މާލީ ތަނަވަސްކަން ނެތް މީހުންނަށް ގެދޮރު ހޯދައި ދިނުމުގައި މިދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަން ނަތީޖާ އިން ދެއްކި.
ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފްތިތާހުކުރުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
16 ނޮވެމްބަރ 2025 - 21:56
މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށްވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު މިރޭ އިފުތިތާހުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ގެޒެޓުގައި މިރޭ އާންމުކުރާނެ ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޔާސަތު އިފުތިތާހު ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، އެ ސިޔާސަތު ކަނޑައަޅާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ގެދޮރު ބޭނުންވާ 18 އަހަރުން މަތީގެ އެންމެން އޭގައި ޝާމިލުވާނެ ގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސްގެ ވައުދު ފުއްދުމަށްޓަކާ، ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނެ އެންމެ އެކަށޭނެ ގޮތް މި ސިޔާސަތު ކަނޑައެޅުމުގައި ބަލާފައި ވާނެ ކަމަށެވެ. އެންމެ ފުރަތަމަ ކަމަކަށް ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު މިހާރު އޮތްގޮތް ވަޒަންކުރުމަށް ކުރި މަސައްކަތުން އެނގުނީ، އެންމެ ބޮޑު އެއް ކަމަކީ ސޯޝަލް ހައުސިން އަށް ކުރިމަތިލާ އާބާދީ އިންތިހާ އަށް ބޮޑުކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާލެ ސަރަހައްދުގައި ލަގްޒަރީ ފްލެޓްތައް އަޅަމުން އަންނައިރުގައި، އެ ފްލެޓްތަކަށް ޝަރުތު ހަމަވެ، އެ ތަންތަން ލިބެނީ މަދު ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ނަތީޖާ އިން ދޭހަކޮށް ދެނީ ވަރަށް ބޮޑު އާބާދީއަކަށް އަޅުގަނޑުމެން އިހުމާލުވެފައިވާކަން. އެއީ ހެޔޮވަރުގެ އާމްދަނީއެއް ލިބޭ ނަމަވެސް އެ މީހުންގެ ދިރިއުމުގެ ކަންކަން ހުރި ގޮތުން ސޭވިންއެއް ނެތި ނުވަތަ ބޭންކް ފައިނޭންސަށް އެކްސެސް ނެތް ވަރަށް ބޮޑު އާބާދީއަކަށް އިހުމާލުވެފައިވާކަން،" ނާޒިމް ވިދާޅުވި އެވެ.
އެހެންވެ، ސޯޝަލް ހައުސިންގެ މަޝްރޫއު އެކަނި ހިންގައިގެން ބޯހިޔާވަހިކަމުގެ މައްސަލަ އަށް ޖުމްލަ ހައްލެއް ނުލިބޭނެ ކަމަށާއި ވަށައިޖެހޭ ހައްލެއް ލިބޭނީ އެކި ފަންތީގެ މީހުންނަށް އަމާޒު ކޮށްގެން ހައުސިން މަޝްރޫއުތައް ހިންގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ހައުސިން މިނިސްޓްރީން އެކަމާ ގުޅޭ މަޝްވަރާތައް އެންމެ ފުރަތަމަ ކުރީ ރާއްޖޭގެ މާލީ އިދާރާތަކާ އެކުގައި ކަމަށެވެ. އެއީ، ބޭންކުތަކުގެ އިންޓްރެސްޓް ރޭޓު ބޮޑުވުމާއި އިސްލާމިކް ފައިނޭންސްގެ ޕްރޮފިޓް ރޭޓު ބޮޑުވުމުމާއި އިކުއިޓީގެ ރޭޓު ބޮޑުވުން ކަހަލަ ކަންކަމުގެ ސަބަބުން ގެދޮރު ގަންނަން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭންކުތަކާ އެކު ކުރި މަޝްވަރާއަށް ފަހު، މިނިސްޓްރީން ދެން މަޝްވަރާތައް ކުރީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކުގަ އެވެ.
"ނަތީޖާ ވަރަށް ރަނގަޅު. އެމްއެމްއޭ މަޝްވަރާ ކޮށްގެން އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުން އެމްއެމްއޭގެ ގާނޫނުން އެ އޮތޯރިޓީ އަށް ލިބޭ އިހުތިޔާރުގެ ދަށުން 'އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް' ބެހޭ ގަވާއިދެއް ގެޒެޓް ކުރެވުނު،" އޭނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ހާއްސަ ސްކީމެއް ތައާރަފުކުރަން ނިންމައި އެކަމާ ބެހޭ އުސޫލު އެމްއެމްއޭ އިން މިދިޔަ މަހު ވަނީ އާންމުކޮށްފަ އެވެ. އަދި ހުރިހާ ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އެ ސްކީމަށް ކަނޑައަޅަންވާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ވަނީ އެ ސްކީމްގެ ދަށުން ފައިނޭންސިން ފެސިލިޓީތައް ދޫކުރުމުގައި ބޭންކުތަކަށް މައިގަނޑު ދެ ގޮތެއް އިހުތިޔާރު ކުރެވޭނެ ގޮތަށް ހަދައިފަ އެވެ. އެއީ، "ލީސް އެންޑިން ވިތު އޯނަޝިޕް" ނުވަތަ ބޭންކުތަކުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އާއި "އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން" ނުވަތަ ޑިވެލޮޕަރުން/އިންވެސްޓަރުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އެވެ.
އެ ސްކީމްގެ ދަށުން ހިންގާ ފުރަތަމަ ހައުސިން މަޝްރޫއު ހިންގަން ގައުމީ ބޭންކް، ބީއެމްއެލް އިން ވަނީ ނިންމައިފަ އެވެ. "ލީސް އެންޑިން ވިތު އޯނަޝިޕް" އިހުތިޔާރުގެ ދަށުން ބީއެމްއެލް އިން ހިންގާ އެ މަޝްރޫއުގައި ހުޅުމާލެ 1 އާއި 3 އަދި ވިލިމާލޭގައި ޖުމްލަ 3،000 ފްލެޓް އަޅަން ވަނީ ނިންމައިފަ އެވެ. އެ ފްލެޓް އަޅަން ބޭނުންވާ ބިން ސަރުކާރުން މިހާރު ވަނީ ބީއެމްއެލްއާ ހަވާލުކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އިއުލާންކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސޭނުބޭ
17 November 2025
މީ އެންމެނަށްވެސް ފައިދާ ކުރާނެ ސުކީމެއް، ލައްގާ ތުނޑިއަށް ލެއްގުން ހުއްޓުވޭތޯ މިސަރުކާރުން ކުރާ މަސައްކަތް ފާހަގަކުރަން، އެންމެނަށްވެސް ގެދޮރު ވެރިއަކަށް ވުމުގެ ފުރުސަތު.. ޝުކުރިއްޔާ
އިޖްތިމާއި މައްސަލަ
17 November 2025
ބޯހިޔާވަހިކަން އެއީ އަސާސީ ހައްގެއް، މިކަމަށް ހާއްސަކޮށްގެން ސަރުކާރުން މަސްރޫއުއެއް އިފްތިތާޙް ކުރެއްވީތީ އުފާކުރަން، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނި ހައްގު ވެރިންނަށް ކަމަށް ގަބޫލުކުރެވޭ.
ބީވާ
17 November 2025
އަހަރެމެންގެ މައިން ބަފައިން ގެދޮރު އަޅާ ބޯހިޔާވަހިކަން ހޯދީ ލޯނު ނަގައިގެން ނޫނީ ސަރުކާރުން ދިނީމައެއް ނޫން. އެކަމަކު އަހަރެމެން މުޅި އުމުރު މި ޖެހުނީ ގެދޮރުއެޅުމުގެ ބަދަލުގައި އާމްދަނީއާއި ތަޢުލީމު ހޯދަން ކުލީގެ އަޅުންނަށް ވާން. އަދި ސަރުކާރުތަކުން ތަރައްޤީއާއި ވަސީލަތް ގާއިމު ކުރުމުގައި ތަފާތު ގެންގުޅުމުގެ ނަތީޖާއަކަށްވީ ގިނަ ބަޔަކު ހާލުގަ ގެދޮރު ނެތި އުޅެން ޖެހުން. އަދި ޚުދު މާލޭ ރައްޔިތުންގެ ގިނަ ބަޔަކަށްވެސް ހަަމަޖެހޭ ދިރިއުޅުމެއް ނުލިބުން
މާލެމީހާ
17 November 2025
ޜާއްޖެތެރެ // ކަޑަވީދޯ. ޢަހަރެމެން މާލޭ މީހުންނަކީ ޚާއްސަ ބައެއްކަން ނޭނގުނީތީ ހިތާމަކުރަން. އަހަރެމެން މާލޭމީހުންނަކީ ގަދަރުވެރިން. ޒަމާނުންސުރެން މިކަން އޮތީ މިހެން އަދިވެސް އަދިވެސް.. މާލޭމީހުން މާލެ ސަރަހައްދުން މިހެން ހިއްކަމުން އަދި ރައްތަ ދެމުން މާލޭ މެދުން އުތުރުން ތުރާކުނާ ހަމައަށް ދިޔަސް އަދި ދެކުނުން އައްޑޫ އަދި ފޯމުލަކާ ހަމަޔަށް ދިޔަސް މާލެ ފަހަތަށް ޕޮރޮޖެކްޓް ލައިގެން މިދަނީ މުޅި ރާއްޖެ މާލޭ މީހުން ގެ މިލްކެއް ގޮތުގައި ހަދަމުން
ގޮނުއަނގަ
17 November 2025
އެޗް ޑީ.ސީ ހައުސިންގް ޕްރޮގްރާމަކީ ކިހާވަރެއްގެ ކާމިޔާބީއެއްކަން އަދިވެސް ޤަބޫލު ނުކުރެވޭކަން ހިތާމަޔަކީ. ކިތައްތަން ބޭނުމެއް ނުކޮށް އެކި މީސްމީހުންނަށް ދީފަ އެބަހުރިތޯ؟ ކިތައް ތަނުން ކުލި ނުދައްކާ އެބަ ހުރިތޯ؟ އެޗްޑީސީއަށް ނުލިބިހުރި ފައިސާގެ އަދަދު ކިހާވަރެއްތޯ؟ އަދަދު ޖަހާލަ ދެވިދާނެތަ.ީހަކަށް ބިންކޮޅެއް ދީފައި ލޯނު ނަގައިގެން ތަންހަދަން ފުރުޞަތު ދެވޭނަމަ މީހުން ދިރިއުޅެފައި އާމްދަނީއެއް ލިބޭ ގޮތަށް ތަންތަން ހެދީމަ ލޯނުވެސް ދެއްކޭނެ
ހޭލާ
17 November 2025
،ލައިވް ތައް ބާއްވާ މޮޅު ހެޑްލައިން އެޅުން ހުއްޓަން ވެއްޖެ. މީ 90 ގެ އަހަރުތަކެއް ނޫން ރައްޔިތުން ހައްދަން.
ވަހީދު
17 November 2025
އަމިއްލަ ފަރާތްތަކުން އަޅަމުން އަންނަ ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލަނީ ނަމެއްގަ, އެތަންތަން ދެނީ ގިނައިން ލާރި ދޭމީހަކަށް... ލަގްޒަރީ ފްލެޓްތަށް ގަންނަނީ ހަމަ އެއްބަޔަކު, ގަނެފަ ކުއްޔަށްދެނީ
ވަޢުދުކޮބާ
16 November 2025
އޮޅުވާލަން ނުއުޅޭ. އަހަރެމެން އަދި ހަނދާނެއް ނުނެތޭ. ރައީސް މުޢިއްޒު ވަޢުދު ވެފައިވަނީ، އިބޫ ސާލިޙު ސަރުކާރު ގައި ހުޅުވާލި ސްކީމް ލިސްޓްގައި ތިބި އެންމެނަށް ފްލެޓާއި ގޯތި ދޭނެކަމަށް. ވީޑިއޯތައް އެބަހުރި. ވަޢުދު ފުއްދަވާ.
ވައުދާމެދު ސުވާލުވެވޭނެ ދުވަހެއްވޭ
17 November 2025
އާން އެ ލިސްޓުން ޝަރުތު ހަމަވިކަމަށް އޮވެއްޖެއްޔާ ދޭން ޖެހޭނެ. ވަރަށް އުންމީދާއެކު ވޯޓު ދިނީ.
އޮނަރަބްލް އަފީފު ދީދީ
16 November 2025
ފުލެޓާއި ގޯތި ދިނުމުގައި އޭނާގެ ދިރިއުޅުމުގެ ކަންކަމަށް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދޭ އުމުރުން 65 އަހަރުން މަތީގެ މީހުނަށް ގޯއްޗާއި ފުލެޓް ވަކިން ޙާއްސަކޮށް ގޯތި ދިނުން ރަނގަޅު ކަމަކަށް ނުދެކެން. އުމުރުން 65 އަހަރު ވެފައިވާ ދިވެއްސަކަށް ގޯތި ދިން ކަމަށް ވިޔަސް އޭނާ ދިރިއުޅޭނެ ގެއެއް އެތަނުގައި އިމާރާތް ކުރުމަކީ ވަރަށް ދަތިކަމަކަށް ވާނެ. އިބްރާހިމްގެ ވެރިކަމުގައި ހިލާ ބަހާލި އަގުބޮޑު ބިން 78 އަހަރުގެ މީހުނަށްވެސް ދީފައި އެބަހުރި.!
ކހހޖ
17 November 2025
ހިޔާއިން ދީފައި އަދި ހުޅުމާލެިއން ގޯތި ދީފައި. މާލޭގަވެސް ބޮޑު ގެ ހަދާ ކުއްޔަށް. ޢަނެއްކާ މިބުރުވެސް ދޭނެ.
އަންތަރީސް!
16 November 2025
ކޮބާހޭ އިބްރާހިމް ސަރުކާރުގައި ލީ ފޯމްތައް. ދައުލަތެއް ވެއްޖިއްޔާ ކޮންމެވެސް ވަރެއްގެ އިތުބާރެއް އޮންނަން އެބަޖެހޭ. އިރުއިރުކޮޅާ ބަދަލުވާ އެއްޗަކަށްވީމަ ހަމަޖެހުމެއް ނޯންނާނެ.
ރަދީފްއޮފިޝަލް /
16 November 2025
ވަރަށް ރަނގަޅު ސުވާލެއް.މަވެސް އޮންނާނެ ފޯމެއް ވައްޓާލާފަ.ލިސްޓްގަ މަގޭ ނަން ވެސް އޮތް.މިނިސްޓްރީ އަނދައިގެން ދިޔައީމަ އެބައި ވެސް ގެއްލުނީ ބާ؟؟ ދެރަ ދޯ.