ރާއްޖެ އެތެރެކުރަން އުޅެނިކޮށް އިތުރު 6،300 އަށް ވުރެ ވޭޕް ކާޓްރިޖު އިއްޔެ އަތުލައިގަނެ، މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަތުލައިގަތް އެއްޗެހީގެ އަދަދު 23،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި، ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން މާލޭ ކޮމާޝަލް ހާބަރުގައި އިއްޔެ ވެސް ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގައި، "ޖެނެރަލް ކާގޯ"ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރި އިރު، އޭގެ ތެރޭގައި ފޮރުވާފައި ހުރި 6،328 ވޭޕް ކާޓްރިޖު ފެނިފައިވާ ކަމަށާއި އެ އިދާރާގެ ބެލުމުގެ ދަށަށް މިހާރު އެ ތަކެތި ގެންގޮސްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ނަމަވެސް، އެއީ ކޮން ގައުމަކުން ގެނައި، ކޮން ބަޔަކު އެތެރެކުރަން އުޅުނު ތަކެއްޗެއް ކަމެއް ކަސްޓަމްސް އިން ބުނެފައެއް ނުވެ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފުސީލެއް ވެސް އަދި ނުދެ އެވެ.
މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖާއި ޑިވައިސްތައް ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ.
ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި، ޕޮޓޭޓޯ ޗިޕްސް ދަޅާއި ޗޮކްލެޓް ޕައުޑާ ޕެކެޓުތަކެއްގައި ފޮރުވާފައި ހުރި 1،108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ އަތުލައިގެންފަ އެވެ.
ކަސްޓަމްސް އިން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނުގައި 5،600 އަދި މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި 15،600 ވޭޕް ކާޓްރިޖު، އެކި މުދާ ޝިޕްމަންޓުތައް ފާސްކޮށް އަތުލައިގެންފައިވެ އެވެ.
އެއާ އެކު، މިދިޔަ ހަފުތާއެއްހާ ދުވަހު އަތުލައިގަތް ވޭޕް ކާޓްރިޖުގެ އަދަދު ވަނީ ޖުމްލަ 23،008 އަށް އަރައިފަ އެވެ. އެ ތަކެތީގެ ޖޫރިމަނާގެ އަދަދު 230 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން މަނާކުރީ ޑިސެމްބަރު 15، 2024 ގަ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ކަނޑައެޅި އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން، ގަވާއިދާ ހިލާފަށް ރާއްޖެއަށް ވޭޕް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވެ އެވެ.
ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.