ކައިވެނިމަތީގައި ދެމަފިރިންގެ ދިރިއުމަށްޓަކައި އަނބިމީހާ ކޮށްފައިވާ ހަރަދެއް އޮތް ނަމަ ކައިވެނި ނިމުމަކަށް އައުމަށް ފަހުގައި ވެސް ކުރީގެ ފިރިމީހާގެ ކިބައިން ހޯދިދާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި މައްސަލައިގައި އަނބިމީހާ އަށް ފަސް ލައްކަ ރުފިޔާ ދޭން ފިރިމީހާގެ މައްޗަށް ދަށު ކޯޓުން ހުކުމް ކޮށްފި އެވެ.
ސުޕްރީމް ކޯޓުން ހުކުމްކޮށްފައި އޮތީ ދ. ކުޑަހުވަދޫ ފިރިހެނަކަށް އެ ރަށުން ލިބުނު ގޯއްޗެއްގައި އޭނާގެ އަނބިމީހާ ވެސް ހޭދަކޮށްގެން އިމާރާތްކޮށް އެ ތަން ދެމަފިރިންގެ ނަމަށް ރަޖިސްޓްރީކުރަން ނިންމާފައި ވަނިކޮށް އޭގެ ކުރިން ކައިވެނި ރޫޅުމުން ދިމާވި މައްސަލައެއްގައި އަންހެން މީހާ ކުރި ދައުވާއެއްގަ އެވެ.
ގެޔަށް ކުރި ހޭދައިގެ ގޮތުގައި އަންދާޒާކުރެވޭ 1.2 މިލިއަން ރުފިޔާ ހޯދަން އަންހެން މީހާ ދައުވާކުރީ ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނަށް ގެއިން ބައެއް ދޭން އެދުމުން ފިރިހެން މީހާ އެކަމަށް އިޖާބަ ނުދިނުމުން ކަމަށް ދައުވާގައި ވެ އެވެ.
ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުންނާއި ހައި ކޯޓުން ވެސް އަންހެން މީހާ އަށް ނާކާމިޔާބު ވުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ބެލި މައްސަލައިގެ ހުކުމްގައި ކަނޑައަޅާފައިވަނީ ކައިވެނިމަތީގައި ދެމަފިރިންގެ ދިރިއުމަށްޓަކައި އަނބިމީހާ ކޮށްފައިވާ ހަރަދެއް އޮތް ނަމަ ކައިވެނި ނިމުމަކަށް އައުމަށް ފަހުގައި ވެސް ކުރީގެ ފިރިމީހާގެ ކިބައިން ހޯދިދާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް މައްސަލާގައި ހިމެނޭ އިމާރާތް އަގުކޮށް، އެ އަގުގެ ދެބައިކުޅަ އެއްބައި އަންހެން މީހާ އަށް ލިބެން ޖެހޭނެ ކަމަށް ކަނޑައެޅި އެވެ. އެހެންވެ، އެ ބައި ލިބިދިނުމަށް، މި މައްސަލަ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކުރީ އެވެ.
ތަހުވީލު މައްސަލަ ބެލުމަށް ކުޑަހުވަދޫ ކޯޓުން ވަނީ އިމާރާތް ހުރި ހާލަތްތައް ބަލައިފަ އެވެ. އަދި އެ ކޯޓުން ކަނޑައަޅާފައިވަނީ އޭގެ އަގަކީ އެއް މިލިއަން ރުފިޔާ ކަމަށެވެ. އެ އަދަދު ދެބަޔަށް ބެހުމަށް ފަހު އޭގެން އެއް ބައި އަންހެން މީހާއަށް ހަ މަސް ދުވަސް ތެރޭ ދިނުމަށް ވަނީ އަންގައިފަ އެވެ. އެއީ 541،000ރ. އެވެ.