ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކޮށް އަދި ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް، އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ 34 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ، ޗައިއޮން ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވާގެ އިތުރުން ޑިސްޕޯސަބަލް 11 ސްޓިކް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރަން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ވިޔަފާރި ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.