މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި މުޒާހަރާކުރަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
27 އޯގަސްޓް 2025 - 09:40
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މީޑީއާ ކޮންޓްރޯލްކުރާ ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިހުގައި މިއަދު ވެސް އިހުތިޖާޖުކުރަން ފަށައިފި އެވެ.
މި އަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ބިލް ބަލައިގަތުމާ މެދު މިއަދު ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.
މަޖިލީހަށް ބިލު ހުށަހަޅައި، އޭގެ ބަހުސް ފެށީ މަޖިލީހުގެ ދެވަނަ ދައުރު ދަންމާލުމަށް ފަހު ބޭއްވި ޖަލްސާގަ އެވެ. މަޖިލިސް ގެލެރީގައި ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކުރަމުން ދިޔަ އެ ޖަލްސާގައި ވަނީ ބަހުސް އެއްކޮށް ނުނިންމައި ޖަލްސާ ކުރުކޮށްލައިފަ އެވެ.
ރާއްޖޭގެ އެކި މީޑިއާތަކުގެ މީހުން ބައިވެރިވެ ބިލާ ދެކޮޅު އެކި ލިޔުންތައް ހިފައިގެން ތިބެ މަޖިލިސް ބޭރުގައި އަޑު އުފުލުމަށް ފަހު މަޖިލިސް ފެށުމާ އެކު ވަނީ މަޖިލީހުގެ ގެލެރީއަށް ވަދެ އިހުތިޖާޖުކުރަން ފަށައިފަ އެވެ.
ޖަލްސާއަށް ވަޑައިގެންނެވި ބައެއް މެންބަރުންނާ ނޫސްވެރިން ބައްދަލުކޮށް ބިލަށް ވޯޓު ނުދެއްވުމަށް އެދެމުން ދިޔައިރު، ސަރުކާރުގެ ބައެއް މެންބަރުން ވަނީ ބިލާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކަންބޮޑުވުން ހުރި ނަމަ ކޮމިޓީ މަރުހަލާގައި ބަދަލުތައް ގެނެވިދާނެ ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.
ބިލާ ދެކޮޅުކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހާމަކޮށްފައިވާއިރު، އެ ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. ޕެޓިޝަންގައި ބުނެފައިވަނީ އެ ބިލް ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް އެއިރެއްގައި އޮންނަ ސަރުކާރަކާއި ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
27 August 2025
ގައުމެއްގަ ވިއްޔާ އިޙްތިރާމްކުރަންޖެހޭ ފަރާތްތަކެއްވެސް ހުންނާނެ. ނޫސްވެރިން ވަކި އިސްތިސްނާއެއް ނުވާނެ.
އައިމިނާ
27 August 2025
އަޒާން ވިދާޅުވީ ރަނގަޅަށް އިމެއް އޮންނަންވާނެ.
އައިމިނާ
27 August 2025
ބުނަން އުޅުނީ ނޫސްވެރިންނަކަސް މަސްވެރިންނަކަސް ދަނޑުވެރިންނަކަސް އަތޮޅުވެރިންނަކަސް ރަށުވެރިންނަކަސް އިމެއް މިނެއް ގޮތެއް ފޮތެއް އަދަބެއް އަޚްލާގެއް އޮންނަންވާނޭ. މިނިވަންކަމޭ ކިޔާފަ ތިމާގެ ލަދުހަޔާތް ކުޑަކަން އެންގުމަކުން ނުފުދެޔޭ. އެއީ ކެރުމެއް ވެސްނޫނޭ.އިސްނަގަން އެނގުމެއްވެސް ނޫނޭ. ގާބިލުކަން އިތުރުވެ ފުރި ބަންޑުންވުމެއްވެސް ނޫނޭ. ދެރަވީ ވަރަށް އިހްތިރާމް ކުރި ކުރީގެ ހަރުފުރައިގެ ނޫސްވެރިންވެސް ހިމެނުނީތީވެ.
އަޖޭ
27 August 2025
ރައްޔިތަކު ކިތަންމެ ވަރަކަށް މީދެކަމެއް ނުކުރާށޭ ބުންޔަސް ކުރާނެ. އެއަށްވުރެ މާ ބޯހަރުވާނެ.
އަޖާއިބުގެ ޖަވާބު
27 August 2025
އެތާ އެތިބީ ރައްޔިތުން؟ ކިތައް މީހުންބާ
ޗިލްކޭ
27 August 2025
ބައެއް ފަހަރު މީޑިއާއަކީ ޑެމޮކްރެސީގެ ހަތަރުވަނަ ބާރުކަމަށްބުނެ އޭގެފަހުން ހިތާނުވީމައި ފެންކައްކާ ބޮއްޔަކަށް ވީމަ ކަޑަ. މީޑިއާގައި ގޯސްހަދާނަކަ މީޑިއާތަކުންވެސް އެކަންކަން ފާހަގަކުރާނެ އެއީ ރައީސުލް ޖުމްހޫރިއްޔާއަކާއި ބެހޭ ކަމެއްނޫން.
ޙިތާވެ
27 August 2025
ގާނޫނު ހަދާ މަޖިލިސްއިން ގާނޫނު ހަދާނެ. ކަޑައްޔާމު ކޯޓު ތަކަށް ހުށައަޅާ.
ހާލިއާ
27 August 2025
ހާދަ ބަޔަކު ތި އިހުތިޖާޖު ކުރަނީ!