ހަދަމުން ދިޔަ އިމާރާތުން ވަށާ ފާރު ރާނަނިކޮށް، ޖެހިގެންހުރި ގޭގެ ވަށާ ފާރު ވެއްޓިފައި.--
22 ޖުލައި 2025 - 21:06
މާލޭގައި ހަދަމުންދިޔަ އިމާރާތަކާ ޖެހިގެންހުރި ގޭގެ އިން ފާރު އެ ގޭތެރެއަށް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ލަގްޒަރީ ފުރަގަހުގައި އޮންނަ އަނބުގަސްމަގުގައި ހުންނަ މ. ތަކަންދޫ ގޭގެ ފާރު ވެއްޓުނީ މ. ހަވާއީ ގޭގައި މަސައްކަތް ކުރަނިކޮށެވެ.
ތަކަންދޫ ގޭގައި ދިރިއުޅޭ މީހަކު "މިހާރު" އަށް ބުނީ ވެއްޓުނު ފާރަކީ ވަރަށް ދުވަސްވެފައި ހުރި ފާރެއް ކަމަށާއި ގާތްގަނޑަކަށް އަށް ފޫޓަށް ރާނާފައި ހުރި އެ ފާރާ އިންވެގެން އޮތް ގެ ހަދަން ފެށުމުން އެ ފާރަށް ގުޑުން އަރަމުން ދިޔަ ކަމަށެވެ. އެކަމަކު މަސައްކަތް ކުރާތާ އަށް މަސް ވީ އިރު ވެސް ކުރި އެއްވެސް ރިޕޯޓަކަށް ކަމާބެހޭ އިދާރާއަކުން ހައްލެއް ހޯދައިނުދިން ކަމަށް އޭނާ ބުންޏެވެ.
"ރިޕޯޓު ކުރިން އެތައް ފަހަރަކު، އެ މީހުން ގެންނަން ވެސް ގެނައިން. ކުރިން ވެސް ބުނިން މި ދުވަސް އަންނާނޭ. އެހެން ހުއްޓާ މިއަދު އެ ފާރު އެ ވެއްޓުނީ 5:00 ހާއިރު،" އޭނާ ބުންޏެވެ.
މ. ތަކަންދޫގޭ ފާރު ވެއްޓިފައި.
އޭނާ ބުނީ މިއަދު ތަކަންދޫ ގޭގެ ފާރު ވެއްޓުނީ ހަވާއީ ގޭގެ ވަށާފާރު ރާނަން ފެށުމުން ކަމަށެވެ.
"އެ ފާރު އެ މީހުން ރޭނުމުގެ ބަދަލުގައި ތައްގަނޑަށް ކޮންކްރީޓް މި އަޅަނީ. އޭގެ އެތެރޭގައި ހޮއި ހެދިދާނެތީ ޕަމްޕަކުން ޕްރެޝާ ކުރާނެ. ޕަމްޕުން ފިލްކުރާ ވަރަކަށް ބިންގަނޑަށް ގުޑުން އަންނާނެތާ، އެހެން ހަދަމުންދަނިކޮށް އެ ފާރު އެ ވެއްޓުނީ،" އޭނާ ބުންޏެވެ.
އެ ގެއިން ވާހަކަދެއްކި މީހާ ބުނީ އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި އެކަމަކު އޭނާ އާއި އާއިލާ އުޅޭ އެޕާޓްމަންޓަށް ވަރަށް ބޮޑަށް ގެއްލުންވި ކަމަށެވެ. ދޮރުތަކުގެ ބިއްލޫރިތައް ތެޅުމުގެ އިތުރުން ހިފާގެންގުޅޭ ގިނަ ސާމާނުތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ފާރު ވެއްޓިގެން ރިޕޯޓްކުރުމުން މިހާރު ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ފުލުހުންގެ އިތުރުން ސްޓެލްކޯގެ މުވައްޒަފުން ވެސް އެތަނުގައި ހަރަކާތްތެރިވަމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނޭ
23 July 2025
ތަކަންދޫގޭ މީހުންނަށް ވެސް އިނގޭ އެއީ ބާވެ ހަސްނެތިފަހުރި ފާރެއްކަން، އެވަރުންވެސް ސިޓީކައުންސިލް ބޮލަށް ކަނޑާލައިގެން ތިބީ ހެން ހީވަނި
ބާލީ
23 July 2025
އިތުރު ތަމްރީން ހަދަން މިހާރުވެސް ކޮންމެވެސް އަތޮޅެއްގެ ކައުންސިލުން އެބައުޅޭ ބާލީ އަށްދާންވެގެން.
މައުކަނާކަލޯ
23 July 2025
ލަގްޒަރީ ފުރަގަހުގާ މަގެއްއޮވޭތަ؟
ކޮރަލް
23 July 2025
އެކަމަކު މަސައްކަތް ކުރާތާ އަށް މަސް ވީ އިރު ވެސް ކުރި އެއްވެސް ރިޕޯޓަކަށް ކަމާބެހޭ އިދާރާއަކުން ހައްލެއް ހޯދައިނުދިން ކަމަށް އޭނާ ބުންޏެވެ. ގެއްލުމުގެ ބަދަލު ހޯދަން ދާން ވީ ކޯޓް އަށެވެ. ދޫކުރާނެ ކަމެއް ނެތެވެ.
މޮގުމޮގޮ
23 July 2025
ސިޓީ ކައުންސިލް އުވާލާ ކޮންމެހެން މެޔަރެއް މާލެ އަކަށް ބޭނުމެއް ނޫން. ކުރިން އޮތްގޮތަށް މުނިސްޕަލްޓީ އަށް ނަމާ ހިންގުން ބަދަލު ކުރޭ، މެޔާރު މަގާމު ދިނީމަ މި ތައް މާ ގައްޑާވާން އުޅެނީ. ފުރަތަމަ، ސަރަނގެ، ދެން ސިފާ އެއް، ދެން މުއީޒެއް މިހާރު އާޒިމެއް. ބޮޑު ބަލާ%@ ކެއް.
ނާޑުވާ
23 July 2025
ޤައުމުގަ ފައިސާއެއް ނެތް. ޑޮލަރު އަތުނުޖެހޭ ހިސާބަށް އުފުލިއްޖެ. ކުދި ވިޔަފާރިތައް ބަނގުރޫޓުވެއްޖެ. މިހާލަތުގަ ވެސް މާފަރުން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގަ އިތުރު އެއަރޕޯރޓެއް އަޅަން ހިފާފަ. ވޯޓު ހޯދަން ނިކުތަސް ބޮޑުވަރު. ދަރިންގެ މުސްތަޤްބަލަށް ވެސް ވިސްނާނުލަންތޯ?
ސަނީސައިޑްބޮންޑް
23 July 2025
މަޑުކޮށްލާ! ތިފަދަކަންކަމަށް އޮންނަހައްލު ހޯދަން ކައުންސިލަރުން ދާނެ ދެންއޮންނަ ބައިނަލްޢަޤްވާމީ ސްމާރްޓްސިޓީ ކޮންފަރެންސަށް. ކުރިންދިޔަ ކޮންފަރެންސުން ތިކަމަށްއޮންނަ ހައްލެއް ނޭންގުނު.
ތެފައާސާ.
23 July 2025
އެއީ އަހަރެމެން ދިވެހީންގެ ކަންކަން ހުންނަގޮތް. ކުރިއާލާ ޕްރޯއެކްޓިވްކޮށް އެއްކަމެއްވެސް ނުކުރާނެ. ކަންވެ ނިމުނީނާ އަބަދުވެސް ރިއެކްޓިވްކޮށް ފިޔަވަޅު އަޅާނީ.
ހީހީ ސުލީހް
23 July 2025
ނުބަލާނެތާ. ތިބުނީ ހަވާއީއޭ
އާދަނު33
23 July 2025
ހަވާއީއާއި ތަކަންދޫ ތިއުޅެނީ..! ހަވާއީ އެއީ އެމެރިކާ.. ތަކަންދޫއެއީ ހ.އ އަތޮޅު.