ކޭޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ހަވާލު ނުކުރާ މައްސަލާގައި، ފްލެޓް ގަނެފައިވާ މީހަކަށް މި މަހުގެ ނިޔަލަށް ފްލެޓް ހަވާލުކުރުމާއި އަދި ބޮޑު ބަދަލެއް ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. 

ހުޅުމާލޭގައި ކޭޕާކް ފްލެޓްތައް ހަދާ ހަންބޯ ކުންފުނީގެ މައްޗަށް އެ ދައުވާކުރީ ކޭޕާކް އިން 2019 ވަނަ އަހަރު 4.1 މިލިއަނަށް އެޕާޓްމެންޓެއް ގަނެފައިވާ މީހެކެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އޭނާއަށް އެ އެޕާޓްމެންޓް އަދި ދެއްކި ފައިސާ ވެސް އަނބުރާ ލިބިފައެެއް ނުވެ އެވެ. 

އެހެންވެ، އޭނާ ސިވިލް ކޯޓުގައި ދައުވާކުރީ އެ އެޕާޓްމެންޓް އޭނާއާ ހަވާލު ކުރުމަށާއި އަދި އެޕާޓްމެންޓް ލިބެން ނެތްނަމަ، ދެއްކި ފައިސާ އަނބުރާ ހޯދުމުގެ އިތުރުން އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެޕާޓްމެންޓް ހަވާލުނުކޮށް ހުރި މުއްދަތުގެ ކޮންމެ މަހަކަށް 25،000ރ. ގެ ބަދަލެއް ހޯދުމަށެވެ. 

އެ ދައުވާއަށް ހަންބޯ ކުންފުނިން އެއްވެސް ރައްދެއް ޝަރީއަތުގައި ދީފައެއް ނުވެ އެވެ. 

އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައިވަނީ އެ މީހާ ގަނެފައިވާ އެޕާޓްމެންޓް މިމަހުގެ ނިޔަލަށް އެމީހާއާ ހަވާލު ކުރުމަށް ހަންބޯ ކުންފުންޏަށް އަންގާ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ އަންނަ އޭފްރީލް މަހުގެ ނިޔަލަށް ދައްކަން ވެސް ހުކުމްކުރި އެވެ.

އޭގެ އިތުރުން ވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެޕާޓްމެންޓް ހަވާލުކުރުމާ ހަމައަށް ކޮންމެ މަހަކު 25،000ރ. އެ މީހާއަށް ހަންބޯ ކުންފުނިން ދައްކަންޖެހޭނެ ކަމަށް ވެސް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. 

މީގެކުރިން ވެސް ކޭޕާކްގެ އެކި އެޕާޓްމެންޓްތައް ހަވާލުކުރަން ހަންބޯ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވެ އެވެ. ނަމަވެސް، އެ ހުކުމްތަކާ އެއްގޮތަށް އެޕާޓްމެންޓްތައް ހަވާލުކޮށްފައެެއް ނުވެ އެވެ. 

ކޭޕާކް އެޕާޓްމެންޓަކާ ގުޅޭގޮތުން ބޮޑު ބަދަލެއް ސިވިލް ކޯޓުން ނަގައި ދިންއިރު، ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) އެތަނުން ފްލެޓްތައް ވިއްކުމުގެ ނަމުގައި އެކި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ 390 އަހަރުގެ ޖަލު ހުކުމެެއް ކްރިމިނަލް ކޯޓުން ކުރިން އޮތީ ވަނީ އިއްވައިފަ އެވެ. އެ ހުކުމް އައީ ޓެކުމުގެ 46 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ ސާބިތުވެގެންގެނެވެ.

މަންޑޭއާ އެކު ފްލެޓްތައް ވިއްކުމުގައި އިދާރީ މަސައްކަތްތަކުގައި އުޅުނު މަންޑޭގެ މުވައްޒަފު ޖައިޝާން ސައީދުގެ މައްޗަށް ކުރި 95 ދައުވާގެ ތެރެއިން ސާބިތުވި 86 ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް 159 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. މަންޑޭ އާއި ޖައިޝާންގެ މައްޗަށް އިއްވި ހުކުމަކީ، ރާއްޖޭގައި މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ.