ރާއްޖެއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް ކަސްޓަމުން އަތުލައިގެންފި އެވެ.
ކަސްޓަމްސުން ބުނީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1،940 ވޭޕް ކާޓްރިޖް މާލެ ކޮމާޝަލް ބަނދަރުން އިއްޔެ އަތުލައިގެންފައިވާ ކަމަށެވެ.
އެ މައްސަލަ ކަސްޓަމްސްއިން ތަހުގީގުކުރަމުންދާއިރު ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
އެ ރޭޓުން، ވޭޕްގެ އެންމެ ބޮޑު ޝިޕްމަންޓު ގެނައި "ސެރެނިޓީ ބްލޫ" ނަމަކަށް ކިޔާ ކުންފުންޏަކަށް 108،000،000ރ. ގެ ޖޫރިމަނާއެއް ވަނީ ކޮށްފަ އެވެ. އެހެންވެ، މިހާތަނަށް ކުރި ވޭޕްގެ ޖޫރިމަނާ 659،010،000ރ. އަށް އަރާނެ އެވެ.
ދެ ވަނައަށް އެންމެ ބޮޑު ޖޫރިމަނާއެއް ކޮށްފައިވަނީ 7،210 ވޭޕް ގެނައި މައްސަލައިގައި ހިމެނޭ މީހެކެވެ. އޭނާ ޖޫރިމަނާކޮށްފައިވަނީ 72.1 މިލިއަން ރުފިޔާއިންނެވެ.
ކަސްޓަމްސް އިން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު 31 ގެ ނިޔަލަށް 169 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ. އަދި އެ މުއްދަތުގައި ކުރި ޖޫރިމަނާގެ އަދަދު 551،010،000ރ. އަށް އަރާފައިވާ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރަން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ވިޔަފާރި ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ.