ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަނުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށް ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ވިދާޅުވި މައްސަލާގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށް މަސްއޫދު ދެއްވި އިންޓަވިއުއެއްގައި ވަނީ ވިސާގެ ދަތިކަމުގެ ޝަކުވާ ވަރަށް ގިނައިން މިހާރު ލިބޭ ކަމަށާއި އަދި ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަނުން ވަރަށް އިހާނެތިކޮށް ކަންތައްކުރާ ކަމަށް ވިދާޅުވެ، ފާޑު ވިދާޅުވެފައިވެ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް މަޖިލީހަށް އެ މައްސަލަ ހުށަހެޅީ އެ އިންޓަވިއުގައި، ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތައް ބަދަލު ގެންނާނެކަމުގެ އިންޒާރު ދެއްވާފައިވާތީ ޑިޕްލޮމެސީ އާއި ބައިލެޓަރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް، ފާޅުގައި އަވަށްޓެރި ގައުމަކާއި ޖެހިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު ކުރެއްވުމަށެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދާއި އެ ގައުމުގެ އިދިކޮޅު އެއް ލީޑަރު ނަމަލް ބައްދަލުކުރައްވަނީ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދާއި އެ ގައުމުގެ އިދިކޮޅު އެއް ލީޑަރު ނަމަލް ބައްދަލުކުރައްވަނީ.

މަސްއޫދު ވިދާޅުވެފައި ވަނީ ލަންކާގެ އިމިގްރޭޝަންގެ ދިގު ކިއުގައި ދިވެހިން ހެނދުނު 9:00 އިން ހަވީރު 5:00 ތިބޭއިރު ވެސް ވަކި ބަޔަކަށް އިސްކަންދީގެން ވިސާ ދޫކުރުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ވިސާގެ ކަންކަން ފަސޭހައިން މިހާރު ކުރެވެނީ އޭޖެންޓެއް މެދުވެރިކޮށް ކަމަށާއި ދިވެއްސަކު އަމިއްލައަށް ވިސާ އަށް އެޕްލައިކޮށްފިނަމަ ވިސާ ލިބުމުގައި ދިގު މުއްދަތެއް ހޭދަވެ، އުނދަގޫތައް ކުރިމަތިލާން ޖެހޭ ކަމަށެވެ. އެކަން އެގޮތަށް ކުރަނީ އޭޖެންޓުން ފަރާތުން އިމިގްރޭޝަން އޮފިޝަލުންނަށް މާލީ ފައިދާތަކެއް ކުރާތީ ކަމަށް މަސްއޫދު ތުހުމަތު ކުރެއްވި އެވެ. 

މަސްއޫދު ވިދާޅުވީ ތައުލީމު ހާސިލް ކުރުމަށާއި ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން ކުރިން އެންމެ ގިނައިން ދަތުރުކުރީ ލަންކާ އަށް ކަމަށް ވިޔަސް، މިފަދަ މައްސަލަތަކުގެ ސަބަބުން ދިވެހިން ލަންކާ ދާ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ލަންކާގެ އިމިގްރޭޝަންގެ އޮފީސް ތެރޭގައި ދިވެހިންނާ ދިމާލަށް އޮފިޝަލުން ހަޅޭއްލަވައި، ހަޑިހުތުރު ބަހުން މުއާމަލާތްކުރާ ކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްއޫދު ވިދާޅުވީ އެ މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ، ރާއްޖޭގެ އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ 30،000 އަށް ވުރެ ގިނަ ލަންކާގެ މީހުންނަށް ރާއްޖެއިން ވިސާ ދޭ އުސޫލު ބަދަލުކުރަން ދިވެހި ސަރުކާރަށް މަޖުބޫރުވެދާނެ ކަމަށެވެ.