އެކި ބޭނުންތަކަށް ސްރީ ލަންކާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތައް ކުރިމަތިވެ، އާންމުންގެ ކަންބޮޑުވުންތައް ގިނަވެއްޖެ އެވެ.
ލަންކާގައި ދިރިއުޅޭ ބައެއް މީހުން ބުނީ ދިވެހިންނަށް މަލްޓިޕުލް އެންޓްރީގެ "ބެލެންސް-ބޭސްޑް" މުއްދަތުތަކެއްގެ ގޮތުގައި ލަންކާ އިން ވިސާ ދޫކުރަމުންދާ ކަމަށެވެ. އެއްފަހަރާ ދިގު މުއްދަތެއް ނުވަތަ 90 ދުވަހުގެ ވިސާއެއް ލިބުނު ނަމަވެސް، ފުރަތަމަ ދަތުރުގައި ބޭނުންކުރެވެނީ އެ މުއްދަތުގެ ބައެއް ކަމަށާއި ބާކީ މުއްދަތު ދެން ކުރާ ދަތުރަކަށް ޓްރާންސްފާވާ ގޮތަށް ދޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
ލަންކާ އަށް ދާ ދިވެހިންނަށް 90 ދުވަހު ހިލޭ ޓޫރިސްޓު ވިސާއެއް އޮން-އެރައިވަލްގައި މިހާރު ދެ އެވެ.
ބައެއް މީހުން ބުނީ ދަރިވަރުންގެ ވިސާ އެޕްލިކޭޝަނާއި މެޑިކަލް ވިސާގެ މުއްދަތު އިތުރުކުރުން/އާކުރުން އަދި އެ ކަންކަމާ ގުޅުން ހުރި އިދާރީ ހުރިހާ ކަމެއްގައި ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ. ލަންކާގެ އިމިގްރޭޝަންގެ ކައުންޓަރުތަކުގައި ތިބޭ މުވައްޒަފުން ވަރަށް ބޮޑަށް ރުޅި އައިސް، ހިތްހަމަނުޖެހި ތިބެ، ވަރަށް ނޭދެވޭ އިބާރާތްތަކުން ދިވެހިންނާ މުއާމަލާތްކުރާ ކަމަށް ވެސް ބުންޏެވެ.
ލަންކާގައި ދިރިއުޅޭ ބައެއް މީހުން ތުހުމަތުކުރި ގޮތުގައި، ވިސާގެ ކަންކަން މިހާރު ފަސޭހަ ވަނީ އޭޖެންޓެއް މެދުވެރިކޮށް ތިންވަނަ ފަރާތަކަަށް ގާތްގަނޑަކަށް 150-200 ޑޮލަރު ދީގެންނެވެ.
- ވިސާ ހޯދުމުގައި އެންމެ ބޮޑަށް ދަތިތަކާ މިވަގުތު ކުރިމަތިވަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުން އަންނަ އަދި އޮޕަރޭޝަންތަކަށް ފަހުގައި ރިކަވާ ވަމުން އަންނަ ބަލި މީހުންނަށް
- ބަލި މީހާ ދަތުރުކުރުމަށް އެކަށީގެން ނުވާ ހާލަތްތައް ބަޔާންކޮށްފައިވާ ޑޮކްޓަރީ ލިޔުންތައް ހުށަހެޅި ނަމަވެސް، ލަންކާގެ އިމިގްރޭޝަނުން ކަނޑައަޅާ ތަނަކަށް އާންމު މެޑިކަލް ޓެސްޓުތައް ހެދުމަށް ދާން މަޖުބޫރުކުރޭ
- ލަންކާގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ދިވެހިންނަށް ވެސް ވިސާ ލިބުމުގެ ދަތިކަން މިހާރު ދަނީ ކުރިމަތިވަމުން
- ކުރިން 10،000 އަށް ވުރެ ގިނަ ދިވެހިން ލަންކާގައި ދިރިއުޅުނު ނަމަވެސް، އެ އަދަދު މިހާރު ވަނީ 1،500-1،000 އަށް ދަށްވެފައި
- ދިވެހިންނަށް ވިސާގެ ދަތިކަން ބޮޑުވެ، ތަފާތުކުރުންތައް ގިނަވީ 2019 ވަނަ އަހަރު ލަންކާގައި ދިން އީސްޓަ ސަންޑޭގެ ހަމަލާއަށް ފަހުގައި
ސަފީރު ވިދާޅުވީ ހައްލެއް ނުލިބުނު ކަމަށް
ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށް މިއަދު ވިދާޅުވީ ވިސާގެ ދަތިތަކަމުގެ ޝަކުވާ ވަރަށް ގިނައިން މިހާރު ލިބޭ ކަމަށާއި ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަނުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.
އަޅުގަނޑު ހައިރާންވޭ ކީއްވެގެންތޯ ހަމައެކަނި ލަންކާއަށް ދާ ދޮން މީހުންނަށް [އިމިގްރޭޝަން] އޮފިޝަލުން އިސްކަންދެނީ
މަސްއޫދު ވިދާޅުވީ ލަންކާގެ އިމިގްރޭޝަންގެ ދިގު ކިއުގައި ދިވެހިން ހެނދުނު 9:00 އިން ހަވީރު 5:00 ތިބޭއިރު ވެސް ވަކި ބަޔަކަށް އިސްކަންދީގެން ވިސާ ދޫކުރުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު ހައިރާންވޭ ކީއްވެގެންތޯ ހަމައެކަނި ލަންކާއަށް ދާ ދޮން މީހުންނަށް [އިމިގްރޭޝަން] އޮފިޝަލުން އިސްކަންދެނީ،" މަސްއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވިސާގެ ކަންކަން ފަސޭހައިން މިހާރު ކުރެވެނީ އޭޖެންޓެއް މެދުވެރިކޮށެވެ.
ދިވެއްސަކު އަމިއްލައަށް ވިސާ އަށް އެޕްލައިކޮށްފި ނަމަ ވިސާ ލިބުމުގައި ދިގު މުއްދަތެއް ހޭދަވެ، އުނދަގޫތައް ކުރިމަތިވެ އެވެ. އެކަން އެގޮތަށް ކުރަނީ އޭޖެންޓުން ފަރާތުން އިމިގްރޭޝަން އޮފިޝަލުންނަށް މާލީ ފައިދާތަކެއް ކުރާތީ ކަމަށް މަސްއޫދު ތުހުމަތުކުރެއްވި އެވެ.
"އޭޖެންޓެއް މެދުވެރިކޮށް ވިސާއަށް އެޕްލައި ކުރާ ނަމަ، ދިވެހިންނަށް ޖެހޭ އިތުރު ފީތައް ވެސް ދައްކަން،" އޭނާ ވިދާޅުވި އެވެ.
މަސްއޫދު ވިދާޅުވީ ތައުލީމު ހާސިލްކުރުމަށާއި ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން ކުރިން އެންމެ ގިނައިން ދަތުރުކުރީ ލަންކާ އަށް ކަމަށް ވިޔަސް، މިފަދަ މައްސަލަތަކުގެ ސަބަބުން ދިވެހިން ލަންކާ ދާ ވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ލަންކާގެ އިމިގްރޭޝަންގެ އޮފީސް ތެރޭގައި ދިވެހިންނާ ދިމާލަށް އޮފިޝަލުން ހަޅޭއްލަވައި، ހަޑިހުތުރު ބަހުން މުއާމަލާތްކުރާ ކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ބޮޑުވީ އީސްޓަ ސަންޑޭގެ ހަމަލާގެ ފަހުން ކަމަށް ވާތީ، އެ ހަމަލާގެ ފަހުން ރާއްޖެއަކީ ލަންކާގެ ގައުމީ ސަލާމަތަށް ނުރައްކާތެރި ގައުމެއް ކަމަށް ކަނޑައެޅީތޯ ސާފުކުރަން ލަންކާގެ ކަމާ ބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް މަސްއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ވިސާގެ މުއްދަތު ހަ މަހުން އެއް އަހަރަށް މިހާރު ބޮޑުކޮށްދީފައި ވިޔަސް، އެއް އަހަރުގެ ވިސާ ދެނީ ލަންކާގެ ސްޓޭޓް އިންޓެލިޖެންސް ސާވިސް (އެސްއައިއެސް) އިން ޓެރަރިޒަމްގެ ކަންބޮޑުވުންތަކާ ގުޅޭ އެސަސްމެންޓެއް ފުުރިހަމަ ކުރުމަށް ފަހު ކަމަށެވެ.
މަސްއޫދު ވިދާޅުވީ މި މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ، ރާއްޖޭގެ އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ 30،000 އަށް ވުރެ ގިނަ ލަންކާގެ މީހުންނަށް ރާއްޖެއިން ވިސާ ދޭ އުސޫލު ބަދަލުކުރަން ދިވެހި ސަރުކާރަށް މަޖުބޫރުވެދާނެ ކަމަށެވެ.