މާލޭ ސިޓީކައުންސިލްގެ 14 ބިމެއް މާލޭ ސިޓީކައުންސިލުން ވަކިކޮށް، ސަރުކާރުގެ މިލްކިއްޔާތުގެ ގޮތުގައި ނިންމި ނިންމުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބަލަން ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

އެ ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 63 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓުދެއްވީ ގަރާރު ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ގަރާރާ އެއްކޮޅަށް ވޯޓުދެއްވީ 11 މެންބަރުންނެވެ.

މީކާއީލް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ކައުންސިލްގެ އިހުތިސާސް ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ކައުންސިލްތަކުގެ ބިންތައް ނެގޭނީ ކައުންސިލްތަކާ މަޝްވަރާކޮށްގެން ކަމަށެވެ. އެ އުސޫލުން މަޝްރޫއަކަށް ބިމެއް ނަގާ ނަމަ އެ ބިމެއްގައި ހިންގާ މަޝްރޫއުގެ މައުލޫމާތު އާއްމުކުރަން ޖެހޭނެ ކަަން ވެސް ގަރާރުގައި މީކާއީލް ފާހަގަކުރެއްވި އެވެ.

ގާނޫނުގައި އެހެން އެކަން އޮތް އިރު މާލޭ ސިޓީކައުންސިލްގެ ބިންތައް ނެގީ އެއިން އެއްވެސް ކަމެއް ސަރުކާރުން ކޮށްފައި ނުވާ ކަމަށް ވެސް ގަރާރުގައި މީކާއީލް ވިދާޅުވި އެވެ. 

"މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ޕާކިން އިމާރާތްތަކާއި ހިތްފަސޭހަ މައިޒާންތަކާއި ހުސްޖާގަތައް ތަރައްގީކުރުން ފަދަ ރައްޔިތުންނަށް ނުހަނު މަންފާކުރާނެ މުހިންމު ޕްލޭންތަކާއި ތަރައްގީގެ މަޝްރޫއުތައް ކައުންސިލުން އެކުލަވާލަމުންދާ ދަނޑިވަޅެއްގައި، މިފަދަ ނިންމުމެއް ނިންމުމަކީ ކައުންސިލަށާއި މާލޭގެ ލޮބުވެތި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެގެންދާނެ [ކަމެކެވެ]،" ގަރާރުގައި މީކާއީލް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނަގަން ނިންމައި އެކަން ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގާފައިވާތީ އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެ މައްސަލަ މާލެ ސިޓީ ކައުންސިލުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. 

ހައުސިން މިނިސްޓްރީން އެ ބިންތައް ނަގަން ނިންމުމަށްފަހު ބުނީ އެއީ މާލެ އާއި ވިލިމާލޭގެ އާބާދީ އަށް ބޭނުންވާ ތަރައްގީގެ މަސައްކަތްކުރުމަށާއި އިންފްރާސްޓްރަކްޗާގެ ހިދުމަތް ދިނުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.