ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފުގެ މެޑަލް ގާސިމް އިބްރާހިމަށް އެރުވުން.-- ފޮޓޯ: ރައީސް އޮފީސް
27 ޖުލައި 2025 - 11:10
ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު، ދިގު މުއްދަތަކަށް ދައުލަތަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު މިއަދު އަރުވައިފި އެވެ.
އެ ދެބޭފުޅުންނަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފުގެ މެޑެލް ދެއްވީ، ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ސިއްހީ ހާލަތު ތަންނުދެއްވާތީ ސޯބިރަށް މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވުނެވެ. އެހެންވެ، އާއިލާގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ ދަރިކަނބަލުންނެވެ.
ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު، ކުރީގެ އުއްތަމަފަނޑިޔާރު މުއުތަސިމު އަދުނާނަށް ވެސް ރައީސް ޑރ. މުއިއްޒު މިއަދު ވަނީ އަރުވައިފަ އެވެ.
އަމިއްލަ ގިނަ ވިޔަފާރިތަކެއް ކުރައްވާ ގާސިމް ވަނީ ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓުގައި ފިނޭންސް މިނިސްޓަރުކަން 2005 ވަނަ އަހަރު ކުރެއްވި އެވެ. ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ މެޖޯރިޓީ ހިއްސާ، ދިވެހި ސަރުކާރަށް އޮންނަ ގޮތަށް ހަމަޖެއްސެވުމަކީ ވެސް ގާސިމް ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމެކެވެ. ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރެއްވުމަށް ގާސިމް އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި، މުޅިން އާ ކަމެއްގެ ގޮތުގައި ޓްރެޝަރީ ބިލާއި ބޮންޑް ވިއްކެވުމުގެ އިންތިޒާމު ހަމަޖެއްސެވުން ވެސް ހިމެނެ އެވެ.
ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފުގެ މެޑަލް އެރުވި ގާސިމް އިބްރާހިމާއި އޭނާގެ އާއިލާގެ ބައެއް ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ބޭންކިންއާ ބެހޭ ޒަމާނީ ގާނޫނެއް ރާއްޖެއަށް ބޭނުންވާތީ، ތަޖުރިބާކާރުންގެ އެހީގައި ޑްރާފްޓް ބިލެއްގެ މަސައްކަތް ފެށްޓެވުމާއި 2006 ވަނަ އަހަރު ވުޖޫދަށް އައި ރާއްޖޭގެ މާލިއްޔަތު ގާނޫނުގެ ޑްރާފްޓުގައި ފިނޭންސް މިނިސްޓްރީން ނުހަނު ބޭނުންތެރި މަސައްކަތްތަކެއް ކުރައްވައިފައި ވަނީ ގާސިމް އިބްރާހީމް ބެއްލެވުމުގެ ދަށުންނެވެ. އަދި ރާއްޖޭގައި އިންޓަނެޓް ބޭންކިން ސިސްޓަމް އުފެއްދެވުމުގެ މަސައްކަތާއި ސެންޓްރަލައިޒް ޕޭމަންޓް މެނޭޖްމަންޓް ސިސްޓަމެއް، ފިނޭންސް މިނިސްޓްރީގައި ގާއިމްކުރެއްވީ ވެސް ގާސިމްގެ މިނިސްޓަރު ކަމުގަ އެވެ.
ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އޭރު ގާސިމް ހުންނެވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުގައި ވެސް މެ އެވެ. މީގެ އިތުރުން، މަގާމުގެ ހައިސިއްޔަތުން ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާ ގަވަރުނަރު ކަމުގެ މަގާމު ވެސް އަދާކުރެއްވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރަތަމަ ކެބިނެޓުގައި، ހޯމް މިނިސްޓަރުކަން ވެސް ގާސިމް ކުރެއްވި އެވެ. އެ މަގާމުގެ ހައިސިއްޔަތުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ރައްކާތެރިކަމަށް މުހިންމު އަދި ހަރުދަނާ ފިޔަވަޅެއްގެ ގޮތުން، ރިސޯޓުތަކުގައި މުޒާހަރާ ނުކުރެވޭ ގޮތަށް ހަމަޖެއްސި އެވެ.
ރާއްޖޭގެ ސިޔާސީ އިސްލާހާއި، ޑިމޮކްރަސީގެ ހަރަކާތްތަކުގައި ގާސިމް ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ. އެމްޑީޕީ އުފެއްދުމަށް 2001 ވަނަ އޭރުގެ ސަރުކާރަށް ހުށަހެޅުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅަކީ ވެސް ގާސިމެވެ. މައުމޫންގެ އިސްލާހީ އެޖެންޑާގެ ދަށުން ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް، ރައްޔިތުންގެ ހާއްސަ މަޖިލީހުން ފެށިއިރު، އެ މަޖިލީހުގެ ރައީސްކަން ވެސް ގާސިމް ކުރެއްވި އެވެ.
ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފުގެ މެޑަލް އެރުވި ގާސިމް އިބްރާހިމް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ގާސިމް ވަނީ 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅުގެ މެންބަރުކަން ކުރައްވައިފަ އެވެ. އަދި އޭގެ ފަހުން، 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން، މާމިގިލީ ދާއިރާގެ މެންބަރުކަން މެދުކެނޑުމެއް ނެތި މިދިޔަ ހަތަރު ދައުރުގައި ވެސް ކުރައްވަނީ އޭނާ އެވެ. ގާސިމް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އަދި 2008 ވަނަ އަހަރު "ޖުމްހޫރީ ޕާޓީ"ގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ.
އެ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ދައުލަތުން ވަނީ ގާސިމަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް 2013 ވަނަ އަހަރު އަރުވައިފަ އެވެ. ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމުގެ ރޮނގުން 1988 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމާއި ޓޫރިޒަމްގެ ރޮނގުން 1995 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމާއި ޖަމާއާތަށް ފައިދާހުރި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާއިން 2007 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް އޭނާއަށް ލިބިވަޑައިގެންނެވި އެވެ.
ސޯބިރަކީ އިގުތިސާދީ ދާއިރާއިން ދިގު މުއްދަތެއް ވަންދެން ދައުލަތަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ހިމެނެ އެވެ. އަދި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމާއި ޚާރިޖީ ދާއިރާގައި އަގުހުރި ހިދުމަތްތަކެއް ކުރައްވައި، މިހާރު ވެސް އެ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ.
ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފުގެ މެޑަލް ހަސަން ސޯބިރުގެ ދަރިކަނބަލަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
މައުމޫންގެ ވެރިކަމުގައި ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް އުފެއްދި "ނޭޝަނަލް ޕްލޭނިން އޭޖެންސީ"ގެ ސްޓެޓިސްޓިކަލް ސާވޭ އޮފިސަރުގެ މަގާމަށް 1978 ވަނަ އަހަރު އޭނާ ހަމަޖެއްސެވި އެވެ. އެ ދާއިރާއިން އިތުރު ތައުލީމާއި ތަޖުރިބާ ހޯއްދެވުމަށް 1979 ވަނަ އަހަރު އޭނާ އެމެރިކާއަށް ވަޑައިގަތެވެ. އެ ފަހަރު ރާއްޖެ ވަޑައިގަތުމަށް ފަހު، ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ސްޓެޓިސްޓިކަލް އޮފިސަރުގެ މަގާމުގައި ހުންނަވައިގެން ފެށްޓެވި އެންމެ މުހިންމު މަސައްކަތަކީ 1985 ވަނަ އަހަރުގެ ބޯހިމެނުމެވެ. ރާއްޖެއަށް ފުރަތަމަ ކޮމްޕިއުޓަރެއް ވެސް ގެނައީ އެ މަސައްކަތަށެވެ.
ނޭޝަނަލް ޕްލޭނިން އޭޖެންސީ 1982 ވަނަ އަހަރު އުވާލައި ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް މިނިސްޓްރީ އުފެއްދުމުން އެ މިނިސްޓްރީގެ ވަކީލުކަމުގެ މަގާމު ވެސް ސޯބިރު އަދާކުރެއްވި އެވެ. އަދި އޭގެ ފަހުން އެ މިނިސްޓްރީގެ ވަރަށް ގިނަ އިސް މަގާމުތައް ފުރުއްވި އެވެ. އަދި މައުމޫންގެ ވެރިކަމުގައި 1993 ވަނަ އަހަރު ފިޝަރީޒް މިނިސްޓަރުކަމާއި 1998 ވަނަ އަހަރާއި 2003 ވަނަ އަހަރު ވެސް ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.
މިހާރު ވެސް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާކުރުމަށް ބޭނުންކުރާ "ސަނީ ސައިޑް އޮފް ލައިފް"އަކީ ސޯބިރުގެ މިނިސްޓަރު ކަމުގައި އުފަންކުރުވި މޮޓޯއެކެވެ.
ޚާރިޖީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާ ހަސަން ސޯބިރު، ނެދަލެންޑުގެ ރަސްގެފާނާއެކު.
ދައުލަތުގެ ފެން ކުންފުނި، މާލޭ ވޯޓަ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔޫއެސްސީ) އުފައްދައި، އެ ކުންފުނީގެ ޗެއާމަނަކަށް އެންމެ ފުރަތަމަ ހަމަޖެއްސެވީ ވެސް ސޯބިރެވެ.
އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން 2004 ވަނަ އަހަރު ސާބިރު އަދާކުރެއްވި އެވެ. އަދި އެ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއިން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީ ހޯއްދެވުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ސޯބިރު ވަނީ ސިންގަޕޫރާއި ޔޫރަޕިއަން ޔުނިއަން އަދި ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަރީފުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހީވި އެއީ ޔަގީންކަމެއް. ފަސާދަވެސްކުރި.
28 July 2025
ކިތަންމެ އިއްޒަތެއް ދިނަސް ގަބޫލް ކުރަނީ، އަމިއްލަ އެދުމެއް ހާސިލްނުވެގެން އުޅުނު މަހްޖަނެއް ގޮތަށް.
ސަންޖޭ
27 July 2025
ގާސިމަށް ދޭންޖެހޭ ސަބަބެއް ނުވިސްނޭ, ބޮޑު މަކަރު ވެރިޔެއް އަމިއްލަ އެދުމަށް މަސައްކަތް ކުރާ އަންނަ ކޮންމެ ސަރުކާރަކަށް ކުރީ ކޮޅު ބަލަދު އަރާފަ ހުންނަ މީހެއް.
އެޗް އެމް
27 July 2025
ވައްކަމެއް ސާބިތެއް ނުވޭ. ކޮރަޕްޝަނެއް ސާބިތެއް ނުވޭ. ދޮގު ވާހަކަ ދެއްކުމާއި އޮޅުވާލުމެއް ނުވޭ. ކަލައެއް ނުގޮވާ. މުވައްޒަފުންގެ ހައްގު ބަރާބަރަށް ދޭ. އަމިއްލަ ނަފުސަށް ވުރެ ގައުމާ ރައޔަތުން އިސްކުރާ ވާހަކަ އަބަދުމެ އިވޭ. ގައުމުގެ ނަމުގަ ޝަރަރަފުގެ މެޑެލް ނުދޭންވީ ސަބަބެއް ނެތް.
ސުހާބާ
28 July 2025
ކަލައެއް ނުގޮވައޭ ތިޔަ ބުނި ބުނުމަކީ ދޮގެއް. ގައުމުގެ ރައީސްކަމަށް ކުރިމަތިލީ ކޮންމެ ފަހަރަކު ކެމްޕެއިނުގައި އޭނާ ރައްޔިތުންނަށް ކޮށްދީފައި ހުރި ކަންތައްތައް ކިޔައި، ކަލަ ގޮވާފައިވޭ.
ޢިބޫ
27 July 2025
ރައްޔިތުންގެ އެންމެގިނަ ހަރުމުދާ މިލްކު ކޮއްގެން ހުރިމީހެއްގެ ހައިސިއްޔަތުން ލިބޭ އިނާމެއްގެ ގޮތުގަދޭނަމަ ރައްޔިތުން އެކަން ބަލައި ގަންނާނެ.
ޤާސިމަށް ނުލިބޭނީ ހަމައެކަނި ވެރިކަން!
27 July 2025
މި ދިވެހިރާއްޖެ އިން އޮނަރަބްލް ޤާސިމް އިބްރާހީމަށް އެހެން ހުރިހައި އެއްޗެއް ލިބިވަޑައިގަންނަވާނެ އެވެ.
މުނީރުބެ
27 July 2025
މަރުހަބާ އާއި ތަޙްނިޔާ ދެ ބޭފުޅުންނަށްވެސް
ހަސަދު
27 July 2025
ދައުލަތުގެ އެންމެ މަތީ ޝަރަފް ލިބޭ ވަރުގެ ބޭފުޅުންބާ މީ؟؟؟؟
އާންޏެކޭ
27 July 2025
އާނ.