ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގެ ތެރެއިން އިއްޔެ ވެސް 15،600 ވޭޕް ކާޓްރިޖް އަތުލައިގެންފި އެވެ.

ކަސްޓްމަސް އިން ބުނި ގޮތުގައި މިއީ ނޮވެމްބަރު 15، 2024 ގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމި ފަހުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައިވާ މީގެ އެންމެ ބޮޑު ޝިޕްމަންޓެވެ.

މި ތަކެތި ފެނުނީ ރާއްޖެ ގެނައި ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފް ތަކެތި ހުރެދާނެކަމަށް ބެލެވިގެން އިއްޔެ، ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ. 

ކަސްޓަމްސްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި ޝިޕްމަންޓް ރާއްޖެއަށް އެތެރެކޮށްފައިވަނީ ހުސައިން ފަޔާޒް ކިޔާ މީހެއްގެ ނަމުގައި ކަމަށެވެ. އެއަށްވުރެ އިތުރު ތަފްސީލެއް އަދި ނުދެ އެވެ. 

އެ އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ"ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.

ކަސްޓަމުން އިއްޔެ އަތުލައިގެން ވޭޕް ކާޓްރިޖްތައް-- ފޮޓޯ : ކަސްޓަމްސް
ކަސްޓަމުން އިއްޔެ އަތުލައިގެން ވޭޕް ކާޓްރިޖްތައް-- ފޮޓޯ : ކަސްޓަމްސް

ކަސްޓަމްސް އިން ބުނީ އެ ޝިޕްމަންޓުގައި 15،601 ވޭޕް ކާޓްރިޖް ހުރި ކަމަށެވެ.

މިދިޔަ ފަސް ދުވަހުގެ ކަސްޓަސްގެ ތިން އޮޕަރޭޝަނެއްގައި މިހާތަނަށް  22،309 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށް އެތަނުން ބުންޏެވެ. އެއީ މިދިޔަ ބުދަ ދުވަހު އަތުލައިގެން 5،600 ވޭޕް ކާޓްރިޖާއި މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޕޮޓޭޓޯ ޗިޕްސް ދަޅުތަކަކާއި ޗޮކްލެޓް ޕައުޑާ ޕެކެޓުތަކެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގެން 1،108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް އެވެ.

ކަސްޓަސްމް އިން އިއްޔެ އަތުލައިގެން ވޭޕް ކާޓްރިޖްތަކެއް. -- ފޮޓޯ : ކަސްޓަމްސް
ކަސްޓަސްމް އިން އިއްޔެ އަތުލައިގެން ވޭޕް ކާޓްރިޖްތަކެއް. -- ފޮޓޯ : ކަސްޓަމްސް

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން މަނާކުރީ ޑިސެމްބަރު 15، 2024 ގަ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ކަނޑައެޅި އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން، ގަވާއިދާ ހިލާފަށް ރާއްޖެއަށް ވޭޕް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވެ އެވެ.