އުރީދޫގެ ސަބްމެރިން ކޭބަލް އިތާފުށި ރިސޯޓާ ގުޅާލުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އުރީދޫ
02 އޯގަސްޓް 2025 - 21:27
އުރީދޫން ސަބްމެރިން ކޭބަލް އެޅި ފުރަތަމަ ރިސޯޓަކަށް މާލެ އަތޮޅުގައި އޮންނަ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި މިއަދު ވެއްޖެ އެވެ.
މިއީ ރާއްޖޭގެ ރިސޯޓަކަށް ސަބްމެރިން ކޭބަލެއް އެޅި ފުރަތަމަ ފަހަރު ވެސް މެ އެވެ.
އުރީދޫން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދަތުރުގައި ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށާއި މިއީ ރާއްޖޭގެ ރިސޯޓަކަށް ސަބްމެރިން ކޭބަލް ގުޅާލެވުނު ފުރަތަމަ ފަހަރު ކަމަށެވެ.
މި ސަބްމެރިން ކޭބަލް އިތާފުށި އަދި ކ. މާފުށި މެދުވެރިކޮށް ހިނގާއިރު، ހުޅުމާލޭގައި ހުންނަ އުރީދޫގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާ ގުޅާލައި، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އިތުރު ކެޕޭސިޓީ އާއި ރެޒިލިއަންސް އަދި ސްޕީޑާއެކު ކަށަވަރުވާނެ ކަމަށް އުރީދޫން ބުންޏެވެ.
މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް މިއަދު އިތާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމާއި އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ އާއި އިތާފުށީގެ ޖެނެރަލް މެނޭޖަރު ޓީޖޭ ޖައުލަކްގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އިބްރާހީމާއި މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހު އަދި އުރީދު އާއި އިތާފުށީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިދާޅުވީ މިދިޔަ 20 އަހަރު އުރީދޫއަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށެވެ. ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުކޮށް، ކުރިއެރުމަށް އާ މަގުތަކެއް ހުޅުވި، ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެހެން ބޭނުންތެރި ބަޔަކަށް އުރީދޫވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލެއް ރިސޯޓަކަށް ގުޅާލުމަކީ ޑިޖިޓަލް ޑިވައިޑް ނައްތާލައި މުސްތަގުބަލަށް ތައްޔާރުވެފައިވާ ކަނެކްޓިވިޓީއަކުން މުޖުތަމައުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގައި ހަގީގީ "ޑިޖިޓަލް މޯލްޑިވްސްއެއް" ތަރައްގީކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުރީދޫން ބުނީ ޑުއަލް ރިޑަންޑަންސީ އާއި ޑެޑިކޭޓެޑް ސަބްމެރިން ކޭބަލަކާއި ޕްރައިވެޓް 5ޖީ އަށް ތައްޔާރުވެފައިވާ އަދި އެޑްވާންސް ޓްރީ ޓަވަރެއް ހިމެނޭ ރާއްޖޭގެ ފުރަތަމަ ރިސޯޓެއްގެ ހައިސިއްޔަތުން މި ކާމިޔާބީގެ ސަބަބުން ހޮސްޕިޓާލިޓީ ދާއިރާގެ ތެރޭގައި އިނޮވޭޝަނަށް އާ މިންގަނޑެއް ކަނޑައެޅޭނެ ކަމަށެވެ. އަދި އޭއައި ޕަވާޑް ފީޗާތަކާއި ޕްރައިވެޓް 5ޖީ އިންފްރާސްޓްރަކްޗާއާ އެކު، އެ ރިސޯޓަށް ޒިޔާރަތްކުރާ މީހުންނަށް ނެކްސްޓް ޖެނެރޭޝަންގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ވެސް އުރީދޫން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ 2005 ވަނަ އަހަރު ރާއްޖެއަށް އުރީދޫ ތައާރަފުވި ފަހުން، ޑިޖިޓަލް ދަތުރަކުން އެއްވެސް މީހަކު ބާކީނުކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
"ކޮންމެ ކުރިއެރުމަކާއެކު، އެ މީހުން އަހަންމިއްޔަތުކަން ދެނީ އެކްސެސިބިލިޓީ އާއި އިންކްލޫޝަން އަށް. މި ސަބްމެރިން ކޭބަލް ލޭންޑިންއަކީ، ޓޫރިސްޓް ރިސޯޓެއްގައި މިފަދަ ފުރަތަމަ ފަހަރަށް ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވިފައިވާ، މުޅިން ގުޅިލާމެހިފައިވާ، މުސްތަގުބަލަށް ތައްޔާރުވެފައިވާ ރާއްޖެއަކާ ގާތްކޮށްދޭ އިތުރު ކާމިޔާބީއެއް،" ތޯރިގް ވިދާޅުވި އެވެ.
އިތާފުށީގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ އެ ރިސޯޓުގައި މި މުހިންމު ރަސްމިއްޔާތު ބޭއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި އެލިވޭޓެޑް ލަގްޒަރީ އަދި ޕާސަނަލައިޒްޑް ސާވިސް ރަމްޒުކޮށްދޭ މަންޒިލެއްގެ ހައިސިއްޔަތުން، މިއަދުގެ ދުނިޔޭގެ ދަތުރުވެރިންގެ އަބަދުވެސް ބަދަލުވަމުން އަންނަ ބޭނުންތައް ފުއްދުމުގައި ސީމްލެސް ކަނެކްޓިވިޓީގެ މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބޭޝް
03 August 2025
ސަބްމެރިން ކޭބަލް ތިހާ ކުޑަކޮމިއުނިޓީއަކައް ޢެޅުން އެއީ އިހުޒަމާނުގެ ކަމެއް.
raajje
03 August 2025
ބޭނުންކުރަމުންދާ ސާވިސްއަށް މައްސަލައެއްދިމާވާހިނދު އެކަންހައްލުކޮށްދިނުމުގައި ދިރާގުއުޅެނީ އުރީދޫއަށްވުރެން ހާސްބައިކުރީގަ، އުރީދޫއަށްބުނެލަންއޮތީ ހިދުމަތްތަކެއް ތައާރަފުކޮށް ދިނުމަކުންނުފުދޭޔޭ! އެޔަށްމައްސަލައެއްދިމާވީމާ އެކަށީގެންވާ ޓައިމްފުރޭމެއްގައި މައްސަލަހައްލުކޮށްނުދެވޭނަމަ އެއީކަސްޓަމަރުންނަށްބޮޑުތަކުލީފެއް، އުރީދޫގެ ހިދުމަތްތައްބޭނުންކުރުމުގައި އަޅުގަނޑުގެ އަމިއްލަތަޖުރިބާ ކިޔުންތެރިންނާ މިހިސްސާކުރީ، ރިކޮމެންޑުކުރަނީ ދިރާގު