ދެމަފިރިއަކު ދަރިއާ އެކު މަގެއްމަތީ ހިނގާފައި ދަނީ: އެކަށީގެންވާ ސަބަބެއް ނެތި ވަލީވެރިޔާ ވަލީ ނުދިނުމުގެ ސަބަބުން އިސްލާމީ ޝަރީއަތާ އެއްގޮތަށް ހާކިމްގެ ވަލީއަށް ކުރާ ކައިވެނިތައް ރަޖިސްޓްރީކޮށްދޭން ޖެހޭނެ ކަމަށް ހައި ކޯޓުން ވަނީ ކަނޑަޅާފައި
20 އޯގަސްޓް 2025 - 15:52
ޝަރުއީ ގޮތުން ސާބިތުވާ ބައްޕަ، އެއީ އަންހެން ކުއްޖާގެ ބައްޕަ ނޫން ކަމަށް ބުނެ ވަލީ ދޭން އިންކާރުކުރި ކަމަށް ބުނާ މައްސަލައެއްގައި ރާއްޖޭން ބޭރަށް ގޮސް ކުރި ކައިވެންޏެއް އެއީ ޝަރީއަތާ އެއްގޮތަށް ހާކިމްގެ ވަލީއަށް ކުރި ކައިވެންޏެއް ކަމަށް ކަނޑައަޅައި އެ ކައިވެނި ރަޖިސްޓްރީކޮށްދޭން ހައި ކޯޓުން ހުކުމް ކޮށްފި އެވެ.
ހައި ކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ އާއިލީ ބޮޑު މައްސަލައެއްގައި އިއްޔެ އިއްވި ހުކުމެއްގަ އެވެ. މިއީ ކޯޓުތަކުގައި އެއާ ގުޅޭ ގިނަ މައްސަލަތަކެއް އޮތް، އާއިލީ އެތައް މައްސަލަތަކެއް އުފެދިގެން ގޮސްފައިވާ މައްސަލައެކެވެ.
މި މައްސަލަ އެންމެ ފުރަތަމަ އުފެދިގެން އައީ އަންހެން މީހާ ސްރީ ލަންކާއަށް ގޮސް މީހަކާ ކައިވެނި ކުރި ހިސާބުންނެވެ. އެ ކައިވެނި ކޮށްފައިވާނީ އަންހެން މީހާގެ ބައްޕަގެ ވަލީއާ ނުލައި، ހާކިމްގެ ވަލީ ހޯދައިގެން ކަމަށް ކޯޓުގައި ބުނެފައިވެ އެވެ. އެ ކައިވެނި ރަޖިސްޓްރީ ކުރަން ފެމެލީ ކޯޓަށް ހުށަހެޅުމުން އާއިލާއާ ބެހޭ ގާނޫނުގައިވާ ގޮތުން ވަލީވެރިޔާގެ ރުހުން ކައިވެންޏަށް އޮތްތޯ ކޯޓުން ސާފުކުރި އެވެ.
އަންހެން މީހާގެ ވަލީވެރިޔާ ބުނެފައިވަނީ އެ ކައިވެންޏަށް އޭނާގެ ވަލީ ހޯދާފައިނުވާ ކަަމަށާއި ކައިވެންޏާ ނުރުހޭ ކަމަށެވެ. އެހެންވެ، ކައިވެނި ރަޖިސްޓްރީކުރަން ބޭނުން ނުވާ ކަމަށް އަންހެން މީހާ ބުނާތީ މައްސަލައިގެ ފޯމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް، އެ ކައިވެންޏާ މެދު ގޮތެއް ކޯޓުން ކަނޑައަޅާފައެއް ނުވެ އެވެ.
އެހެން ކަންވެފައި އޮއްވައި، އަންހެން މީހާ ވަނީ ސްރީ ލަންކާއަށް ގޮސް އިތުރު މީހަކާ ކައިވެނިކޮށްފަ އެވެ. އެ ކައިވެނި ވެސް ކޮށްފައިވަނީ ވަލީވެރިޔާގެ ވަލީއާ ނުލައި، ހާކިމްގެ ވަލީ ހޯދައިގެން ކަމަށް ކޯޓުގައި ބުންޏެވެ. އެ ކައިވެނިކުރި ފިރިހެން މީހާ ވަލީވެރިޔާ ގާތަށް ހެކިވެރިން ފޮނުވުމުން ވަލީ ދޭން ބޭނުން ނުވާ ކަމަށް ބުނެފައިވެ އެވެ.
ރާއްޖޭން ބޭރުގައި ކުރި އެ ކައިވެނި ރަޖިސްޓްރީ ކުރަން ހުށަހެޅުމުން ކޯޓުގެ ރަޖިސްޓްރާ ވަނީ އަންހެން މީހާގެ ކުރީގެ ކައިވެންޏާ ގުޅޭ ގޮތުން ގޮތެއް ނުނިންމާ އޮތް ކަމާއި އެހެން އޮއްވައި އާ ކައިވެނި ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް އަންގައިފަ އެވެ. އެހެންވެ ކުރީގެ ކައިވެންޏާ މެދު ގޮތެއް ނިންމައި، އެ ކައިވެނި ރޫޅިފައިވާ ކަން ކަނޑައަޅައިދޭން އަންހެން މީހާ ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އަންހެން މީހާ ބުނާ ގޮތުގައި އަނގަބަހުން އޭނާ ވަރިކޮށްފައިވެ އެވެ. ނަމަވެސް، ތަކުރާރުކޮށް ފިރިހެން މީހާ ގާތު އެދުމުން ވެސް އެ ރަޖިސްޓްރީކުރަން ކޯޓަށް ހުށަނާޅައި އޮތީ ކަމަށް ބުންޏެވެ.
އެ މައްސަލައިގައި ފެމެލީ ކޯޓުން ކަނޑައަޅާފައިވަނީ ވަލީވެރިޔާގެ ވަލީ ހޯދަން މަސައްކަތް ކޮށްފައިނުވާތީ، އެއީ ބާތިލް ކައިވެންޏެއް ކަމަށެވެ.
އެ މައްސަލަ ނިންމުމާ އެކު، ފަހުން ކުރި ކައިވެނި ރަޖިސްޓްރީ ކުރަން އަނެއްކާވެސް ހުށަހެޅި އެވެ. ނަމަވެސް، އެ މައްސަލައިގައި ވެސް ފެމެލީ ކޯޓުން ނިންމީ ވަލީވެރިޔާގެ ރުހުން ނެތުމުގެ ސަބަބުން އެއީ ސައްހަ ކައިވެންޏެއް ނޫން ކަމަށެވެ. އެގޮތަށް ކަނޑައެޅިއިރު އެ ދެމީހުންނަށް ދަރިއަކު ވެސް ލިބިފައިވެ އެވެ. ނަމަވެސް، މި މައްސަލައިގެ ތެރެއިން ކުއްޖާގެ ނަސަބާ ގުޅޭ ގޮތުން ގޮތް ނިންމާފައެއް ނުވެ އެވެ.
އަންހެން މީހާގެ ބައްޕަ ވަލީ ދޭން ދެކޮޅު ހަދަނީ އެ އަންހެން މީހާއަކީ ޝަރުއީ ކޯޓުން އޭނާގެ ދަރިއެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އެއީ އޭނާގެ ދަރިއެއް ނޫން ކަމަށް ބުނެ އެވެ. އެކަމުގެ ސަބަބުން އަންހެން މީހާ އާއި އޭނާގެ މަންމައަށް ނަފްސާނީ ގޮތުން އަސަރުތައް ކޮށްފައިވާ ކަމަށް ވެސް ޝަރީއަތުގައި ބުނެފައިވެ އެވެ.
ފެމެލީ ކޯޓުގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހި އެ މައްސަލަ ފިރިހެން މީހާ ހައި ކޯޓަށް ހުށަހެޅި އެވެ. އޭނާ ބުނެފައިވަނީ ވަލީވެރިޔާގެ ނުރުހުމުގައި ކައިވެނި ކޮށްފައިވާކަމަށް ފެމިލީ ކޯޓުން ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށެވެ. ވަލީވެރިޔާ ނުރުހެނީ ނޫން ކަމަށާއި ވަލީވެރިޔާގެ ބަހަކީ އިސްތިއުނާފު ރައްދުވާ ފަރާތަކީ އޭނާގެ ދަރިއެއް ނޫންކަން ކަމަށް އޭނާ ބުނެފައިވެ އެވެ.
ދައުވާގައި ބުނެފައިވަނީ ވަލީވެރިޔާއަކީ އެއްވެސް އިރެއްގައި ވަލީ ދީފައިވާ މީހެއް ނޫން ކަމަށެވެ. އަދި މި މައްސަލައިގައިވާ ކައިވެނީގައި މަދުވާއެއްޗަކީ ހަމައެކަނި ބައްޕަގެ ވަލީކަމަށާއި ބައްޕަގެ ވަލީ ހޯދޭނެ އިތުރު ގޮތެއް ނެތްކަމަށެވެ. އޭގެ ބަދަލުގައި ހޯދެން އޮތް ވަލީއަކީ ހާކިމުގެ ވަލީކަމަށެވެ. މި މައްސަލައިގައި ހާކިމުގެ ވަލީއަށް ކައިވެނިކޮށް ދީފައިވަނ،ީ ސްރީލަންކާގައި ކާވެނިކުރުމުގެ ހުއްދަ އޮންނަ ފަރާތެއް ކަމަށާއ،ި ދިވެހި އެމްބަސީއަށް މި ހާލަތުކިޔައިދީ މައުލޫމާތު ސާފުކޮށް ފޯމު ފުރުމަށްފަހު ކަމަށް ދައުވާގައިވެ އެވެ.
މި މައްސަލާގައި ހައި ކޯޓުން ކުރި ހުކުމްގައި ބުނީ ސްރީލަންކާގައި ކޮށްފައިވާ ކައިވެންޏަކީ ސައްހަ ނޫން ކައިވެންޏެއް ކަމަށް ކަނޑައަޅަން ޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެ ކައިވެނި ރަޖިސްޓްރީކުރުމަށް ވަލީވެރިޔާގެ ރުހުން ނެތް ކަމަށް ބުނުމަކީ މަގުބޫލް ސަބަބެއް ނެތި ކަނޑައެޅިގެން ގޯސް އަސާސެއްގެ މައްޗަށް ބުނާ ބަހަކަށްވާތީ، އެ ކައިވެނި ފެމެލީ ކޯޓުގައި ރަޖިސްޓްރީކުރަން ހުށަހަޅައިފި ނަމަ، އެ ރަޖިސްޓްރީކޮށްދޭން ފެމެލީ ކޯޓަށް އަންގާފައިވެ އެވެ.
މިގޮތަށް ކަނޑައެޅީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެގޮތުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު ދީބާނާޒު ކަނޑައެޅުއްވީ އެ ކައިވެންޏަކީ ސައްހަ ކައިވެންޏެއް ކަމަށާއި އެގޮތަށް ކައިވެނި ރަޖިސްޓްރީކުރަން އަންގާ ކަމަށެވެ. ނަމަވެސް، އަނެއް ދެ ފަނޑިޔާރުންނަށް ފެނިވަޑައިގެންނެވީ ކައިވެނި ރަޖިސްޓްރީ ކުރަން ދެ މީހުން ކުރެ، މީހަކު ހުށަހަޅައިފި ނަމަ، ފެމެލީ ކޯޓުން ކައިވެނި ރަޖިސްޓްރީކޮށްދިނުމަށެވެ.
ފަނޑިޔާރު ދީބާނާޒުގެ ރައުޔުގައި ބުނެފައިވަނީ:
● ކައިވެނީގެ ސެޓްފިކެޓުގައި ކާވެނި ކޮށްފައިވަނީ ހާކިމުގެ ވަލީއަށްކަން އެނގޭއިރު، އާ އިލާއާބެހޭ ގާނޫނާއި ގަވާއިދުގައ،ި ރާއްޖެއިން ބޭރުގައިކުރާ ކާވެނީގެ ވަލީ ހަމަޖައްސަންޖެހޭ ވަކި އިޖުރާއަތެއް ބަޔާންކޮށްފައި ނުވާ ކަމަށް
● އަންހެން މީހާއަކީ ދަރިއެއް ނޫންކަމަށްބުނެ ބައްޕަ ވަލީ ދިނުމަށް އިންކާރު ކޮށްފައިވުމުން ހާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދަދ،ީ އިސްތިނާފު ރައްދުވާ ފަރާތުން ދެ ފަހަރުމަތިން މީގެކުރިން ކައިވެނި ކޮށްފައިވާތީ، އަންހެން މީހާއަކީ ހާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ޝަރުތު ފުރިހަމަވާ މީހެއްކަމަށް ގާނޫނީ ހަމަތަކުން ބަލަންޖެހޭ ކަމަށް
● ވަލީވެރިޔާ ވަލީދިނުމަށް އިންކާރުކުރާ ސަބަބަކީ އަންހެނާއަކީ ދަރިއެއްކަމަށް އަދިވެސް ގަބޫލުނުކުރުން ކަމަށްވެފައ،ި އެއީ ވަލީދިނުމުން މަ ނައުވެވޭފަދަ މަގުބޫލު ސަބަބަކަށް ނުވުމުނ،ް އެ އަންހެނާއަކީ ހާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ޝަރުތު ފުރިހަމަވާ މީހެއްކަމަށް ގާނޫނީ ހަމަތަކުން ބަލަންޖެހޭ ކަމަށް
● ރާއްޖެއިން ބޭރުގައި ދިވެހިން ކާވެނިކުރުން ހުއްދަކަން އެނގޭއިރު އަދި އެފަދަ ކާވެނީގެ ވަލީ ހޯދުމުގެ އިޖުރާއަތެއް ނެތްއިރ،ު އިޖުރާއީ ސަބަބެއްގެ މައްޗަށް ބިނާކޮށް ކާވެނި ބާތިލުކަމަށް ކަނޑައެޅޭނެ ގާނޫނީ ސަބަބެއްނެތް ކަމަށް
● ނަސަބުގެގޮތުން ވަލީއަރާ މީހަކު ދުނިޔޭގައިހުރެމެ މަގުބޫލު ސަބަބެއްނެތި ވަލީ ދިނުމުން މަނައުވެގެންފިނަމަ ހާކިމުގެ ވަލީއަށް ކާވެނިކުރެވޭނެކަމަށް ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށް
● އަންހެނެއްގެ ނަސަބުގެ ވަލީވެރިޔަކު، މަގުބޫލު ސަބަބެއްނެތި ވަލީދިނުމަށް އިންކާރުކުރާ އަދި އެ މީހަކު އަބަދުވެސް ނުރުހޭ ހާލަތުގައ،ި އެފަދަ އަންހެނަކަށް ދުވަހަކު ވެސް ކާވެންޏެއް ނުކުރެވޭނެ ކަމަށާއި އިސްލާމީ ޝަރީއަތުގައި ހާކިމުގެ ވަލީއަށް ކާވެނިކުރުމުގެ އުސޫލު ގާއިމުކޮށްފައިވަނ،ީ މި ހާލަތު މެދުވެރިވިޔަ ނުދިނުމަށްކަމަށް ދެކޭ ކަމަށް.
އެހެންވެ، ފަނޑިޔާރު ދީބާނާޒު ވިދާޅުވީ ހާކިމުގެ ވަލީއަށް ކާވެނިކުރާ ހާލަތުގައ،ި ނަސަބުގެ ވަލީވެރިޔާގެ ރުހުން ކާވެންޏަށްފަހު އަމަލީގޮތުން ހޯދުމުގެ ބަދަލުގައ،ި ކާވެންޏަށް ހާކިމުގެ ވަލީ ލިބިފައި އޮތުމަކ،ީ ވަލީވެރިޔާގެ ރުހުން އޮތުންކަމަށް ގާނޫނީ ހަމަތަކުން ބަލަންޖެހޭނެ ކަމެއް ކަމަށެވެ. އެހެންވެ، މި މައްސަލާގައި ސުވާލު އުފެދިފައިވާ ކައިވެންޏަކީ ސައްހަ ކައިވެންޏެއް ކަމަށް ކަނޑައެޅުއްވި އެވެ.
ދީބާނާޒުގެ ރައުޔުގައި އަންހެން މީހާގެ ބައްޕަ އަމަލުކޮށްފައިވާ ގޮތް ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އެގޮތުން ހުކުމްގައި ބުނީ ޝަރުއީ ހަމަތަކުގެ މަތިން ނަސަބު ސާބިތުކޮށްފައިވާ ދަރިއަކީ ދަރިއެއް ނޫން ކަމަށް ބަފަޔަކު ބުނާ ބަހަކ،ީ ކުއްޖާގެ މަންމައަށް ރައްދުވާ ގަޒުފުގެ ބަހެއްކަމަށް އިސްލާމީ ޝަރީއަތުގެ ހަމަތަކުން ބެލެވޭނެ ކަމަށާއި އެއީ ދުނިޔެމަތީގައި ކުޑަކަމެއް ނޫން ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ ދިވެހީންގެ މުޖުތަމައުތައް ކުޑަވެފައ،ި އެންމެނަށް އެކަކުއަނެކަކު އެނގޭތ،ީ ޝަރީއަތުން ގޮތް ނިމިފައިވާ ކަމަކާގުޅޭ ދޮގު ވާހަކައެއް ވިޔަސ،ް ފޮނިތޮށި ކާފޫރުތޮޅިލައި އޮލަކޮށް އެވާހަކަތައް ދައްކައ،ި ތުންތުންމަތިން ފެތުރިދާކަމީ ހަގީގަތެއް ކަމަށެވެ.
"ރަށްރަށުގައި ވެސް އެ މަގުން އެކަން ހިނގާނެކަން ބަލައިގަންނަންޖެހެ އެވެ. ދިވެހި މުސްކުޅިން ބުނެއުޅޭ ފަދައިން ދުނިޔޭގެ ލަދަކީ އާހިރަތުގެ ގިންޏަށްވުރެ ވޭންހުރި އެއްޗަކަށްވެދެ އެވެ،" ފަނޑިޔާރު ދީބާނާޒު ލިޔުއްވާފައިވެ އެވެ.
ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސެއިން މަޒީދުގެ ރައުޔުގައި ފާހަގަކުރެއްވި ކަންކަން:
● ހާކިމުގެ ވަލީއަށް ކާވެނިކުރުމަކީ އެ ކައިވެނި ސައްހަ ނުވާންވީ ސަބަބެއް ނޫން ކަމަށާއި އެހެންކަމުން ރާއްޖެއިން ބޭރުގައިވެސް ދިވެހިންނަށް ހާކިމުގެ ވަލީއަށް ކައިވެނި ކުރެވޭނެ ކަމަށް
● ބޭރުގައި ދިވެހިން ހާކިމުގެ ވަލީއަށް ކުރާ ކާވެނިތަކުގައ،ި ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހަޅައިގެންގާނޫނީ ނިޒާމުގެ ތެރެއިން ހާކިމުގެ ވަލީ ހޯދުން ލާޒިމުކުރާ އެއްވެސް މާއްދާއެއް އާއިލާއާބެހޭ ގާނޫނުގައި އަދި ޢާއިލާއާބެހޭ ގަވާއިދުގައި ވެސް ނެތް ކަމަށް. ރާއްޖެއިންބޭރުގައި ކުރާ ކާވެނިތަކުގައި ހާކިމުގެ ވަލީ ހޯދާނެ އިޖުރާއަތެއް ވެސް ނެތް ކަމަށް
● އިސްލާމީ ޝަރީއަތާ އެއްގޮތަށް ކާވެނިކޮށްދިނުމަށް އެހެން ގައުމެއްގެ ގާނޫނީ ނުވަތަ ޝަރުއީ ނިޒާމުގެ ތެރެއިން ހުއްދަ ދީފައިވާ ފަރާތްތަކުން އިސްލާމީ ޝަރީއަތާ އެއްގޮތަށް ހާކިމުގެ ވަލީއަށް އެ ގައުމެއްގައި ކޮށްދޭ ކާވެނިތައް ސައްހަވާނެ ކަމަށް
● ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ކާވެނި ރަޖިސްޓަރީ ކުރުމުގެ ބޭނުމަށް ވަލީވެރިޔާގެ ރުހުން އޮތްތޯ ބަލާއިރު ރުހުން ނެތްކަމަށް ބުނާނަމަ އެކަމުގައި މަގުބޫލު ސަބަބެއް އޮންނަންޖެހޭ ކަމަށާއި ސަބަބަކީ ވަލީވެރިޔާ ވަލީދޭން އިންކާރު ކުރަނީ މަގުބޫލު އުޒުރެއް އޮވެގެން ނޫން ކަމަށް ޝަރީއަތަށް ފެނިއްޖެނަމަ ހާކިމުގެ ވަލީއަށް ކާވެނި ކޮށްދެވޭނެކަން އާއިލާއާބެހޭ ގާނޫނުގެ 17 ވަނަ މާއްދާއިން އެނގެން އޮންނާތީ ކަމަށް
● ކޮޮށްފައިވާ ސައްހަ ކާވެންޏެއް ރަޖިސްޓަރީކުރުމަށް ބޭނުންވާ ވަލީވެރިޔާގެ ރުހުން ނުދިނުމުގައި ވެސް މަގުބޫލު ސަބަބެއް ދެއްކިފައި ނެތްނަމަ އެ ކާވެންޏެއް ރަޖިސްޓަރީކުރެވެން ވާނެ ކަމަށް
މި މައްސަލާގައި ބެންޗުގައި ދެން އިންނެވި ފަނޑިޔާރު ފާތިމަތު ފަރްހީޒާގެ ރައުޔުގައި ބުނެފައިވަނީ ާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީ ކުރުމުގައ،ި ޙާކިމުގެ ވަލީ ލިބިފައި އޮންނަ ކަމަށް ބެލެވޭ ޙާލަތްތަކުގައިވެސް، ނަސަބުގެ ގޮތުން ވަލީވެރިޔަކު ބަހެއް އޮތްތޯ ބަލަންޖެހޭނެ ކަމަށެވެ. އަދި ކޮންމެ ކޮންމެ ހާލަތެއްގައި ޙާކިމު ވަލީއަށް ކާވެނި ކުރުމަކަށް ދިވެހިރާއްޖޭގެ އާއިލާއާބެހޭ ގާނޫނު ނުދޭ ކަމަށެވެ.
އޭގެ އިތުރުން ރައުޔުގައިވަނީ:
● ހާކިމު ވަލީއަ ށް ކާވެނި ކޮށްދެވޭ ޙާލަތްތަކުގައި ވަލީވެރިޔާގެ ބަހެއް ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައިނުވުން ނުވަތަ ވަލީވެރިޔާއަށް އެނގުމެއް ނެތި ކާވެނި ކުރެވުމުގެ ފުރުސަތު ލިބި ހިނގައިދާނެ ކަމަށް
● ކައިވެނި ރަޖިސްޓަރީކުރުމުގައި ވަލީވެރިޔާގެ ރުހުން އޮތްތޯ ބެލުން ހިމެނިފައިވަނީ ވަލީވެރިޔާއަށް އެނގުމެއް ނެތި ކައިވެނި ކުރުމުގެ ފުރުސަތު ހަނިކުރުމުގެ މަގުސަދުގައި ކަމުގައި ބެލެވޭ ކަމަށް
● ނަމަވެސް، ވަލީވެރިޔާގެ ރުހުން އޮތްތޯ ބެލުމުގެ ނަތީޖާއަކ، ރުހުން ނެތި ކޮށްފައިވާ ކައިވެންޏެއް ބާތިލްވެގެންދިއުން ނޫން ކަން މާއްދާގެ އިބާރާތް ގެނެވިފައިވާގޮތުން އެނގޭ ކަމަށް
● ކައިވެނި ރަޖިސްޓަރީ ކުރުމުގައި ވަލީވެރިޔާގެ ބަހެއް ހޯދުމުގައި މަގުބޫލު ސަބަބެއް ނެތި ނުރުހޭ ކަމަށް ބުނާނަމަ، ހާކިމު ވަލީގެ މަފްހޫމް ތަތްބީގުކޮށް ކައިވެނި ރަޖިސްޓަރީކުރުމާމެދު ގޮތެއް ނިންމަންޖެހޭ ކަމަށް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރމޮންރޯ މަސީހް އާރުއެމްޕީ
21 August 2025
މިއަންހެނާ ކޮންމެފަހަރަކު ކާވެނިކުރަން ރާއްޖޭން ބޭރަށް ދަނީ ކީއްވެތޯ ކޯޓުން ނުބައްލަވާތޯ؟ ވަލީވެރިޔާ ވަލީ ނުދިނީމާ ހާކިމާ ވަލީދޭންޖެހޭ ކައިވެނި ރާއްޖޭގައި ނުކުރެވެނީތޯ؟ ބޭރުގައި ތިޔަ ކައިވެނި ކޮށްދޭ ފަރާތަށް ރަނގަޅު ހަދިޔާއެއްދީގެން ކުރާކަމަށް ލަފާކުރެވެނީ. ކޮންމެއަކަސް ތިޔަ އަންހެނާއަކީ ލަފާކުރެވޭގޮތުގައި ފޯރައިގެންއުޅޭމީހެއް. މިއަދު ތިގޮތަށް ކަންކުރިއަސް އާޚިރަތުގެ ބިރުވެރިކަން މާބޮޑުވާނެ. އެދުވަހު ފައިސާގެ ބާރެއްނުހިނގާނެ.
ގަރުބަޗޯފް ޕްލާޑްމިއަރ
21 August 2025
ވަލީ ލިބޭނީ ރައީސް އޮފީހުން މިހާރު.
ހެޕިނަސް
21 August 2025
ކަލޭނޭ ރާއްޖެޔެއް މިޔޮތީވާ...
ހަސަންބޭ..
20 August 2025
ސާބަހޭ.. ތަރުތީބުން ކަންކަން ގެންގޮސްބަލަ. ކައިވެންޏެއް ކޮށްފި ނަމަ, ރަޖިސްޓްރީ ކޮށްފައި ވަރިވެއްޖެނަމަ އެކަން އަންގާފަ, ރަޖިސްޓްރީ ނުވެ ތިއްބާ ދަރިން ހޯދާ ކޮން ސަކަރާތެއް ހޭދެބައިވެގެން ތި ޖަހަނީ.. އަހަރެމެންގެ ދީނުގައި ސާފުކޮށް ބަޔާން ކޮށްދީފަ އޮތް ކަންކަން.. ޒިނޭ އަށް ބިރުން ތޯއްޗެއް.. މިހާރު މިޖެހުނީ ކޮންތާކު..
ނަބްލާނާ ހައިތަމް
20 August 2025
ޢެއްތާކަށްނުގޮސް ދެތިންމީހުން ތިބިއްޔާވެސް އިސްލާމްދީނުގަ އޮންނަގޮތަށް ކައިވެނިކުރެވޭ! އެކަމަކު ގަވައިދުތަކެއް ހެދިފަ މިއޮންނަނީ އެކަން ކަން މޮނިޓަރކޮށް ޖެހުނު ގޮތަކަށް ޖެހުނުމީހާކަ ކައިވެނިކޮށް އޮޅުން ބޮޅުންތައް ކުޑަކޮށް އެތައް މަސްލަހަތެއް ހިމާޔތްކުރުމަށްޓަކައި. އެހެންވީމަ އަދި ދީނުގައި ހުއްދަޔަސް އެ މުޖުތަމެއްގައި ނޫނީ ގައުމެގައި ކަންކުރާ ގަވައިދުތަކާ އެއްގޮތައް އެކަން ކުރީމަ ތިކަހަލަ މައްސަލަތައް ދިމާ ނުުވާނެ. މިތާވެސް މިހާރު ދެފިރިން ވީނު؟
އެޗް އެމް
20 August 2025
ކައިވެންޏަކީ ލިޔެ ކިޔުންބަލަހައްޓަން ކުރާކަމެއް.
ފިރިހެނެއް
20 August 2025
ފިރިހެނުންގެ ތެރޭގަ (ބަފައިން، ފިރިން، ބޭބެއިން، ކާފައިން) އަންހެނުންނަކީ ތިމާގެ އަޅުންކަމުގަ ގަބޫލް ކުރާ މީހުން މަދުން ނަމަވެސް އުޅޭކަން ފެންނާތީ ދެރަވޭ! އަންހެންމީހާގެ ރުހުމެއް ނެތި ކައިވެނި ނުކުރެވޭނެ! ކައިވެނިކޮށްގެން އުޅުނަސް އަތް ނުލެވޭނެ! އިންސާނީ ހައްގު އެންމެ މަތިވެރިކޮށް ހިމާޔަތް ކޮށްފައިވަނީ ވިލާތަކުން ނޫން! ޢިސްލާމްދީނުން!!
ޕިސް
21 August 2025
ކަލެއަށް މާ ބޮޑަށް އެނގެނީ !!
ކަސްނީ
20 August 2025
މީގަ އަސްލުވާ ގޮތަކީ ދައުލަތުގެ ސިޔާސާތު ހެދުމުގައި ހަރުދަނާ އާއިލާއެއް ބިނާކުރުމަށް ވިސްނުމެއް ނެތް (ގެދޮރުގެ، ތައުލީމު، ސިއްހަތު، …) !! ދެން މި ނުކުންނަނީ ޓޮކްސިކް މާހައުލަކުން އުފެދޭ ޖީލުތަކެއް. ގޮތްދޫނުކުރާ ބޯހަރު، އިންސާފު، އިންސާނިޔަތުކަމެއްވެސް ނެތް ޖީލުތަކެއް. ކޮންމެ މީހަކުވެސް ބޭނުންވަނީ ބޮޑު މަގާމް! މުޅި އުމުރަށް އިނާޔަތް!
ރަޖިސްޓްރާ
20 August 2025
މުސްލިމް ހުރިހާ ގައުމެއްގައިވެސް ގަބޫލް ކުރާ ސައްހަ ކައިވެނިތައް ރާއްޖޭގެ ފެމިލީ ކޯޓުން ރަޖިސްޓްރީ ނުކޮށް، މީހުންނަށް ބޮޑެތި ތަކުލީފުތައް ޖައްސާ. ފިރިމީހާ ރާއްޖެ ހޮސްޕިޅަލަކުން ލޭ ޓެސްޓް ނަހަދަނީސް ކައިވެނި ރަޖިސްޓްރީ ނުކޮށްދޭނެ ކަމަށްޗެސް ބުނި
ފަޅުމަސް
21 August 2025
ގަވައިދުތައް ހެދިފައިވަނީ އެންމެންގެ ސަލާމަތަށް.. ކައިވެނި ކުރަން މޮޔަވެގެން އުޅޭ ބަޔަކު ލޭ ޓެސްޓެއް ނުކުރަން އުޅެންވީ ކީއްވެ؟ ބޭރުން ކުރާ ކައިވެނިތަކުގައި ގިނައީ ދަރިން ބިކަކޮށް ދަރިންނަށް ޚަރަދު ނުދީ، އުޅޭ މީހުން..
ކަބަޑު
20 August 2025
މަބުނީ، މާލޭގަ ހުރެއެއްނޫންތަ ވަލިއްޔުލްއަމުރު.