މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި އެތަންތަން ލިބޭ މީހުންނަށް ހަވާލުކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކުރީގެ ސަރުކާރުން "ކަނޑުފަޅުން" ދީފައިވާ ގޯތިތައް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވި ހުޅުމާލެ 2 އިން ދޭ ހުރިހާ ގޯއްޗެއް އެތަންތަން ލިބޭ މީހުންނާ ހަވާލުކޮށް، ހުޅުމާލެ 3 ހިއްކާ ނިންމައި އެތަނުން ދޭ ގޯތިތައް ހަވާލުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ގުޅިފަޅުން ދޭ ގޯތިތައް ވެސް ހަވާލުކޮށް، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި ކުރިއަށް ދެތިން މަސްދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ވެސް ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރު އައިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި ފަހި ފްލެޓްތަކުގެ ނިމިފައި ވަނީ 25 ޕަސެންޓު ކަމަށާއި މި ސަރުކާރުން އެ މަޝްރޫއު ވެސް ނިންމައި ހައްގުވެރިންނަށް އެ ތަންތަން ހަވާކުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެންމެންނަށް ބޯހިޔާވަހިކަން ޔަގީންކޮށްދިނުމަށް މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
"މި ދައުރު ނިމޭއިރު އިރާދަކުރެއްވިޔާ އަޅުގަނޑުމެން އުއްމީދަކީ އަދި ޔަގީންކަން ދޭ ކަމަކީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީހުގައި ސަރުކާރެއްގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް އަމަލީ ގޮތުން ނިންމައި، އެ ތަންތަން ލިބޭ ފަރާތްތަކަށް އެ ތަންތަން އަޅުގަނޑުމެން ހަވާލުކޮށްދޭނަމޭ،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ރަސްމާލެއިން 15،000 ގޯތި ދޭއިރު، މާލެ ސަރަހައްދުން 7،800 ފްލެޓު ދޭން ނިންމާފައިވެ އެވެ. އެ ސްކީމްތަކަށް ކުރިމަތިލާން ދިން މުއްދަތު މިދިޔަ މަހު 15 ގައި ހަމަވިއިރު، ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު މި އަހަރު ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.
ސަރުކާރުން ވަނީ އެ ސްކީމްގެ ދަށުން ދޭ ފްލެޓުތައް އަޅަން ވެސް ބައެއް ކުންފުނިތަކާ މިހާރު ހަވާލުކޮށްފަ އެވެ.