ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މަސްއޫދު އިމާދުގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް އަރުވައިފި އެވެ.
މަސްއޫދު ސަފީރުކަމުގެ ފަތްކޮޅު ރަނިލް އަށް އެރުވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ކޮލޮމްބޯގައި ހުންނަ ރައީސްގެ ގެކޮޅުގަ އެވެ.
ފަތްކޮޅު އެރުވުމަށް ފަހު ބޭއްވި ބައްދަލުވުމުގައި، ލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ތާރީހީ އަދި ހާއްސަ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން، ރަނިލް އަށް މަސްއޫދު ދެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ރަނިލް ވަނީ ރާއްޖެ އާއި ލަންކާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން މަސްއޫދަށް ދެއްވައިފަ އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މަސްއޫދު ހަމަޖެއްސުމަށް ނިމުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
މިސްރުގެ އަޒުހަރު ޔުނިވަސިޓީން ކިޔަވާ ވިދާޅުވި މަސްއޫދަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ މީޑިއާ ސެކެޓްރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ގިނަ އަހަރުތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގައި އިސް މަގާމުތަކުގައި ހިދުމަތް ކުރައްވައިފަ އެވެ.