން އިންނާނީ މިގެއިން ނެރެ ބޭރުކޮށްނުލާނެ ކަމަށް އެއްބަސްވުމުން" ކަމަށް ބުނުމުން އެގޮތަށް ރުހިގެން ކަމަށެވެ. މިކަން ސާބިތުކުރުމަށް ދަރިން ހާޒިރުކޮށްދޭން އެދުމުން ދަށު ކޯޓުން އެކަން ނުކުރި ކަމަށް ބުނި ނަމަވެސް ހައި ކޯޓުން ބުނީ ދަރިން ހާޒިރުކޮށްދޭން އެދިފައި އޮތީ ގޭތެރޭގައި އާންމުކޮށް ކަން ހިނގާ ގޮތާއި އާއިލާގެ އުޅުން ހުރި ގޮތް ފަދަ ކަންކަން ސާބިތުކޮށްދޭން ކަމަށެވެ.
މީގެ އިތުރުން އެ ގެޔަކީ ރަށުން ގޯތި ދޫކުރި އިރު "ކާވެނިމަތީ ތިބި" މީހުންނަށް ދިން ގޯތިތަކެއް ކަމަށާއި ޕޮއިންޓް ހަމަވެ ގޯތި ލިބުނީ ކައިވެނިކޮށްގެން ތިބުމުން ކަމަށް ވާތީ އެ ގޯތީގައި އަންހެން މީހާގެ މަސްލަހަތު ވެސް އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު އަންހެން މީހާ ވަނީ ގޯތީގައި އިމާރާތްކުރުމާއި ގޭގެ ހަރަދުތަކަށް އެއްވެސް ހޭދައެއްކޮށްފައި ނުވާނެ ކަމަށް ބުނެފަ އެވެ.
ކާވެނިކޮށްގެން ތިބި އިރު ލިބިފައިވާ މުދާ ބެހުމާ ގުޅޭ އެއްވެސް ވާހަކައެއް ޝަރީއަތުގައި ދެ މީހުން ވެސް ދައްކައިފައެއް ނުވެ އެވެ. މުދާ ބެހުމާ ބެހޭ އެއްބަސްވުމެއް ވެސް ދެމަފިރިންގެ މެދުގައި ހަދައިފައެއް ނުވެ އެވެ.
މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމީ އެކަމަށް ރިއާޔަތް ނުކޮށް ކަމަށާއި ގާނޫނުގެ އިތުރުން އިސްލާމީ ޝަރީއަތުގައި ކަންކަން އޮންނަ ގޮތަށް ވެސް ބަލަންޖެހޭނެ ކަމަށް އަންހެން މީހާ ބުނެފައިވެ އެވެ.
ހައި ކޯޓުން މައްސަލަ ނިންމި އިރު ބުނެފައިވަނީ ގޯތި ލިބުނީ ކާވެނިކޮށްގެން ތިބުމުން ކަމަށް ވާތީ ގޯތީގައި އަންހެން މީހާގެ މަސްލަހަތެއް އޮންނާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ނިންމުމަކަށް ރިއާޔަތްކޮށް ހައި ކޯޓުގެ ހުކުމުގައި ވަނީ ގޯތި ލިބުމުގެ މައިގަނޑު އަސްލަކީ ކާވެނިކޮށްގެން ހުރުން ކަމަށް ވާތީ "ގޯތި ހޯދައި ގޯތީގައި ދިރިއުޅުން އާރާސްތުކުރުމުގައި" ދެމަފިރިންގެ ބައިވެރިވުން ވެސް އޮންނާނެ ކަމަށެވެ.
އެކަމަކު ހައި ކޯޓުގެ ހުކުމުގައި ވަނީ އަންހެން މީހާ ބުނާ ކަންކަން ސާބިތުކޮށްދިނުމަށް ދަށު ކޯޓަށް، ގާނޫނުގައި ބުނާ ގޮތުގެ މަތިން ކިތާބީ އަދި ޝަފަހީ ހެކި ލިޔުމުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ހެކި ހުށަހަޅާފައި ނުވާނެ ކަމަށް، އަންހެން މީހާ ހައި ކޯޓުގައި ވެސް ބުންޏެވެ.
އެހެންވެ، ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔަށް، ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު ތާއީދުކުރައްވައި ހުކުމް ކުރެއްވީ ދައުވާކުރާ މީހާ ބުނާ ނުކުތާތަކުގެ މައްޗަށް އެކަނި ބަލައިގެން އިސްތިއުނާފު ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށެވެ.
މެޖިސްޓްރޭޓް ކޯޓުން ފިރިހެން މީހާއާ އެއްކޮޅަށް ކުރި ހުކުމް އަދިވެސް ދެމި އޮތް އިރު، ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް 30 ދުވަހުގެ މުއްދަތު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަމީނ
23 July 2025
ހައިކޯޓް ގައި ތިބޭ މީހުން (ތިއްބަވާ ޢިއްޒަތްތެރި ބޭފުޅުން) ކީއްބާއޭ ކުރަނީ ހިތަށްއަރާ. 2 އަހަރު ވެއްޖެ މައްސަލަ އެއް ހުޅަހެޅި ފަހުން. ޢަދި ޚަބަރެއްނުވޭ! މުސާރަ ނުލިބެނީތަ؟
ކައިވެންޔަކީ އެކުގެއި ދިރިއުޅުން ބިނާކުރުމަށްވާ އެއްބަސްވުމެއް.
23 July 2025
ދެމީހުންވެސް ދިރިއުޅުން ބިނާކުރުމަށް މަސައްކަތްކުރޭ. އެހެން މަސައްކަތަކަށް ނުގޮސް ދަރިން ބަލަން ގޭގައި ހުރީމަ ފިރިމީހާ އަށް ގިނަ އިރު މަސަްކަތުގއި އުޅެވުނީ، އެހެން މީހަކަށް މުސާރަ ނުދީ ކުދިން ބޮޑު ކުރެވުނީ، ގޭތެރެ ސާފުކުރުން ކެއްކުން ފަދަ ކަންކަމާ ނުވިސްނާ ގިނަ ވަގުތު ލާރި ހޯދަން އުޅެވުނީ………………
ދެރަކަންކަންް..
22 July 2025
އަހަރެން ހިތަށް އަރަނީ އެ މުސްކުޅި މަންމަ އަތުހިފައިގެން އެ ހިތްދަތިކަމުން ނެރެދެވޭނެ ފެންވަރު ހުރި ހަމަ އެންމެ ދަރިއެއްވެސް ނެތީތޯ.. ދުނިޔެވީ ކަމަކާ ހެދި ދުވުމަށްވުރެން އާޚިރަތް ހޯދުން މާ މުހިންމު ނުންތޯ؟ މަ ނަމަ މަގޭ މަންމަ ގޮވައިގެން ދިޔައިމުސް.. ލޯމަރާލާއިރު ހަމަ އެކައްޗެއްވެސް ނުގެންދެވޭނެ..
ޑރ ވާންޗޯ
22 July 2025
އަވަހަށް ގޯތިއަތުލާފަ ދެމީހުންވެސް ނެރޭ، އިނދެގެން ތިބީމަ ސަރުތަކަށްބަލާފަ ދިންގޯއްޗެއް، ދެމީހުނަށްދޯއެދެވުނީ؟.
ދަރި
22 July 2025
މީސްމީޑިޔާގަ ހަޖޫ ޖަހަނީ އެ ނިކަމެތިކަން ލިބުނު މީހާއަށް؟ އަނބިމީހާ ބަދަލުކޮށް ޅަކޮއްލުމަކީ 70 އަހަރު ވީމަ ދިރިއުޅުން އަޕްގްރޭޑް ކުރުމުގެ އާ ޓްރެންޑް؟ އާއިލާއިން ގެވެށި އަނިޔާއަށް ކެތްކުރަން ވީ ކިހާ ދުވަހަކު؟ 7ދަރިންނަށް އެ މަންމަ އަށް އިންސާފު ހޯދާ ދެވޭނެ ގޮތެއް އޮންނާނެ؟
ދަރި
22 July 2025
ގެވަޅު ދިނީ ދެމަފިރިންނަށް. ޝަރުތަކީ ކައިވެނި. ރަޖިސްޓްރީ ކޮށްދެނީ 1 ގެ ނަމުގަ. މަސައްކަތްކޮށް ގެދޮރު އެޅުމުގަ ފުރިހަމަ ހިއްސާވާއިރު، ވަރިކުރީމަ ހުރިހާ އެއްޗެއް ރިސެޓް؟ ބާކީ އޮންނަނީ ރަޖިސްޓްރީގަ ނަން އޮތްމީހާގެ ހައްގު އެކަނި؟ 40 އަހަރު ގެ ކައިވެނި ރޫޅި ނިކުންނަން ޖެހެނީ ހުސްއަތާ؟ މުސްކުޅިވެ، ގައިބާރު ދެރަވެ، ލޯބޯ ކޮށިވިއިރު ވަކިކުރަން މަސައްކަތް ކުރަނީ އެ ދަރިންގެ ހައްގުގަ ޖާނުދިން ދަރިންނާ؟
ާއަހުމަދު އިބުރާހިމް
22 July 2025
މި ޚަބަރަށް އެކި ގޮތް ގޮތަށް ކޮމަންޓް ކުރައްވާ ބޭފުޅުންނަށް ދަންނަވާލަން ޚަބަރުގަ ފާހަގަ ކޮށްފައިވާ އަންހެން މީހާ އެއްއިރެއްގަވެސް އެގެއިން ނުނިކުމެ ހުންނާކަށް ނޫޅެ އޭނާ އެގޭގައި ބައިންދަން މަސައްކަތް ކުރަނީ އޭނާގެ ހަތްދަރިން. އެކުދިންގެ މަންމަ އެކުދިންނަށްޓަކައި ވީ މަތިވެރި ގުރުބާނީ އަށްޓަކާ. އެކުދިން މަސަކަތް ކުރަނީ މަންމަ ގެ ހައްޤު ހޯދައިދޭން.
ހަމަބުނީމަވީ
22 July 2025
“ގާނޫނުގެ އިތުރުން އިސްލާމީ ޝަރީއަތުގައި ކަންކަން އޮންނަ ގޮތަށް ވެސް ބަލަންޖެހޭނެ”، އިސްލާމީ ދައުލަތެއް ކަމަށް ދައުވާކުރާ ނިޒާމެއްގަ މިހެން ބުނަންޖެހުން ހަމަޖެހޭތަ؟ މީގަވެސް އެހެންކަންކަމުގަވެސް އިސްލާމީ ޝަރީޢަތަށްވުރެ އިސްވަނީ އެބުނާ ގާނޫނު.
ނަންނިީ
21 July 2025
ކޮމެންޓްތައް ކިޔާ ނިމުންއިރު ރޮވިއްޖެ. މުޅި ތަނުގަ ގާޒީންނައި އުސްތާޒުނާ ގާނޫނީ ވަކީލުން. ކޯޓުތަކުން މިބައިމީހުންގެ ރައުޔު ހިމަނާނެކަމަށް އުންމީދުކިރަން
ކޮވެލި
21 July 2025
މީ ވަރަށް ގިނައިން ދިމާވާ ކަމެއް. ކައިވެނީގެ ތެރޭގައި ހޯދާ މުދަަލަކީ ދެމީހުންގެ ޙައްގު އޭގައި އޮންނަ ކަމެއްކަން ޢާއިލާ އާ ބެހޭ ގާނޫނުގައި އޮންނާނެ. އެކަމަކު އެއްބަސްވުމެއް ނެތޭ ކިޔާފައި ކޯޓްތަކުން އެކެއްގެ ޙައްގު ނިގުޅައިގަންނަނީ. މިކަން ޙައްލު ކުރާކަށް ނޫޅޭ. އެކަމަކު ކަމާބެހޭ މިނިސްޓަރ އެއް ހުރޭ. އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު އަދިވެސް ނަހަދާ.
ޚޮލުކެހި
21 July 2025
ތިޔައީ ކޮން ވައްތަރެއްގެ އިންސާފެއް. އަންހެން މީހާ ދެއިރުދެދަޅަޔަށް ފުއްޕާފަ އެއްކަމެއްނުކޮށް ފިރިމީހާ ހޯދާ މުދާ އެއްވެސް ހައްގަކާނުލާ ފޭރެވޭނެ ގޮތަކަށް ނުހެދޭނެ. ގާނޫނެއް ހަދަންޏާ ހަދާ ދެ މީހުންވެސް ޚަރަދު ކޮށްގެން ނަމަ އިންސާފުން ބަހަން. ހަމަ ހުރެފަ އަނބިމީހާ އަކަށްވެގެން ފިރިމީހާގެ މުދާ ނުހައްގުން ނުފޭރެވޭނެ. ގެޓު