އިންޖިނޭރިން ދާއިރާ އިން ކިޔަވަން ބޭނުންވާ މީހުން ރާއްޖޭގައި މަދުކަމަށާއި އެއީ ބޮޑު މައްސަލައެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއްޔެ ފާހަގަކުރި އިންޖިނޭރުންގެ ދުވަހުގެ މުނާސަބާގައި ހައުސިން މިނިސްޓްރީން އާއްމުކުރި ވީޑިއޯއެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިންޖިނޭރިން ދާއިރާ އަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ދާއިރާ އިން ކިޔަވާ ކުދިން މަދުވުން ކަމަށާއި ސަރުކާރުން ހިންގާ ފްރީ ޑިގްރީ ޕްރޮގްރާމްގައި އެތައް ހާސް ޒުވާނުން ޑިގްރީ ހަދާއިރު އެ ދާއިރާ އިހުތިޔާރުކުރަނީ ވަަރަށް މަދު އަދަދެއްގެ ބައެއް ކަމަށެވެ. ގައުމީ ޔުުނިވާސިޓީގެ އިންޖިނޭރިން ޑިގްރީ ކޯސް ފަށަން ބޭނުންވާ އަދަދަށް މީހުން ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުުވި އެވެ.

"އެހެންވީމާ އިންޖިނޭރިން ދާއިރާ އިން ކުރިއަށް ދިއުމަށް ޓަކައި ކުދިން ބޭނުން ނުވާ، އޭލެވެލް ނިންމާ ކުދިން ބޭނުން ނުވާ މައްސަަލަ މިއީ ހަމަ ރާއްޖެ އަށް ދިމާވެފައި އޮތް ވަރަށް ބޮޑު މައްސަލައެއް. ހައްލުކުރަން ވެސް ޖެހޭ ކަމެއް،" މުއްތަލިބު ވިދާޅުވި އެވެ.

"އެކަމާ އެކި ގޮތް ގޮތުން ސަރުކާރުން މަސައްކަތް ވެސް ކުރަން ޖެހޭ ކަމެއް."

އޭނާ ވިދާޅުވި ގޮތުގައި އިންޖިނޭރިން ދާއިރާއިން ކިޔަވަން ދަރިވަރުން ބޭނުންނުވާ މައްސަލަ ހައްލު ކުރުމަކީ ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް ވަރަށް މުހިއްމު ކަމެކެވެ. 

އިންޖިނޭރުންނަށް ވާން އެދޭ ދަރިވަރުންނަށް ދެއްވާ މެސެޖެއްގެ ގޮތުގައި މުއްތަލިބު ވިދާޅުވީ އެ ދާއިރާއިން ކިޔަވައިފި ނަމަ ވަޒީފާ ނުލިބިގެން ހުންނާކަށް ނުޖެހޭނެ ކަމަށާއި އަމިއްލަ ފައިމައްޗަށް ތެދުވެ ކެރިއާއެއް ބިލްޑްކުރަން ވިސްނާ މީހަކަށް ވެސް އެންމެ ފުރުސަތު ބޮޑު އެއް ދާއިރާއަކީ އެއީ ކަމަށެވެ. 

"އެހެން ދާއިރާތަކުން ވެއްޖެއްޔާ ވަޒީފާ ހޯދުމުގައި ދަތިތަކެއް އެބަހުރި. އެހެން ނަމަވެސް އިންޖިނޭރިން ދާއިރާއިން ކިޔަވާ ނަަމަ އެ ދަތިކަން މިހާރު ހަމަ ޔަގީނުން ވެސް ނެތް. އެކަށީގެންވާ ވަރު ބޮޑު މުސާރައެއް ވެސް ލިބޭ އަދި ވަރަށް ރެސްޕެކްޓަބަލް ފީލްޑެއްގެ ގޮތުގައި ފާހަގަކުރެވެނީ،" މުއްތަލިބު ވިދާޅުވި އެވެ.

އިންޖިނޭރިންގެ ދާއިރާތަކުން ތަމްރީނުވާ ދިވެހިންގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށާއި އެކަމަށް އެހީތެރިވާން އިންޖިނޭރުންގެ އެކިއެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށާއި އެ ދާއިރާއިން ދިރާސާކުރަން ހާއްސަ "ސްޓޭޓް އޮފް ދަ އާޓް އިމާރާތެއް" އަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވި އެވެ. 

އިންޖިނޭރުންގެ ދުވަހުގެ މުނާސަބާގައި އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ އިންޖިނޭރުންގެ އެކިއެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން އިތުރުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އެކަމަށް ސަރުކާރުން އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުިވި އެވެ.

"މިގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ އިންޖިނިއަރުންގެ އެކިއެކި ދާއިރާތަކުން ތަހުލީލުތައް ކުރެވޭ، އެކި ކަހަލަ ރިސާޗްތައް ކުރެވޭ، ސްޓޭޓް އޮފް ދަ އާޓް، އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭ ގޮތަށް އިމާރާތެއް އެޅުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގަސްދުކުރަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ އިމާރާތް އަޅާނީ އިންޖިނޭރުންގެ ދާއިރާތަކުން ކުރިއަށް ދާން ބޭނުންވާ ހުރިހާ ދަރިވަރުންނަށާއި ރާއްޖޭން ބޭރުން އަންނަ ދަރިވަރުންނަށް ވެސް އެކިއެކި ތަހުލީލުތައް ކޮށް، އެކްސްޕެރިމެންޓްތައް ހެދޭނެ ފެސިލިޓީތަކާ އެކުގަ އެވެ.

އެ އިމާރާތުގައި ކިޔަވައިދޭނެ ދާއިރާތަކަކީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސިވިލް އިންޖިނޭރިން އާއި މެނޭކިަލް އިންޖިނޭރިން އާއި އެއާކްރާފްޓް އެންޑް އެރޮނޯޓިކަލް އިންޖިނޭރިން އާއި ރޮބޮޓިކް އިންޖިނޭރިން، އޭއައި އަދި ޑިޖިޓަލް އިންޖިނޭރިން ފަދަ އިންޖިނޭރުންގެ އެކިއެކި ދާއިރާތަކުންނެވެ. 

"މިކަމަށްޓަކައި ބޭނުންވާ ފަންނީ މަސައްކަތްތަކާއި މިކަމަށްޓަކައި ބޭނުންވާ އިންވެސްޓްމެންޓްގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނަން. މިކަން ކުރާނީ ސަރުކާރުގެ ބަޖެޓަށް ބުރަ ނުވާ ގޮތަށް، ދެމެހެއްޓެނިވި ގޮތަކަށް،" ރައީސް ވިދާޅުވި އެވެ.

އެއީ އިންޖިނޭރިންގެ އެކިއެކި ދާއިރާތަކުން ކިޔަވަން ބޭނުންވާ މީހުން އިތުރުވެ، އެ ދާއިރާއިން ރާއްޖެ ވަރަށް މަތީ ފެންވަރަކަށް ގެންގޮސްދޭނެ ކަމަކަށް ވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒަކީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން އެ މަނިކުފާނު ނިންމެވީ މިދިޔަ އަހަރު އެވެ. އެ ނިންމެވުމާ އެއްގޮތަށް ފާހަގަކުރާ ފުރަތަމަ އިންޖިނޭރިން ދުވަހަކީ އިއްޔެ އެވެ.