05 އޯގަސްޓް 2025 - 12:53
ރާއްޖެއަށް ވޭޕް އެތެރެކޮށްގެން ކޮށްފައިވާ ޖޫރިމަނާ މިހާތަނަށް 400 މިލިއަން ރުފިޔާއަށް އަށް ވުރެ ގިނަ ކަމަށާއި އެކަކު 72 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ޖެހުނު ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު"ން ފޮނުވި ސުވާލުތަކަށް އެ އިދާރާއިން މިދިޔަ ހޮނިހިރު ދުވަހު ދިން ޖަވާބުގައި ބުނީ ވޭޕް އެތެރެކުރުން މަނާކުރި ދުވަހުން ފެށިގެން މިދިޔަ ޖޫން މަހުގެ 15 އާ ހަމައަށް 69 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ކުރި ޖޫރިމަނާގެ ޖުމްލަ އަދަދު 400،460،000ރ. އަށް އަރާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން މިދިޔަ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
އެ ގާނޫނަށް އޭރު ގެނައި ބަދަލުތަކުން، ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެ ކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
އޭގެ ތެރެއިން އެކަކު، އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވަނީ 72.1 މިލިއަން ރުފިޔާއިންނެވެ. ނަމަވެސް، އެއީ ކިހާ ވޭޕެއް އެތެރެކޮށްގެން ކަމެއް ސާފެއް ނުވެ އެވެ.
ވޭޕްގެ ޖޫރިމަނާ ބައި ބިލިއަނެއްހާ ރުފިޔާއަށް އެރިއަސް އެ ފައިސާ މީރާއަށް ދައްކަންޖެހޭތީ އޭގެ ތެރެއިން ދައުލަތަށް ލިބުނީ ކިހާ ވަރެއް އަދި ސާފެއް ނުވެ އެވެ.
ކަސްޓަމްސް އިން ވެސް ވަނީ ވޭޕްގެ ޖޫރިމަނާ ލިބޭނެ ކަމަށް ބުއްދި ގަބޫލުނުކުރެވޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މަޖިލީހުގެ ކޮމިޓީއެއްގައި ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓު އަހުމަދު ސިމާހު، މިދިޔަ މެއި މަހު ވިދާޅުވީ ވަގަށް ވޭޕް އެތެރެކުރުމުން ޖޫރިމަނާކުރިއަސް އެ ފައިސާ ހޯދުމާ މެދު އިތުރަށް ވިސްނާލަންޖެހޭ ކަމަށެވެ.
"މި ވަގުތު ފާހަގަކުރެވިފައި ހުރި ކޭސްތަކުގައި އެބަހުރި އިންޑިވިޖުއަލް، އަމިއްލަ ފަރުދުން 48 މިލިއަނުން، 40 މިލިއަނުން ޖޫރިމަނާ ކުރެވިފައި، މި [ޖޫރިމަނާ] ކުރަންޖެހޭ ގާނޫނާ އެއްގޮތަށް. އެހެން ނަމަވެސް އެ ފައިސާ ހޯދުމަކީ އަޅުގަނޑުމެންގެ ބުއްދި ގަބޫލު ނުކުރޭ އަމިއްލަ ފަރުދެއް ބޭރުން އަންނައިރު މި ގެންނަ ޕެކޭޖެއްގެ ތެރެއިން މި ހުންނަނީ އެ ފްލޭވާ، އާލަތްތައް އެއްކުރީމަ ކޮންމެ އެއްޗެއް ވަކިން 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް،" ސިމާހު ވިދާޅުވި އެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރަން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ވިޔަފާރި ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްޑޫ ބެއްޔާ
07 August 2025
ޖޫރީމައިނާ ކުރިވާހަކަ ބުނެލީމަ ވީދޯ؟ އޭގެންއެއްމެ ފައިސާފޮއްޗެއް ދައުލަތަށް ނުވަނަސް އޯކޭ؟
އަންދަލޫސިޔާ
06 August 2025
400 މިލިޔަން ޖޫރިމަނާ. ލިބުނީ ކިހާވަރެެއްތޯ؟ ލޯކަލް ކައުންސިލް އިންތިޚާބަށް ބާކީ މާފް. ތިޔަ ޑްރާމާ އެނގޭ!
އިސްމާލި
06 August 2025
ކެކެކެ..މި ވެސް މަޖިލީހުގައި ތިއްބެވި އިއްޒަތްތެރި މޮޅި ކަމުއޮށިގެންވާ މެންބަރުންގެ މުއްސަނދި ސިކުނިޑިފުޅުތަކުން ދިޔަ ފެލުއްވައިގެން ނެރެފައި އޮތް ދުނިޔޭގެ ފެންވަރުގެ ގާނޫނީ ބަދަލެއް ކަމަށް ވަނީ. މިއީ ދިވެހިއް އަތް ޖަހައި ކޮނޑުހުޅުން ނައްޓާލާ ވަރުގެ މޮޅު ކަމެއް.
އާދަންބެ
06 August 2025
މަޖިލިހުގެ ވޯޓް ވިއްކާލާ، ޕާޓީ މީހާ ވެރިކަމަށް ގެންނަ ވިސްނުން ހުރި ދިވެހިންނަށް އޭގެ ހިތިރަހަ މިލަނީ. ފެންވަރެއް ނެތް، ބޮލޮގައި ތެތްކަމެއްނެތް، ހިތުގައި އިހުލާސްތެރިކަމެއް ނެތް މީހުން ވެރިންނަށް ލީމާ މިހެންވާނެ. ބަލާބަލަ އެހެރަ ޖޫރިމަނާގެ އަދަދުތައް، ގުރޭޑް 1 ގައި އުޅޭ ކުއްޖަކުވެސް ތިއަށްވުރެ ހަމަޖެހޭނެ. ވޭޕަކަށް 10 ހާސް، މީ އަޅެ ޖެއްސުމެއްތަ ނޫނީ އިންސާފުތަ؟
ސޮބީހާ
05 August 2025
ޑިމޮކްރަސީ ފައްކާވެ ދޮންވެފަ ހުރި ތަހުޒީބު ގައުމުތަކުގަވެސް ދަައުލަތައްދައްކަންޖެހޭ ފައިސާ ނުދައްކާ އުޅޭ މީހުނަށް ނިޒާމުގެ ތެރެއިން ވަރަށްއުނދަގޫތައް ކުރިމަތިކޮށްފަ އޮންނަނީ، އެ މަގުން އެކަންކުރަންކެރޭ ވެެރިއެއް މިގައުމަށް ބޭނުންވަނީ،
ކޮރަލް
05 August 2025
މަގުމަތީގަ ހުރި 10×10 ފޫޓް ގެ ސިނގިރޭޓް ފެކްޓަރީ ތަކަށް ގޮތެއް ހަދާލަ ދީބަލާށެވެ. މަގުމަތީ ކުދި ކެފޭތައް ކައިރިން ސިނގިރޭޓް ބަޓް ތައް ގުނާލާ އިރު 100 އިން މަތީގަ އެވެ. ކެފޭ ހޮޓާ ފިހާރަ ފަދަ ތަންތަނުގަ ބިދޭސީން ވަކީން ސިނގިރޭޓް ވިއްކަ ނީ އެވެ. ސިނގިރޭޓް ގަނެގެން ޕޭމަންޓް މަތީ ސިނގިރޭޓް ބޮނީ އެވެ. ހިނގާ މީހުންގެ މޫނަށް ދުން ބުރުވާ ލަނީ އެވެ. ފުލުހުން އެދަނީ އެތަން ބަލަމުންނެވެ. ނޫނީ އެތާ އެހުންނަނީ ބަލާށެވެ. އަޅަ އެއް ނުލަ އެވެ.
ސުންދުސް
06 August 2025
ފުލުސް މީހާ ވެސް ހުންނާނީ ފެގެއް ޖަހާލައިގެން!
ނަފާ
05 August 2025
ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން، ކަސްޓަމްސްއަކީ ގައުމުގެ އާމްދަނީއަށް ވަރަށް ބޮޑު އިސްކަމެއް ދޭއްޖެހޭ މުއައްސަސާއެކެވެ. ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާ، ޚާއްސަކޮށް ޖުރިމަނާގެ ގޮތުގައި ނަގާ ފައިސާ ނުލިބިގެންދާ މައްސަލައަކީ، ބަލައިގަނެވޭނެ އަދި އެކަން ދޫކޮށްލެވޭނެ ކަމެއްނޫން. މިފަދަ ކަމެއް ހިނގައިފިނަމަ، އެކަމުގެ ސީދާ ޒިންމާ، އެންމެ ތިރީ ފަންތީގެ މުވައްޒަފުންނާ ހަމައިން ފެށިގެން ކަސްޓަމްސްގެ އެންމެ އިސްވެރިޔާއާ ހަމައަށްވެސް ނަގަންޖެހޭނެއެވެ.
ނަފާ
05 August 2025
ކަސްޓަމްސްގެ އިސްވެރިޔާއިންނަކީ، މުއައްސަސާގެ ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ ޒިންމާދާރު ބަޔެކެވެ. ޖުރިމަނާ ފައިސާގެ މައްސަލަ ފެންމަތިވެފައިވާއިރު، އެ ފައިސާ ނުލިބެން މެދުވެރިވާ ސަބަބުތައް ދެނެގަނެ، އެކަން ހައްލުކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަކީ އިސްވެރިޔާއިންނަށް ލާޒިމުކަމެކެވެ. މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުދީ، އާންމުކޮށް ހަދަންޖެހޭ އޮޑިޓްތައް ހަދާ އެތެރޭގެ ކޮންޓްރޯލް ރަގަޅު ކުރާށެވެ
ވޭޕްމޭން
05 August 2025
ވޭޕް އެތެރެކޮށް ވިއްކާ މީހުންނަށް މަރުގެ އަދަބު ދޭން މަޖިލިސްއިން ފާސްކުރަން ފެނޭ.
ނަފާ
05 August 2025
ޒިންމާދާރުކަން ކުޑަވުމަކީ، ހީނުކުރާ މައްސަލަތައް މެދުވެރިވެދާނެ ކަމެކެވެ. އެހެންކަމުން، ޖުރިމަނާ ފައިސާ ނުލިބޭ ކަމަށް ބުނާ ބުނުމަކީ، ކަސްޓަމްސްގެ އެންމެ އިސްވެރިޔާއިން ފެށިގެންވެސް މިކަމުގެ ޒިންމާ ނަގައި، މި މައްސަލަ ހައްލުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމެކެވެ. މިއީ ގައުމުގެ މާލިއްޔަތު ހިފެހެއްޓުމަށްޓަކައިވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ.
އަހުމަދުބޭ
05 August 2025
މިއީ އަހަރުމެން މިދައްކާ ވާހަކައަކީ؟ މިޖޫރިމަނާއާއި ތިމާވެށި ރައްކާ ކުރާށޭ ކިޔައިގެން މިކުރާ ޖޫރިމަނާއަކާ މިހާރު ތަފާތެއްނެތެއްނު؟ ނަމެއްގައި ކުރެވޭ ޖޫރިމަނާއަކަށްނު މިވަނީ، މޮޅުކަމެއްކޮއްލައިނަމޭ ހިތާ ވޭޕް މަނާކޮއް ޖޫރިމަނާ އަތްނުފޯރާފަށް މިގެންދިޔައީ؟ ކަންކަން ކުރާއިރު ވިސްނާ ފިކުރުކޮއް ދެމެހެއްޓެނިވިގޮތުގައި ކުރަން ނޭގެންޏާ ނުކޮއްތިބެބަލަ