04 ސެޕްޓެމްބަރ 2025 - 11:30
ކޭޕާކުން ވިއްކި ހަތަރު އެޕާޓްމަންޓެއް އޭގެ ވެރިފަރާތާ 30 ދުވަސް ތެރޭ ހަވާލުކުރަން އަންގައި ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ކޭޕާކްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓްތައް ވިއްކުމުގައި އެ ކުންފުނިން އެތައް ބަޔަކަށް މަކަރާއި ހީލަތް ހެދުމުގެ ބޮޑެތި ތުހުމަތުތަކާ އެކު ތަހުގީގު ފަށާފައި ވާއިރު، ފްލެޓް ގަތް ގިނަ ބަޔަކު ވަނީ ކޯޓަށް މައްސަލަތައް ހުށަހަޅައިފަ އެވެ.
އެ ފްލެޓްތައް އިމާރާތްކުރަމުން އަންނަ ހަންބޯ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ސޮއި ފޯޖްކޮށް، އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކައި، އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކޮށް މައި ކުންފުނި، ހަންބޯއަށް އެއްވެސް ފައިސާއެއް ނުދީ، ސްކޭމް ކުރުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އަދި އެ މައްސަލާގައި މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ދައުވާ ވެސް އުފުލައިފަ އެވެ.
ކޭޕާކް ރެސިޑެންސުން އެތައް ބަޔަކު އެޕާޓްމެންޓް ގަނެފައިވާއިރު، އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ ހަންބޯ ކުންފުންޏަށް ލިބިފައިނުވާތީ، އެޕާޓްމެންޓްތައް ހަވާލުކުރުމަށާއި އެއްބަސްވުންތަކަށް އަމަލުކުރަން އެ ކުންފުނިން ދަނީ ދެކޮޅު ހަދަމުންނެވެ. އެހެންވެ، އެޕާޓްމެންޓް ގަތް ބައެއް މީހުން ކޭޕާކް އެޕާޓްމެންޓް ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައިވެ އެވެ.
ސިވިލް ކޯޓުން އިއްޔެ ހުކުމްކުރީ އަލީ އާދަމް ކިޔާ މީހަކު ހުށަހެޅި މައްސަލައެއްގަ އެވެ. ހުކުމްގައިވަނީ ހަންބޯ ކުންފުންޏާއި އެ މީހާއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ހަތަރު އެޕާޓްމެންޓަކީ އެ ކުންފުނިން އަލީ އާދަމްއާ ހަވާލުކުރަން ޖެހޭ ތަނެއް ކަން އެނގޭ ކަމަށެވެ. އެހެންކަމުން، 30 ދުވަހުގެ ތެރޭގައި އެ ހަތަރު އެޕާޓްމެންޓް ހަވާލުކުރަން ކޯޓުން ހުކުމްކޮށްފައިވެ އެވެ.
އެޕާޓްމެންޓް ހަވާލުނުކުރެވޭ ނަމަ، އެ ގަތުމަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް ވެސް ދައުވާގައި އެދިފައިވެ އެވެ. އެހެންވެ، ކޯޓުން ހުކުމް ކޮށްފައިވަނީ 30 ދުވަހުގެ ތެރޭގައި އެޕާޓްމަންޓްތައް ހަވާލުނުކޮށްފި ނަމަ، އެ ގަތުމަށް އަލީ އާދަމް ދެއްކި 2،900،000 ރުފިޔާ 30 ދުވަސް ތެރޭ ދައްކައި ހަލާސްކުރުމަށެވެ.
މި މައްސަލާގައި ހަންބޯ ކުންފުނިން ކޯޓަށް ޖަވާބުދާރީވެފައެއް ނުވެ އެވެ. އެހެންވެ ހުކުމް ކޮށްފައިވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.
މީގެކުރިން ވެސް ކޭޕާކް އެޕާޓްމެންޓް ހަވާލުކުރަން ހަންބޯ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
05 September 2025
މީހަކު މަކަރާއި ހީލަތުން އެހެންމީހެއްގެ މުދަލެއް ވިއްކީމާ މުދަލުގެ ވެރިފަރާތުން އެ ގަތް މީހާއަށް އެ މުދާހަވާލުކުރަން ޖެހެނީތޯ؟ ވަރަށް ސުވާލު އެބަ އުފެދޭ އެހެން ކަމަށްވާނަމަ.
މަ ބުނީ
04 September 2025
ކޮމައިތޯ މައްސަލައެކީ ލަދެއްހަޔާތެއްނެތި މަބޮޑޭވެގެން މަންޑޭ ތެޅިއަތުވަނީ ! މިއީވާ ޤަޢުމެއް !
ރަންނަމާރި 2.0
04 September 2025
މަންޑޭ ލަޑުދިން އެންމެނަށް ހަންބޯ ކުންފުނިން ކޭޕާކުން އެޕާޓްމަންޓް ދޭނީ ކިހިނެއްބާ، އެއް އެޕާޓްމެންޓެއް 4، 5 މީހުންނަށްވެސް ވިއްކާފައި އެބަހުރި،