ނޭޕާލުގައި މުޒާހަރާކުރަނީ.-- ފޮޓޯ: އޭއެފްޕީ
09 ސެޕްޓެމްބަރ 2025 - 20:51
ނޭޕާލުގައި މި ވަގުތު ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން، އެ ގައުމަށް ދިވެހިން ދަތުރުނުކުރަން ފޮރިން މިނިސްޓްރީން މިރޭ އިލްތިމާސްކޮށްފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ނޭޕާލުގެ އިދާރާތަކުންނާއި އިންޑިއާގައި ހުންނަ ހައި ކޮމިޝަން އަދި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމާއި ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާ ދުރުވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ހަނދާންކޮށްދީފަ އެވެ.
އޭގެ އިތުރުން، ނޭޕާލްގެ ވެރި ރަށް ކަތަމަންޑޫގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިއުލާންކޮށްފައިވާތީ، އެ ސިޓީގައި ދިރިއުޅޭ މީހުން ދަތުރުފަތުރުކުރުމުގައި ސަމާލުކަން ދިނުމާއި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ސޯޝަލް މީޑިއާ ބަންދުކުރުމާއެކު، ނޭޕާލުގައި އިއްޔެ ފެށުނު ހަމަނުޖެހުންތަކުގައި 19 މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. ގައުމުގައި އާންމުވެފައިވާ ކޮރަޕްޝަނާ ދެކޮޅަށް މުޒާހަރާގެ އަމާޒު ބަދަލުކޮށް މިއަދު އިތުރަށް ފުޅާކޮށްފައި ވާއިރު ތަންތަނުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތައް ދަނީ ދެމުންނެވެ. ހާލަތު ގޯސްވެ އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ ވަނީ މިއަދު އިސްތިއުފާ ވެސް ދެއްވައިފަ އެވެ.
ނޭޕާލުގައި މި ވަގުތު ވެސް ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް އަންނަނީ ކިޔަވަމުންނެވެ.
އެ ބަޔާނުގައި ބުނީ ނޭޕާލުގައި ކިޔަވަމުން އަންނަ ދިވެހިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އެ ގައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، އެ ހާއްސަ ހާލަތުގައި ބޭނުންވާ ލުއި ފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި އެ މިނިސްޓްރީން މަސައްކަތްކުރާ ކަމަށެވެ.
އޭގެ އިތުރުން އެ ގައުމުގެ މަޝްރަހު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން މިނިސްޓްރިން ވަނީ އަރުވައިފަ އެވެ.
ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ނަމްބަރު، 919910040786+ ނުވަތަ މިނިސްޓްރީގެ ހޮޓްލައިން 7983400 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެލީ
10 September 2025
ޖެން ޒީ އިންނާ ހެދި އުޅެވޭ ވަރެއް ނޫނޭ
ބޭހޮއްކޮ
10 September 2025
ސިޔާސީ ނާތަހުޒީބު ނާޖާއިޒު ބޭނުމައް ސޯޝަލް މީޑިއާ ބަންދުކުރުމަކީ، މިއޮއްފަދަ 21 ގަރުނު ބަލައިގަނެވޭނެ ކަމެއްނޫން. ސޯޝަލް މީޑިއާ ހުޅުވާލައިގެން ނޭޕާލު ސަރުކާރައް ވެރިކަންކުރަން ނޭންގެންޏާ، އިސްތިއުފާދީފަ ގެއައް ވަޑައިންނަވާ. ތިވަރުގެ ކަންކަން ކުރާ ވެރިން، ވެރިކަމުގަ ތިބެން، ފެނާއި ކަރަންޓު ކަނޑާލަންވެސް ފަސްނުޖެހޭނެ.
ބަހާދުރު
10 September 2025
ބޮޑުވަޒީރު ކޭޕީ ޝަރުމާއާއި ބައެއް ވަޒީރުން އިސްތިއުފާ ދީފި. މިހާރު ނޭޕާލުގަ ސަރުކާރެއް ނެތް. ސޯޝަލް މީޑިއާ އަލުން ލިބޭގޮތްވެސް ހަދައިފި. ދެން ކިހިނެތްތޯ ކަންތައް ކުރަންވީ؟