ރައީސް ސައުދީ ފަންޑުގެ ސީއީއޯ އާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
26 ޖުލައި 2025 - 21:11
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތަށް ލޯނު ފައިސާ ފޯރުކޮށްދިން ފަރާތްތަކުގެ ތެރެއިން ސައުދީ ފަންޑާއި އޮފިޑް ފަންޑުގެ އިތުރުން ކުވެއިތު ފަންޑުގެ އިސް ބޭފުޅުންނާ ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް ވަނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ސުލްތާން ބިން އަބްދުއްރަހުމާން އަލް މުރްޝިދާ މިއަދު މެންދުރު ބައްދަލު ކުރައްވައިފަ އެވެ. އަދި އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ރައީސް، ޑރ އަބްދުލްހަމީދު އަލްހަލީފާ ބައްދަލުކުރައްވާފައިވެ އެވެ. ކުވައިދު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވަލޮޕްމެންޓްގެ އެކްޓިން ޑިރެކްޓަ ޖެނެރަލް ވަލީދު ޝަމްލަން އަލް ބަހަރް އާއި ވެސް މިއަދު ރައީސް މުއިއްޒު ބައްދަލުކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގަތުމުން މާލީ އިދާރާތަކުގެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ވީއައިއޭ ތަރައްގީ ކުރުމަށް ވެދެއްވި އެހީތެރކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް އޮފިޑް ފަންޑުގެ ސީއީއޯ އާއި އެ ފަންޑުގެ އިސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ޓާމިނަލް މިރޭ ހުޅުވާއިރު އެ ޕްރޮޖެކްޓަށް އެންމެ ބޮޑު ފައިނޭންސިންއެއް ނުވަތަ ލޯނެއް ހަަމަޖައްސައިދިނީ ސައުދީ ފަންޑުންނެވެ. ސައުދީ ފަންޑުން އެ ޕްރޮޖެކްޓަށް 217 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ހަމަޖައްސާދީފައި ވެ އެވެ.
ކުވައިތު ފަންޑުން އެ ޕްރޮޖެކްޓަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަމަޖައްސާދީފައިވާއިރު، އޮފިޑް އިން އެ ޕްރޮޖެކްޓަށް 50 (771 މިލިއަން ރުފިޔާ) މިލިއަން ޑޮލަރު ފޯރުކޮށްދިނެވެ. އޭގެ އިތުރުން އަބޫދާބީ ފަންޑުން ވެސް އެ ޕްރޮޖެކްޓަށް 90 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ހަމަޖައްސާދީފައިވެ އެވެ. ޖުމްލަ އެ ޕްރޮޖެކްޓަށް 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭންް
26 July 2025
ފަހަތުގަ ތިހުރި މައުރަޒުން ގެންދިޔަ ލިޔެލާޖެހި އެތީގެ ފައިސާކޮޅު އަދިވެސް ނުލިބެޔޭ. ދެރަ ކަންކަން