ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަހި ފްލެޓްތައް ކައިރީ އޮތް "ކުނި ފުނި" ސާފުކޮށް އިއްޔެ އެކަނިވެސް 670 ޓަނުގެ ކުނި ނަގައިފި އެވެ.

ފަހި ފްލެޓްތަކުގެ ސަރަހައްދު އޮތީ ކުނިބުނިން ފުރިފަ އެވެ. ދޯދި 10 އާއި 11 ވަނަ ޓަވަރުގެ ކުރިމަތީގައި އޮތް ހުސްބިމުގައި ބޮޑު ފުންޏަކަށް ކުނިތައް އޮތްއިރު، އޭގެ ތެރޭގައި ގިނައީ ގޭގެއިން ނެރެފައި ހުރި ކާޑު ބޯޑު ކުންޏާއި ބާ ފަރުނީޗަރެވެ.

ހުޅުމާލޭގައި މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމަށް އެޗްޑީސީން އިސް ނަގައިގެން މިހާރު ފަށާފައިވާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން އިއްޔެ ސާފުކުރީ މި ކުނިތަކެވެ. އެ މަސައްކަތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ފުލުހުންނާއި ވެމްކޯ އަދި މޯޕާ ވެސް ބައިވެރިވި އެވެ.

އެޗްޑީސީން އިއްޔެ ފަހި ފްލެޓްތައް ކައިރި ސާފުކުރުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން އިއްޔެ ފަހި ފްލެޓްތައް ކައިރި ސާފުކުރުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެޗްޑީސީ

އެޗްޑީސީގެ ހެޑް އޮފް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މަލްޝާ ޝަރީފް ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ އެ ސަރަހައްދުން 670 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.

މަލްޝާ ވިދާޅުވީ ސާފުކުރުމުގެ މަސައްކަތް އަދި އެއްކޮށް ނުނިމޭ ކަމަށާއި، މިއަދު ވެސް ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އެ ސަރަހައްދުގައި ބާކީ ހުރި ހުރިހާ ކުންޏެއް މިއަދު ނަގައި އެއްކޮށް ސާފުކޮށް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަހި ފްލެޓްތަކުގެ މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. އޭގެ ފަހުން އެ ސަރަހައްދުތަކަށް ކުނި އަޅާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.

އެޗްޑީސީން އިއްޔެ ފަހި ފްލެޓްތައް ކައިރި ސާފުކުރުމުގެ މަސައްކަތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު (ކ) ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން އިއްޔެ ފަހި ފްލެޓްތައް ކައިރި ސާފުކުރުމުގެ މަސައްކަތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު (ކ) ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: އެޗްޑީސީ

އެފްޑީސީން ބުނެފައިވާ ގޮތުގައި ފަހި ފްލެޓްތައް ކައިރިން ކުނި ނަގަން މިދިޔަ 8 މަސްދުވަހުގެ ތެރޭގައި 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ. އެ މުއްދަތުގައި އެ ސަރަހައްދުން 5،040 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.

ކުނި ނައްތާލުމުގެ މަސައްކަތަކަށް އެވަރުގެ ބޮޑު ހަރަދެއް ކުރަން ޖެހުނީ އާންމު ތަންތަނަށް ކުނި އެޅުމުގެ ސަބަބުން ކަމަށާއި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކުނި އުކާލުމުގެ ސަބަބުން އެ ތަންތަން ސާފުކޮށް ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުންނާއި އެ ކޯޕަރޭޝަނުން ކުރަން ޖެހޭ ހޭދަ އެތައް ގުނައެއް ބޮޑުވެފައިވާ ކަމަށް ވެސް އެފްޑީސީން ވަނީ ބުނެފަ އެވެ.