ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ޖަލްސާއެެއްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: މިހާރު
22 އޯގަސްޓް 2025 - 16:10
ޕީއެންސީގެ މެމްބަރުންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ފާޑުވިދާޅުވިއިރު، އެ ވެރިކަމުގައި ޕީޕީއެމުން ވަކިވި މަޖިލީހުގެ 12 މެމްބަރުންނަށް ދިން ނިކަމެތިކަން އެމަނިކުފާނު ހަނދާނުގައި ނެތީތޯ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ސުވާލު އުފައްދަވައިފި އެވެ.
ފުރަތަމަ ފަހަރަށް ޕީއެންއެފްގެ އޮފީހުން ބޭރުގައި މާލޭގައި ރޭ ބޭއްވި "ވޭކްއަޕް" ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ މެމްބަރުން ނިކަމެތިކޮށްލި ވަރުގެ ވެރިއެއް ޔާމީން ނޫނީ ނެތް ކަމަށެވެ.
ޔާމީންގެ ވެރިކަމުގައި ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާ އުސޫލުތައް ކަނޑައަޅައި އެންޓި ޑިފެކްޝަން ގާނޫނެއް ހެދި އެވެ. އެއީ އޭރު ޕީޕީއެމުން ވަކިވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހެދި ގާނޫނެކެވެ. އެއާއެކު، އަމިއްލައަށް އެދިގެން ޕީޕީއެމުން ވަކިވި 9 މެމްބަރަކާއި ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރި ތިން މެމްބަރެއްގެ ގޮނޑި ގެއްލުނެވެ.
އެއީ އޭރުގެ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިން އަދި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.
ޕީއެންއެފްގެ ރޭގެ ޖަލްސާގައި ޔާމީން ވަނީ ޕީއެންސީގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ކުކުޅު ކޮއްޓަށް އަޅާ ކާނާ އާއި ޕީއެންސީގެ މެމްބަރުންނާ އެއްވެސް ތަފާތެއް ނެތް ކަމަށާއި އެ މެމްބަރުން ކުރާ ކަމަކީ އިންސާނީ ކަރާމާތް ޑީގްރޭޑު ކޮށްލުން ކަމަށް ޔާމީން ވިދާޅުވި އެވެ.
އަދި އެ މެމްބަރުން ތިއްބެވީ އެ ބޭފުޅުންގެ ނަފުސާއި ރައްޔިތުން ވެސް ފައިސާ ވިއްކާލައިގެން ކަމަށް ޔާމީން ތުހުމަތުކުރެއްވި އެވެ.
އެ ވާހަކައަށް ރައްދު ދެއްވައި ފަލާހު ތުހުމަތުކުރެއްވި ގޮތުގައި، ޔާމީން ވެރިކަމުގައި ދައުލަތުން ވަގަށް ނަގާފައިވާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް، އެއީ ހަލާލު ފައިސާއަށް ހެދޭނެ ކަމަށް އެމަނިކުފާނު ހީނުކުރައްވައިގެން ނުވާނެ އެވެ. ޕީއެންއެފްގެ ރޭގެ ޖަލްސާއަށް 200 މީހުން ގެންދިޔައީ ދައުލަތުން "ވަގަށް ނަގާފައިވާ" ފައިސާއިން ބޮލަކަށް 1،200 ރުފިޔާ ދީގެން ކަމަށާއި އެ ވަރުން ވެސް ދެބައިކުޅަ އެއްބައި ތިބި ބިދޭސީން ކަމަށް ފަލާހު ތުހުމަތުކުރެއްވި އެވެ.
"ޔާމީން ހަނދާނަށް ނާންނަނީބާ ވެރިކަމުގައި 18 ވަނަ މަޖިލީހުގައި މެމްބަރުންނާ މެދު ކަންތައް ކުރި ގޮތުން ޕީޕީއެމްގެ 12 މެމްބަރުން ތިން އަހަރު މަގުމަތީ ގަނަތެޅުވިކަން. ތިޔަށް ވުރެ މެމްބަރުން ނިކަމެތިކުރި ވެރިއެއް ނެތް،" ފަލާހު ވިދާޅުވި އެވެ.
ނަމަވެސް މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، މެމްބަރުންނަށް މަޖިލީހުގައި ފުރިހަމަ މިނިވަންކަން މަތީގައި މަސައްކަތްކުރުމުގެ އިހުތިޔާރު ދެއްވާފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން އަލަށް ފާސްކުރާ އަދި އިސްލާހުކުރާ އެއްވެސް ގާނޫނެއް ގޯސްވެގެން ކުރިއަށް އޮތް އެއްވެސް މަޖިލީހެއްގައި ބަދަލު ގެންނަން ނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"ރައީސް މުއިއްޒު މި ގައުމުގެ ރައްޔިތުންގެ ހެވާލާބައަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޔާމީނު ފަދަ މި ގައުމުގެ ބައިތުލްމާލު ދަވާލާފައިވާ އަނިޔާވެރިއެއްގެ ވާހަކަތަކުން ކުޑަ ވެސް ބަދަލެއް ނާންނާނެ،" ފަލާހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެންވެސް12
24 August 2025
"ރައީސް ޑރ. މުހައްމަދު މުއިއްޒު، މެމްބަރުންނަށް މަޖިލީހުގައި ފުރިހަމަ މިނިވަންކަން މަތީގައި މަސައްކަތްކުރުމުގެ އިހުތިޔާރު ދެއްވާފައިވާ ކަމަށް" އިނީމަ ހިނިއަންނީ. އަޒާން ( އަމިއްލަޔަށް އިއްޒަތްތެރި ކިޔަން ބުނެފައިވާތީ) ހިޔާލު ތަފާތުވީމަ ކޮމެޓީތަކުންނާއި ގުރޫޕްތަކުން ބޭރުކުރީމަ ހިނިއަންނަނީ. އެއީތޯ މިނިވަންކަމަކީ.
ރަދުން
24 August 2025
ފަލާހު އަތުގައި ހުރީ ހަލާލު ފައިސާތޯ އަހާލަންބޭނުން.އަދި ގަނެފައިހުރި ގޯއްޗާއި އެޕާރޓްމަންޓްތައް ހަލާލުތޯ.
ނުރަބޯ
23 August 2025
ފައިސާގެ ބޭނުމުގައި 12 މެންބަރުން ސަރުކާރު ވައްޓާލަން ބަޣާވާތް ކުރިކަން ފަލާޙު ހަނދާނެއް ނެތް.
ނުނން
23 August 2025
އެދުވަހު ފަލާހް ހުރީ ކޮންތާކުތަ ؟؟؟؟؟؟
ގަޑު ބަޑު
23 August 2025
މަޖިލީހު މެންބަލުންނަކާ ރަންޔިތުންގެ އިތުބާރު ލިބިފައި ތިބި ފަނޑިޔާރުންނަކާ އެއްވަރެއް ނުވާނެ. އެކަން ހަނދާން ހުންނާނެ.
މެންބަރު12
23 August 2025
12 މެންބަރުން ނިކަމެތި ކުރިޔަސް، ވައްކަން ކުރިޔަސް، ޔާމީން ކުރި ހުރިހާ ކަމަކަށް އެއްބާރުލުންދީ، އެކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވި އިސް މީހެއް ފަލާހަކީ. ފައިސާގެ އަޅުން އަބަދުވެސް އަޅުކަން ކުރާނީ ފައިސާއަށް.
މަބުނީ
23 August 2025
ޑޮލަރެއް ހުރީ -/20 އިން މަތީގައި.. އަނގަ ނގޅ.. އަދިވެސް ނުނިދާދޯ ތިހުރީ ޔާމީނު ނުހޮވުނީމަ..
ފަލްސަފާ
23 August 2025
ބޮޑުބޭބެއަކަށް ވާނީ އޭރެއްގެ ހަކުރުދޭ ވެރިއެއް. ހަކުރު ހުސްވާއިރަށް ބޮޑުބޭބެ ނުވެސް ދަންނާނެ. މިއީ އިންސާނީ ތަބީއަތް
ހަމަކާލީ
23 August 2025
ޔާމީނުގެ ވެރިކަމަކީ ވަރައްބޮޑުކޮއް ކާލި ވެރިކަމެއް ކައިރީގަ ތިބި މީހުންނައްވެސް ބޮޑުކޮއް ކާންލިބުނު ވެރިކަމެއް އެކަަމަކު އަދި ފެނުނުވެރިންގެ ތެރޭން އެންމެ ވިޝަނަރީ ވެރިއަކީއެއީ. އޭނާގެ ވެރިކަމުގަ ކުރިކަންތައްތަކުގެ ފައިދާ ރއްޔިތުންނައް ފެންނަމުންދަނީ. އެކަމަކު އަހަރެން އަދިވެސް އޭނަ އަކައް ވޯޓެއްނުދޭނަން އެއީ އެގޮތައްކެއުމަކީ ފުރުސަތުލިބުނަސް އަހަރެން ކުރާނެކަމެއްނޫން އަދި އެކަމައް ރުހުމެއްވެސް ނުދޭނަން.
ހައްޖަ.
23 August 2025
ކުރިން އުޚުނީ އެވަރެއް ނެތި ގެން.ބަހާ އަމަލާ ދިމާވާ ބައެއް ނޫން..ދޮގު ހެދުމާ ލާރި ކެއުން ނޫން ކަމެއް ނެތް .ޕަރޓީ ސިސްޓަމް އުވާލަން ވީ.އެއރެއްގަ ވެރިކަމުގަ އޮންނަ ޕާރޓީ އަށް ހުރިހާ މޮޅެއް.5އަހަރު ވާއިރު މި މިހުން ތިބެނި އަރާ އާސްމާނުގަ.ރައްޔިތުން ނަށް ހުރިހާ ދެރައެއް.އެންމެން ހެޕީ ތަ.