ރައީސް މުއިއްޒު ވެލިދޫގައި ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
24 ޖުލައި 2025 - 06:50
ސިޔާސީ އޮއިވަރަކީ ގައުމީ ލޯބީގެ ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން ކަމަށާއި އެންމެން ވެސް އިސްކުރަންވީ ގައުމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ނ. ވެލިދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ކުރިއަށް އޮތް ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅުވައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިން އިސްކުރަން ޖެހޭނީ ދިވެހިވަންތަ ކަމާއި އިސްލާމް ދީނާއި ދިވެހި ބަސް ކަމަށެވެ.
"އެކަން އިސްކޮށް ނޫނިއްޔާ ކިތަންމެ އެއާޕޯޓެއް އެޅިޔަސް ކިތަންމެ ބަނދަރެއް ހެދިޔަސް ކިތަންމެ މަގެއް ހެދިޔަސް ސްކޫލެއް އެޅިޔަސް ހޮސްޕިޓަލެއް ހެދިޔަސް ހަގީގީ ތަރައްގީއެއް ނާންނާނެ. ހަގީގީ ތަރައްގީ އަންނަނީ ސިކުނޑިން. އެ ކަން ކުރާނީ އަމިއްލަ އަށް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ސިކުނޑި ތަރައްގީ ކުރެވޭނީ އެ މީހަކު އަމިއްލަ އަށް އެ ކަމަށް އަޒުމް ކަނޑައެޅި ދުވަހަކުން ކަމަށާއި އަޅުގަނޑުމެންނަށް ހަގީގީ މާނައިގައި އުފާވެރިކަން ލިބޭނީ އޭރުން ކަމަށެވެ.
ވެލިދޫގެ ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގެން އާންމުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވިގޮތުގައި މިނިވަންކަމުގެ އިހުސާސް ކުރެވޭނީ އަމިއްލަ ނަފުސަށް ވުރެ ގައުމު އިސްކުރާ ބަޔަކަށް ވެގެންނެވެ. އެ މިނިވަންކަން ކުރިއަށް އޮތް ޖީލަށް ޒިންމާދާރުކަމާ އެކު ގެންގޮސް ދެވޭނީ ވެސް އެއިރުން ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"... އަމިއްލަ މަސްލަހަތަށް ވުރެ ގައުމު އިސްކޮށްގެން. އެ ގައުމީ ލޯތްބާއި އެ ގައުމީ ވާޖިބު އަދާކުރުމުގެ އިހުސާސް އަދި އެ އަޒުމް އަޅުގަނޑުމެންގެ ހިތުގައި އަށަގަތް މިންވަރަކު އަޅުގަނޑުމެންގެ ގައުމު އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ޅަދަރިންނަށް އަދި އެ ދަރިންގެ ދަރިންނަށް ރަނގަޅު ގޮތުގައި ރައްކާތެރިކަމާ އެކީގައި ފޯރުކޮށްދެވޭނީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ވަށައިޖެހޭ ތަރައްގީ ގެނެވޭނީ ވެސް އެ މީހެއްގެ އަމިއްލަ ނަފުސާ ހިސާބުން އެ ތަރައްގީ ގެންނަން ފަށައިގެން ކަމަށެވެ.
ވެލިދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އަމިއްލަ ނަފުސަށް ގެންނަ ތަރައްގީއަކީ ސަރުކާރުން ހިންގާ މަޝްރޫއަކުން ގެނެވޭނެ ތަރައްގީއެއް ނޫން. އެއީ އަމިއްލަ އަށް އެ ނިންމުން ނިންމައިގެން ގެންނަ ތަރައްގީ. އަޅުގަނޑަށް ކުރެވޭނެ ކަމަކީ ސަރުކާރަށް ކުރެވޭނެ ކަމަކީ މި ކަމަށް ގޮވައިލުން. އެ ކަމަށް ބާރު އެޅުން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މަގާމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން އެ މަނިކުފާނު ގެންދަވަނީ އެ ވާހަކަތައް ތަކުރާރު ކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުބެ
24 July 2025
ރައީސް އަދި ތިވިދާޅުވެވުނީ ރަނގަޅަކަށްނޫން. މިނިވަންކަމުގެ އިޙްސާސް ކުރެވޭނީ އަޅުވެތިކަމެއް ތަޖުރިބާ ކުރެވިފައިވާ މީހަކަށެވެ.
އެކްސްް
24 July 2025
ގައުމު އިސްކުރަން މިޖެހީ ރައްޔިތުން، ވެރިން އިސްކުރަނީ ޖީބު. މިސްކޭމް ހުއްޓާލަން އެބަޖެހޭ. ގައުމަށް ހެޔޮއެދޭ ވެރިން، އެކަން އަމަލީ ގޮތުން ދައްކާނެ.
ޓިނު
24 July 2025
މީހުން އުނުއޮރިޔާން ނިވާކުރަނީވެސް ކޮންމެވެސް ބޭނުމަކު. ؟
އަފްރާސިޔާބު
24 July 2025
ގައުމު އިސްކުރިވަރުންތާ އަވަށްޓެރި ގައުމަކާ އެވަރަށް ޖައްސާލާފައި މިހާރު ފައިބުޑަށް މިހާރު ތިވެއްޓުނީ. މަބުނިންތާ އެއިރުވެސް އެއީ ގޯހެކޭ، ހިތްހަމަ ނުޖެހުނަސް އެކަމަކީ ކުރީގެ ސަރުކާރު ތަކުން ގެންގުޅެފައިވާ ސިޔާސަތަކަށްވާތީ ބަދަލެއްގެންނަންވާނީ ނުވަތަ އެއްޗެހި ކިޔަވަންވާނީ ތިމާމެންނަށް ބޭނުންވާ ގޮތަކަށް އަމިއްލައަށް އުޅެވޭނަމައޭ. މިހާރު ހަމަ އެ މޯދީ އަށް ދައުވަތުދީގެން ގެންނަންމިޖެހުނީ. ލަދު ހުތުރުދޯ؟
އޭ ދިވެހި ދިދަޔާއެވެ!
24 July 2025
ފެއްސާއި ރަތާއި ހުދު ގެ އަބުރުވެރި ދިވެހި ދިދަޔާއެވެ. ތިޔަ ރަމްޒުކޮށްދެނީ މިގައުމުގެ އަމިއްލަ ވަންތަކަމާއި އިސްތިގްލާލް ދެމެހެއްޓުމަށްޓަކައި ކާބަފައިންވެފައިވާ މަތިވެރި ގުރުބާނީއެވެ. ތިޔައީ އަހަރެމެންގެ ދީނީ އެއްބައިވަންތަކަމާއި މިނިވަންކަން ރަމްޒުކޮށްދޭ ޝަރަފެވެ. މިއަދު މި އިސްޖަހާ މިލަނީ ލަދުންނެވެ. މި ގައުމުގެ މަގުތަކުގައި އެހެން ދިދައަކަށް ތިޔަ ދިދައިގެ ޝަރަފުވެރި ކަމާއި ހައިބަތު ދީފައިވާތަން ފެންނާތީ އެވެ. ގައުމިއްޔަތު ވަޒީރަށް ސަލާމެވެ!
ދިވެހި ދިދަ
24 July 2025
އަހަރެމެން ރައްޔިތުން އިންތިޚާބްކުރި މެމްބަރުން ޕާރޓީތަކުގެ ގައިދުގައި ވާއިރު، ރައްޔިތުންނަށް މިނިވަންކަން އިހްސާސްކުރެވޭނީ ކިހިނެތް. ގައުމުގެ މިނިވަންދުވަހާ ދިމާކޮށް ދިވެހި ދިދައަށް ވުރެ އެހެން ދިދައެއްގެ ކަރާމާތާއި ޝަރަފު މަތިވެރިކޮށް ދައްކުވައިދޭނަމަ ދިވެހިންގެ ހިތުގައި އޮންނަ ގައުމީ ލޯބި ކެކިއަރާނެތަ!
އަފްރާސިޔާބު
24 July 2025
އެއީ ގައިދުވާން ބޭނުންވެގެން އަޅު ކުދިން އުޅޭ ގޮތް.
ގައުމު އެބަ
24 July 2025
ދޮގު ނުހަދާ އިޚުލާސްތެރި އަދުލުވެރި ވެރިން ނެތި ގައުމެއްގައި އެއްވެސް ރަނގަޅަކަށް ނުދާނެ. މިހާރު ވެރިން މިތިބެނީ ގައުމު އެއްކޮށް އަތްދަށަށް ލައިގެން. ދެން ރައްޔިތުން ގައުމު ދެކެ ލޯބިވާން ގައުމެއް އަސްލުގަ ނެތެއްނު.
ރާއްޖެ އެދުރު
24 July 2025
ބައި ގިނަ އަޑުގަދަ މީހުންނަށް މޮޅުގޮތް ، ބައިމަދު ނިކަމެތިންނަށް ދެރަގޮތް ހަދާ ސަރުކާރެއް އޮވެގެން މިނިވަންކަން އިހްސާސްކުރާނެ ގޮތެއް ނިކަން ބުނެދީބަލަ. އިހަކަށް ދުވަހު ހައުސިން އިން ހެދި އުސޫލުތަކުގެ 1 އަކުރު އުވާލީ އަޑުގަދަ މީހުންނަށްޓަކައި ، އެތައް މިލިއަން ރުފިޔާގެ ބިމާއި ، ފްލެޓް ވެސް ލިބޭގޮތައް. އެކަމަކު އެއިގެ ތެރެއިން ބައިމަދު ނިކަމެތިންނަށް ޝަރުތު ހިމެނޭ އަކުރު އުވައެއް ނުލި. އިންސާފާއި ހަމަހަމަކަން ނެތި މިނިވަންކަން އިހްސާސްކުރެވޭތަ؟
އުދުހޭ
24 July 2025
ދިވެހި ގައުމުގެ މިނިވަންދުވަސް އަންނައިރު ކުއްލިއަކަށް ބޭރު ގައުމެއްގެ ދިދަ އާދަޔާ ޚިލާފަށް ގިނަވެއްޖެ. މިއީބާ މިނިވަންކަމަކީ؟
އަފްރާސިޔާބު
24 July 2025
ދިވެހިންނަކީ ވަރަށް އަވަހަށް ހަނދާންނެތޭ އަމިއްލަ އެދުން ބޮޑު ބައެއްވީމާ ވާގޮތް އެއީ.
ބޭބެ ހަސަން
24 July 2025
ގައުމު އިސްކުރެވޭނީ ތިހާ ވަރަށް. ދިވެހި ފައިސާގެ އަގު އިންތިހާ އަށް ދަށްވެ ކާބޯތަކެއްޗާއި ޒަރޫރީ ޚިދުމަތްތަކުގެ އަގު އިންތިހާ އުފުލެމުން ދާއިރު ، ބޭނުންނުވާވަރަށް ސިޔާސީ އެކްޓިވިސްޓުންނަށް ބޭނުމެއް ނުހިފޭ މަގާމްތަކަށް ލައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑެތި މުސާރަދެމުންދާއިރު ގައުމު ތިޔަ އިސްކުރާގޮތެއް ނިކަން ބުނެދީބަލަ!