ރާއްޖެ އަށް ވޭޕް އެތެރެކޮށްގެން ކުރި ޖޫރިމަނާގެ އަދަދު 723 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އެރިއަސް އޭގެ ތެރެއިން ދައުލަތަށް މިހާތަނަށް ލިބުނީ 850،000ރ. ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" ން ހުށަހެޅި ސުވާލުތަކަށް އެ އިދާރާ އިން އިއްޔެ ދިން ޖަވާބުގައި ބުނީ، ވޭޕް މަނާވި ތާރީހުން ފެށިގެން، އެ ތަކެތި އެތެރެކޮށްގެން މިދިޔަ ޖުލައި މަހުގެ ނިޔަލަށް 232 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ޖޫރިމަނާގެ އަދަދު ވަނީ 732،520،000،00ރ. އަށް އަރައިފަ އެވެ.

އެ މައުލޫމާތުތަކުން އެނގޭ ގޮތުން، މިހާތަނަށް އެންމެ ބޮޑު ޖޫރިމަނާއެއް ކޮށްފައިވަނީ 15،601 ވޭޕް އެތެރެކުރި މީހަކު، 156،060،000،00ރ. އިންނެވެ. 

ނަމަވެސް، ކަސްޓަމްސް އިން ބުނީ ވޭޕް ޖޫރިމަނާގެ ތެރެއިން ދައުލަތަށް ލިބިފައިވަނީ 850،000ރ. ކަމަށެވެ. އެނގިފައިވާ ގޮތުގައި ވޭޕް ޖޫރިމަނާގެ މައްސަލަތަކެއް ކޯޓަށް ވެސް ހުށަހަޅާފައިވެ އެވެ.

މިހާތަނަށް އެންމެ ގިނައިން ވޭޕް އަތުލައިގެންފައިވަނީ މެލޭޝިއާ އިން ރާއްޖެ އައި މީހުންގެ އަތުންނެވެ. 

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން ނޮވެމްބަރު 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އެ ގާނޫނާ ހިލާފަށް ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.