ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި އިއްޔެ ހިނގި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާގައި އެހީތެރިކަން ބޭނުންވާ ދިވެއްސަކު ހުރިނަމަ އަންގަން ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.
މި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގަން މެދުވެރިވީ ހިމާލަޔާ ފަރުބަދަތަކުގެ އުސް ސަރަހައްދަކުން ގްލޭޝިއާއެއް (ސްނޯ ފަރުބަދައެއް) ކަނޑައިގެން ގޮސް ވެއްޓުމާ ގުޅިގެންނެވެ.
މިނިސްޓްރީން ބުނީ އެ ހާދިސާއާ ގުޅިގެން އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އަދި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ހުންނަ ރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް އެ ހާދިސާގައި އަސަރުކޮށްފައި ނުވާ ކަމަށާއި އެ ހާދިސާ ހިނގި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް، މި ހާދިސާއާ ގުޅިގެން ނޭޕާލްގައި ތިބި އެއްވެސް ދިވެހި ރައްޔިތަކު އެހީތެރިކަމެއް ބޭނުންވާނަމަ ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 9607983400+ ގުޅުމަށް ނުވަތަ [email protected] އީމެއިލް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ނޭޕާލާއި ޓިބެޓްގެ ބޯޑަރު ކައިރީގައިވާ އުސް ފަރުބަދައަކުން ބޮޑު ގްލޭސިއާއެއްގެ ބައެއް ތިރިއަށް ވެއްޓުނު ވަގުތު، އޭގެ ބާރު ގަދަކަމުން، ޖިއޮލޮޖިކަލް ސާވޭތަކުން ފުރަތަމަ ލަފާކުރީ މިއީ 4.4 އާއި 5.2 އާ ދެމެދުގެ ބިންހެލުމެއް ކަމަށެވެ.
ކަނޑައިގެން ދިޔަ ގްލޭސިއާއާ އެކު އެތައް މިލިއަން ޓަނެއްގެ ގަނޑުފެނާއި، ކިސަޑާއި ހިލަތައް ތިރީގައިވާ ވާދީތަކާއި ކޯރުތަކަށް ފައިބައިގެން ދިޔަ އެވެ. އަދި ކުރަމުންދިޔަ މޫސުމީ ވިއްސާރައިގެ ސަބަބުން މި ފެންގަނޑު ފެތުރުމުގެ ބާރު އަވަސްވެ، ފެންގަނޑު ބޮޑުވެގެން ދިޔަ އެވެ. އަދި ވާދީތަކުން ފެންގަނޑު ދެމިގަތީ އާދަޔާ ހިލާފް ބާރަށް އަދި އުސްކޮށެވެ.
ފެންގަނޑު ފެތުރިގެން ދިޔަ މަގުމަތީ ހުރި އިމާރާތްތައް ވަނީ ކިސަޑާއި ކުނިބުނީގެ ތެރޭގައި ވަޅުލެވިފަ އެވެ.
އެ ހާދިސާގައި 270 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު 1،300 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.