ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހިރިމަރަދޫ ރައްޔިތުންނާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
24 އޯގަސްޓް 2025 - 16:24
ހދ. ހިރިމަރަދޫ ރައްޔިތުން ހދ. ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ، އެރަށަށް ބަދަލުވާން ބޭނުންވާ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ގާއިމްކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްތަކަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި ފުރަތަމަ ރަށަކަށް ވަޑައިގަތީ ހިރިމަރަދޫއަށެވެ. އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.
އެރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫއިން ގެއެއް ލިބޭނެ ކަމަށާއި އަދި 18 މަސް ތެރޭގައި އެތަނުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެރަށަށް ބަދަލުވާން މަޖުބޫރު ކުރުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެންމެ ގިނަވެގެން 18 މަސް ދުވަސް، ދޮޅު އަހަރު ތެރޭ ނިންމައި ހަވާލުކުރާނަން. ގޯތި ހަވާލުކުރާނީ އެއްކޮށް ނިންމައި ރައްޔިތު މީހާއަށް ތަޅުދަނޑި ހަވާލުކުރާ ގޮތަށް. އަޅުގަނޑުމެން އެއްވެސް ރައްޔިތަކަށް މަޖުބޫރެއް ނުކުރާނަން ބަދަލުވާކަން، ދާން ބޭނުން ރައްޔިތުންނަށް އެ ފުރުސަތު ދެނީ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން އެރަށުން ބަދަލުވާ ރައްޔިތުންނަށް އެލަވަންސެއް ދިނުމުގެ އިތުރުން އިގްތިސާދީ ނަފާއެއް ހޯދޭނެ މަގު ތަނަވަސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހިރިމަރަދޫ ރައްޔިތުންނާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ހިރިމަރަދޫގެ އާބާދީ ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދެމުން އަންނަތާ މިހާރު ވަނީ އެތައް އަހަރެއްވެފަ އެވެ. އެކަމާ ގުޅޭގޮތުން، ރަށު ކައުންސިލުން ސަރުކާރާއެކު އެތައް މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބޭއްވި އެވެ.
އެ ރަށު ކައުންސިލުން މީގެ ކުރިން ވަނީ އެރަށު ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން ވެސް އެދިފަ އެވެ. އަދި ތުލުސްދޫ ކައުންސިލުން އެކަމަށް މަރުހަބާ ކިޔެވެ. ނަމަވެސް ސަރުކާރުން ނިންމީ އެރަށުގެ ގިނަ ރައްޔިތުން ބޭނުންވި ގޮތަށް ހަނިމާދޫއަށް ބަދަލު ކުރުމަށެވެ. އެގޮތަށް ނިންމީ މިދިޔަ ފެބްރުއަރީ މަހު އެވެ.
ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ. އެގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި އެ ރަށުގެ ދިރިއުޅޭ އާބާދީއަކީ 314 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
25 August 2025
ގުޅިފަޅާ ގިރާވަރުފަޅަ އަދި ހުޅުމާލެއަށް ހުޖުރަ ކުރާ މާލޭ މީހުންނަށް އޮތީ ކޮން ހުކުމެއްތޯ? ހިއްކާފައޮތް ބިންކޮޅުވެސް ނުލިބިގެން މި އުޅެނީ.
ފުންނާބު.
25 August 2025
މިއޮތީވާ ކަމެއް. ހާދަ ވަރަކަށް ދުނިޔެ އާއި ހެދީ އުލޭ ބަޔަކު އުޅެމުންދާ ރަށެކޭ. ލަދެއް ހަޔާތެއްވެސް ނެތް.
ދޫލަ
25 August 2025
މިހާތަނަށް ކަންވަމުން އައި ގޮތަށް ބަލާއިރު ރާއްޖޭއިން ބޭރުން ތަޅުގަނެގެން ހަމައެކަނި ތަޅު ހަވާލުކުރެވުމަކީ ވެސް ނާދިރުކަމެއް. 18 މަސްދުވަސް ވީއިރު ކޮބައިތޯ ކޮޅަށް ނަގާލި އެއްމެ ފާރެއް. މި ސަރުކާރު އައިރު ތަޅު ހަރުކޮށްފައިވާ ތަނެއްގެ ތަޅުދަނޑި ވެސް އަދި ހަވާލުނުކުރެވޭ. ތިކަން ވެސް ކުރެވިއްޖެއްޔާ ކިތަންމެހައި ވެސް ރަނގަޅު.
ބަބޫ
25 August 2025
ކައުންސިލް އިންތިހާބަށް ރިޔާސީ އިންތިހާބަށް ހެދިކަހަލަ ބުއްދި ގަބޫލުނުކުރެވޭވަރުގެ ތެދު ހަދަން ފެށީދޯ.
ޚިލޭ
25 August 2025
ރައިސްއަށް އާދޭހާއި އެކު ދަންނަވަން: މ.ރަތްމަންދޫގެ ރައްޔިތުންވެސް މިތިބަ އަވަދިވެ ހަނާވަނީ. އިސްކޫލުގަ 6 ކުދިން، ޓީޗަރަކުވެސް ރަށަށްއަންނަން ބޭނުންނުވޭ.ރަށުގައި ދިރިއުޅޭ އާބާދީ 80، ރަށު ކޯޓްގައި މީޙަކު އުޅެނީ ވޮޗަރެއް އެކަނި، ބޯހަރު 3 ހަތަރު މީހަކު ކައުންސިލާއި ރަށު އޮފީހުގައި ތިބެ،އަމިއްލަ އެދުމުގައި ރަށެއް ފަނާކޮށް ޅަދަރިން ތަކެއްގެ މުސްތަޤުބަލު ނަގާލައިފި. ރައްޔިތުން އެދިފައިވާ ގޮތަށް މިކަން ހައްލުކޮށްދެއްވާ!!އާދެސް މިކުރީ.
އަފްރާސިޔާބު
25 August 2025
ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލު ކުރަން ސަރުކާރުން ބޭނުންވާނަމަ އެމީހުންނަށް ގެއަޅައިދޭންޖެހޭނީ ސަރުކާރަށް ކަމާމެދު އެއްވެސް ޝައްކެއްނެތް.
އޮނަރަބްލް އަފީފު ދީދީ
25 August 2025
ބަދަލުވާ ރައްޔިތުންގެ މިހާރުގެ ގޯއްޗާއި އެއްވަރު ގޯއްޗެއްގައި ތިނެއް ނުވަތަ 4 ކޮޓަރީގެ ގެއެއް އަޅާދީފައި ކޮންމެ މީހަކަށް ފައިސާގެ އެލަވަންސް ދިނުމުގެ ބަދަލުގައި" 5 އަހަރު ވަންދެން ކަރަންޓް އަދި ފެން ބިލުން %50 ގެ ޑިސްކައުންޓް ދިނުމާއި، ކަޑައެޅޭ މުއްދަތަކަށް ހަނޑޫ ފުށް (ހަކުރު ދީގެން ނުވާނެ) އަދި ގޭސް އެސްޓީއޯގެ ފަރާތުން ދިނުން ރަނގަޅު. ފައިސާގެ އެލަވަންސް ދިނުމުން ވައްކަމާއި ޙިޔާނާތަށް މަގުފަހިވާނެ. އަދި ފައިސާ އެހެން ބޭނުން ތަކަށް ބޭނުން ކުރާނެ
ގޮހޮޑާ
25 August 2025
މާލެ ސަރަހައްދުގައި ސަރުކާރުން ބޮޑެތި ހައުސިންގ މަޝްރޫއުތައް ހިންގުމުގެ ނަތީޖާއަކީ ތޮއްޖެހުން. އަތޮޅުތަކުން އެތައް ބަޔަކު ހިޖުރަކޮށް ރަށްތައް ފަޅުވުން. އޭގެ ބަދަލުގައި އަތޮޅުތަކުގައި އާބަން ސެންޓަރުތަކެއް ހަދައި އެތަންތާނގައި ހައުސިން މަޝްރޫއުތައް ހިންގައި، އިގުތިސާތު ފުޅާކޮށް އެދިމަދިމާއަށް މީހުން ހިޖުރަކުރުވައިގެންނޫނީ ރާއްޖެ ތަރައްގީ ނުކުރެވޭނެ. އަދި މި އާބަން ސެންޓަރުތައް ރަނގަޅު ފެންވަރުގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުން މުހިއްމު
އޮނަރަބްލް އަފީފު ދީދީ
25 August 2025
ވޭތުވެދިޔަ 60 އަހަރު މާލޭސަރުކާރުން ގެންގުޅެ އަދި މިހާރުވެސް ދަމަހައްޓަމުން އަންނަ "ޤަބީލާވަންތަ ރޭސިސްޓް އެއްރަށްދައުލަތް ސިޔާސަތު ބަދަލުކޮށް" ކ.އަތޮޅު މާލެ ފިޔަވާ ރާއްޖޭގެ އެހެން ރަށްރަށުގައި ދިރިއުޅެނުންދާ ރައްޔިތުނަށް އިޤްތިސޯދީ، އިދާރީ މިނިވަންކަން ދިނުމަށްޓަކާ ރާއްޖޭގެ އުތުރުގައި އޮތް ހަނިމާދޫ އެއަރޕޯޓާއި، ދެކުނުން އައްޑޫގައި އޮތް GAN International Airport ގައި ވަކިބައެއްގެ މަސްލަހަތަށްޓަކައި އަޅުވާފައިއޮތް "މަރުތަޅު" ނައްޓާލަން އެބަޖެހޭ.
އަޑަފި
25 August 2025
ރަށު މީހުން އެހެން ރަަށަކަށް ބަދަލު ކުރާނަމަ، އެންމެން ބަދަލު ކުރަންޖެހޭނެއެވެ. އެހެން ނޫނީ ލ. މުނޑޫ އަށް ވީގޮތަށް، ކިތައްމެ ކުޑަ އާބާދީއެއް އޮތަސް ސަރުކާރުން އެހެން ރަށްތަކަށް ކުރަންޖެހޭ ހުރިހާ ހޭދައެއް އެރަށަށްވެސް ކުރަންޖެހޭނެއެވެ.
ކަޑަބޮއް މައުލޫމާތު ސައީދު
25 August 2025
ހިރިމަރަދޫ އަކީ މީހުން ނޫޅޭ ރަށެއްގެ ގޮތުގައި ކީއްވެތަ ނުހަދަނީ؟ ގޯތި ހަދާފަ ދޭ އިރު ޖެހޭނެ މަޖުބޫރު ވާން ހިޖުރަކުރަން. މިއީ އެއްވެސް ހާލަތެެއްގައި ބަލާގަނެވޭނެ ކަމެއްނޫން. ހިރިމަރަދޫ ކައުންސިލް އުވާލާ، ކޯޓު އުވާލާ، ސުކޫލާއި އަދި ސިއްހީ މަރުކަޒު ބަންދުކޮށް ކަރަންޓާއި ފެނުގެ ހިދުމަތް ނުދޭގޮތަށް ހަދަން ޖެހޭނެ. މިފެންނަނީ ވޯޓު ހޯދަން ޖަހާ މަޅި އެހެން ނޫންނަމަ. އަނެއްކޮޅުން ހަނިމާދޫ މީހުންނަށް ވިޔަފާރި ރަނގަޅު ވާނެ ކަމެއް ތިޔައީ.