މެންބަރު މީކާއިލް މަޖިލީހުން ނެރެނީ
13 އޯގަސްޓް 2025 - 10:02
ރައްޔިތުންގެ މަޖިލީހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ދެއްވި ޖަވާބާ މެދު ހިތްހަމަނުޖެހި އަޑުގަދަ ކުރެއްވުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.
މިނިސްޓަރު ހަލީލު މިއަދު މަޖިލީހަށް ހާޒިރުކުރީ މީކާއިލް ކުރެއްވި ސުވާލާ ގުޅިގެންނެވެ. މެންބަރު ސުވާލު ކުރެއްވީ ފައިނޭންޝަލް ސެންޓަރަށް އިންވެސްޓްކުރުމަށް ރާއްޖެ ވަޑައިގެންނެވި ސައުދީ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ފަހަދް ސައުދު އަލްޝަލަންއާ ގުޅޭ ގޮތުންނެވެ.
އެއީ "ހިޒް ރޯޔަލް ހައިނަސް ޕްރިންސް"އެއް ކަމަށް ރައީސް އޮފީހުން ބުނީ އޮޅިގެންތޯ މީކާއިލް އެއްސެވި އެވެ. އަދި ފަހަދް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ކަމުގެ ހަބަރު ރައީސް އޮފީހުގެ ސައިޓުން ޑިލީޓްކުރީ ކީއްވެގެންތޯ އާއި އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވޭތޯ ވެސް މެންބަރު ސުވާލުކުރެއްވި އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ ފަހަދް ސައުދު އަލްޝަލަންއަކީ ސައުދީ ޝާހީ އާއިލާގެ އަންހެން ބޭފުޅެއްގެ ދަރިކަލުން ކަމަށެވެ. ނަމަވެސް، ސައުދި އަރަބިއްޔާގައި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް" މި ލަގަބު ބޭނުން ކުރަނީ ވެރިކަން ވާރުތަވާ ފިރިހެނުންގެ ދަރިކޮޅުގެ ބޭފުޅުންނަށެވެ.
އެ ލަގަބު އެގޮތަށް ރައީސް އޮފީހުން އޭނާއާ ނިސްބަތްކޮށް ބޭނުންކުރެއްވި ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެހެންވެ، މީކާއިލް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ސުވާލަށް ޖަވާބު ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވީ ސުވާލަށް ޖަވާބު ލިބިފައިވާ ކަމަށެވެ.
އެކަމާ ނުރުހުން ފާޅުކޮށް، މީކާއިލް ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރައްވައިފަ އެވެ. އެހެންވެ، މަޖިލީހުގެ ނިޒާމް ނަގާލަނީ ކަމަށް ކަނޑައަޅައި، އޭނާގެ ނަން މަޖިލީހުގެ ރައީސް އިއްވެވި އެވެ. އެ ނިންމުމާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ އެހެން މެންބަރުން ވެސް އިހުތިޖާޖު ކުރެއްވި އެވެ. ނަމަވެސް، ފަހުން މީކާއިލް ވަނީ މަޖިލިސް ތަޅުން ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ.
މީކާއިލްގެ ނަން އިއްވައި ނެރުނު ފަހުން ނިޒާމީ ނުކުތާއެއްގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަނެއްކާވެސް ވަނީ ފަހަދް އާއި ރައީސް ބައްދަލުކުރެއްވި ހަބަރު ރައީސް އޮފީހުގެ ވެބްސައިޓުން ނެގި ސަބަބާ ގުޅޭ ގޮތުން ސުވާލުކުރައްވައިފަ އެވެ. ޖަވާބުގައި މިނިސްޓަރު ހަލީލް ވިދާޅުވީ ރައީސް އޮފީހުން ހަބަރު ނެގުމަކީ އޭނާގެ ދާއިރާގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެހެންވެ އެކަމާ ގުޅޭ ގޮތުން ޖަވާބެއް ދެއްވެން ނެތް ކަމަށެވެ.
މިއަދު މަޖިލީހުގައި މިނިސްޓަރު ހަލީލު ވިދާޅުވީ ސައުދި އަރަބިއްޔާ އާއި ރާއްޖޭގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް އައިސްފައިނުވާ ކަމަށާއި ގުޅުން އިތުރަށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި ރާއްޖެ ވަޑައިގަންނަވާ އެކި ގައުމުތަކުގެ އިންވެސްޓަރުންގެ އަގު ވެއްޓޭ ގޮތަށް ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަމަލު ނުކުރެއްވުމަށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބުރޯ
13 August 2025
އެމީހަކު ބޭނުން ގޮތަކަށް އުޅެވޭނީ އަމިއްލަގޭތެރޭގަ. ސަކަރާތްޖަހަން ބޮޑާހާކަން ވަގުތު ބޭކާރު ކުރަން ސަރުކާރާއި ރައްޔިތުންގެ އޮފީސްތަކަށް ނުވަދޭ.
އިންވެސްޓަރު
13 August 2025
މިރާޢްޖެއަށް އަންނަ އިންވެސްޓަރުންގެ އިތުބާރު ގެއްލޭފަދަ ގޮތަކަށް އެބޭފުޅުންގެ ޚަބަރުތައް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢު ކޮށްފައި ފަހުން ޚަބަރު ނެގުމަކީ ކުރެވިގެންވާނެ ކަމެއް ކަމަށް ޤަބޫލެއް ނުކުރެވޭ. ރައީސް އޮފީހުގެ މުވައްޒަފުންނަށް ފިޔަވަޅު އަޅަންޖެހޭ. އިންވެސްޓަރުންގެ އިތުބާރު ގެއްލޭ ގޮތަށް ޒިންމާދާރު މަޤާާމުތަކުގައި ތިއްބަވާ ބޭފުޅުން އަމަލުކޮށްގެން ނުވާނެ. މިނިސްޓަރު ވިދާޅުވީ ރަގަޅަށް
ސދޗވަސދވ
13 August 2025
ހުޅުމާލެއިން ގޯތި ބެހީ ކޮން އުސޫލަކުން ބަލާބަލަ؟
ސާހުނާޒު
13 August 2025
މަޖިލީސް މެމްބަން ނަމޫނާ ދައްކަން ޖެހޭ ތިމާ ބޭނުންވާހާ ކަމެއް ނުވާއިރަށް ބޮޑާ ހާކާ މުޒާހަރާކޮށް ތަނުގެ މަސްލަހަތު ނަގާލާކަށް ނުޖެހޭ، އިއްޒަތް އޮތީ މަޖިލިސް މެމްބަރުން އެންޏަކަށް ނޫން
ޖަގޭ
13 August 2025
އެމެންބަރު ކުރި ސުވާލަކީ އޭނާގެ އަމިއްލަ ހައިސިއްޔަތެއް އޮތް ކަމެއްނޫން އެއީ މުޅި ދިވެހިރާއްޖޭގެ މަސްލަހަތު އޮތް ކަމެއް، އެކަމަކީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ގައުމެއްގެ ރައީސެއް ސްކޭމެއްގައި ޖެހުނުފަހަރު ކަމަށްވުން ...
ސައިބޯނި
13 August 2025
ބޭކާރު ކަންކަމުން ދުރުވެ ރައްޔިތުންނަށް ފައިދާހުރި ބިނާކުރަނިވި ކަންކަމުގަ ކުރިންވެސް އުޅުއްވި ގޮތަށް އުޅުއްވުމަށް މެންބަރަށް އިލްތިމާސް ކުރަން,
ޑރ ވާންޗޯ
13 August 2025
ތިޔަނޫނިއްޔާ ނޯންނާނެ އެންމެ އަޑުގަދަ، އެންމެގިނައިން ފައިސާބަހައިގެން، އަލިފާނެއް ފެނެއް ވަކިނުވިޔަސް އައިޑީކާޑު އެކަނި އޮވެގެން ވަދެވޭ ބޮޑުމުސާރަލިބޭ ތަނެއް. ދެންކޮން އިލްމަކާ ހިލްމެއް، ޑިސިޕްލިންއެއް ހުންނާނީ.!!!!
ނިކަމެތި ރައްޔިތު
13 August 2025
މަޖިލީހުގެ މެންބަރުންކަން ރައްޔިތުން ހަވާލިކުރާ މީހަކީ ވަކި ކުލައެއްގެ، ނުވަތަ އެންމެ މޮޅަށް ލާރިބަހާ، ނުވަތަ އެންމެ އަނގަހުތުރު، ނުވަރަ އެންމެ އާއިލީ މީހާއަށް ވީމާ އެތަނުގައި ތިބޭނީ ހުސް މިކަހަލަ މީހުން. ކަމެއް ކުރެވޭކަހަމަ ބޮލެއް ހުރިމީހަކު ކުތިމައްޗެއް ނުލާނެ.
އެކޮއި
13 August 2025
''އެހެންވެ، މީކާއިލް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ސުވާލަށް ޖަވާބު ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވީ ސުވާލަށް ޖަވާބު ލިބިފައިވާ ކަމަށެވެ.'' އެފަތެއްގައި ހުރި ދިޔައެއް އެފަތަކުން ނެރެވޭނީ. އެމީހެއްގެ ކިބައިގައި ޢިލްމާއި ޙިލްމުހުރި މިންވަރަކުން އެކަން ފެނިގެންދާނީ. ތިމާއާ ނުބައްދަލު މަޤާމުތަކާ ޙަވާލުވެ ތިބުމަކީ ފަހުޒަމާނުގެ ޢަލާމާތޭ ކިޔާތީ އިވޭ. މީ ވަރަށް ވާހަކަ
އަހުމަދުބޭ
13 August 2025
ކަންވެ އޮތީ ނިމިފައި މިކައިލްމެން ހީކުރަނީ ތިހެން މަޖްލީހުގައި ހަޅެއްލަވައިގެން އެކަން ނުވާ ކަމަކަށް ހެދިދާނެކަމަށްތޯ، ތިޔަމަޅީގައި ސަރުކާރު އޮތީޖެހިފައި ޚަލީލުމެން އެތިބީ ލަދުން ދެން އަނެއްކާ ތިޔަތަނަށް ގެންގޮސްގެން ކޮންސަކަރާތެއް ޖަހަންތޯ،
ޑްރާމާާ
13 August 2025
މަތީގައި ހުންނެވި ދުވަހެއް ކަންނޭނގެ! އެހެންނޫނީ ހަމަ ކުޅެލި ޑްރާމާއެއް! އެހެންޏާ ދެން "ޢިއްޒަތްތެރި" މެމްބަރުން ކުޑަކުދިން އުޅޭ ފާޑަށް އުޅޭކަށް ނުޖެހޭ ދޯ